English Edition
Dhivehi Edition

އައްޑޫސިޓީ ގަމުގައި ހިންގާ އީކުއޭޓަރ ވިލެޖް ރިސޯޓުން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ރޯދަވީއްލުމުގެ ޚާއްޞަ މެނޫތަކެއް ތައާރަފްކޮށްފިއެވެ. “އަފިރިންގެ ރޯދަ ކެނޑުން” މި ނަމުގައި ކުރިއަށް ގެންދާ ޚާއްސަ ރޯދަވީއްލުމުގައި 3 މެނޫއެއް ހިމެނެއެވެ. އެއީ ބޮލަކަށް 185ރުފިޔާ ޖެހޭ މެނޫއަކާއި ބޮލަކަށް 200 ރުފިޔާ ޖެހޭ މެނޫ އެއްގެ އިތުރުން ބޮލަކަށް 225 ރުފިޔާގެ މެނޫއެކެވެ. ރޯދަ ވީއްލުމަށް އޯޑަރު ނެގޭނީ ގުރޫޕެއްގައި މަދުވެގެން 10 މީހުން ހަމަވުމުން ކަމަށް އީކުއޭޓަރ އިން ބުނެއެވެ. މީގެ އިތުރުން އެއްދުވަސްކުރިން އޯޑަރު ދެއްވަވާ އަދި އަގުގެ %50 އަށް ވާ ފައިސާ އެޑްވާންސްކޮށް ދައްކަން ވެސް ޖެހެއެވެ. 5 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް %50 ޑިސްކައުންޓް އަގެއް ދެވޭއިރު 4 އަހަރުން ދަށުގެ ކުދިންނަށް އެއްވެސް އަގެއް ނުނަގާ ކަމަށް އީކުއޭޓަރއިން ބުނެއެވެ. ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ އިތުރުން އެ ރިސޯޓުގައި އާންމުންނަށް ޚާއްސަ ޕެކޭޖުތަކެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އީކުއޭޓަރ އިން ވަނީ ބުނެފައެވެ. އީކުއޭޓަރ ވިލެޖުން ތައާރަފްކުރާ ޕެކޭޖުތަކުގެ ތެރޭގައި ފެމިލީ ޕެކޭޖުތަކާއި، ދެމަފިރިންނަށް ޚާއްސަ ޕެކޭޖުތަކާއި، އަލަށް ކައިވެނި ކުރާ މީހުންނަށް ޚާއްސަ ޕެކޭޖުތައް ހިމެނެއެވެ. ކޮންމެ ޕެކޭޖެއްގައި، ވޯޓަރ ސްޕޯޓްސް، ޖިމް، މަސްދަތުރު ފަދަ ކަންކަން ހިމެނުމަށް އީކުއޭޓަރ ވިލެޖުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އީކުއޭޓަރ ވިލެޖްގެ މެނޭޖަރ މުހައްމަދު ވަހީދު ވިދާޅުވީ އެތަނުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ބިދޭސީންގެ އިތުރަށް ލޯކަލް މީހުންނާވެސް ރައްޓެހި ތަނަކަށް އެ ރިސޯޓު ހެދުމަށެވެ. “މިތަނަކީ ލޯކަލް މީހުންނާއި ބިދޭސީންގެވެސް ރައްޓެހި ރަހުމަތްތެރި ތަނަކަށް ވާންޖެހޭނެ،” ވަހީދު ވިދާޅުވިއެވެ. އީކުއޭޓަރ ވިލެޖުގެ މެނޭޖަރު ކަމާ ވަހީދު ހަވާލުވެ ވަޑައިގެންނެވި ފަހުން އެތަނަށް މިހާރުވަނީ ވަރަށް ރަނގަޅު ބަދަލުތަކެއް ގެންނަވާފައެވެ.