English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

މައްސަލައާ ގުޅިގެން ސުވާލުކުރުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި ތަހުގީގުގައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން އަންނަ ކަމަށެވެ. އަދި އިތުރަށް މައުލޫމާތު ލިބުނު ގޮތުގައި މެމްބަރު އަހުމަދު އީސާ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން އެދިފައި ވާތީ އެ އަމުރު ހޯދަން ކްރިމިނަލް ކޯޓަށް މިއަދު ވަނީ ހުށައަޅާފައެވެ. ކުށެއް ކުރަމުންދަނިކޮށް ފެނިއްޖެ ހާލަތެއްގައި މެނުވީ މެންބަރަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެއެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އީސަގެ ފަރާތުން އަނިޔާލިބިގެން އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމް ވަނީ އައިޖީއެމްއެޗް އިން ފަރުވާ ވެސް ހޯއްދަވައިފަ އެވެ. މަޖްލިސް މެމްބަރެއްގެ ހައިސިއްޔަތުގައި ހުރެ ގެވެށި އަނިޔާގެ މައްސަލަ އެއް ފެންމަތިވުމުން ރައްޔިތުންގެ ވަރަށް ބޮޑު ފާޑު ކިޔުމެއްވެސް މިވަނީ އީސަ އަށް ކުރިމަތި ވެފައެވެ. އަދި މީގެ އިތުރުން މަޖްލިސް މެންބަރުންވެސް މިކަމާ މިވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވެެއެވެ. އޭގެ ތެރޭގައި މަޑަވެލި ދާއިރާ މެމްބަރު ހުސެއިން ފިރުޝާން ވެސް ވަނީ ރައްޔިތުން މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރުގެ ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ބަލަމުން ގެންދާތީ މުގައްރަރުކަމުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ވާހަކަ ސޯޝަލް މީޑިޔާ ގައިވެސް ހިއްސާ ކޮށްފައެވެ. އެހެނަސް އެމަސައްކަތް ކުރިއަށް ގެންދަމުން ދިޔަ ދަޑިވަޅުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަވަނީ އަމިއްލަ ފުޅަށް އިޖްތިމާއީ ކޮމިޓީގެ މުގައްރަރު ކަމުން އިސްތިއުފާ ދެއްވާ ބަޔާނެއް ނެރެފައެވެ. ބަޔާނުގައިވާ ގޮތުގައި ގެވެށި އަނިޔާގެ ތުހުމަތެއް ކުރެވިފައިވާތީ ދައުލަތުގެ ކަމާބެހޭ މުއައްސަސާ ތަކަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދިނުމަށްޓަކައި އިސްތިއުފާ ދެއްވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނު ތަކާއި ޤަވައިދު ތަކާއި ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ރައްޔިތުންނާއި ދާއިރާގެ މެމްބަރުންނަށް ދަންނަވާ ކަމަށް ވެއެވެ.

ނަމަވެސް ލިބުނު އަނިޔާގެ ވާހަކަ ހިއްސާ ކުރައްވަމުން މެމްބަރު އަހުމަދު އީސަގެ އަނބިކަބަލުން މިއަދު ވަނީ ސޯޝަލް މީޑިޔާގައި ޕޯސްޓެއް ހިއްސާ ކުރައްވާފައެވެ.ޕޯސްޓް ގައި ބުނެފައިވާ ގޮތުގައި މި ވަރުގެ ކަންތައްތަކެއް ދިމާވެދާނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށާއި ފާއިތުވި 24 ގަޑިއިރަކީ ދެމައިންނަށް އުނދަގޫ އިހުސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެއް ކަމަށް ބުނެފައި ވެއެވެ. ނަމަވެސް މާތްﷲ ގެ ވާގިފުޅާ އެކު އަސްރާ އާއި ކުޑަ ދަރިފުޅުގެ ހާލު ވެސް މިހާރު ރަނގަޅެވެ. މި އުނދަގޫ ވަގުތުގައި ރަހުމަތްތެރިންނާއި ހެޔޮ އެދޭ އެންމެހާ ފަރާތްތަކުން އަސްރާއަށް ދެއްވާ ހިތްވަރަށްޓަކައި ހިތުގެ އެންމެ ފުންމިނުން އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ފާހަގަ ކޮށްފައި ވެއެވެ.