ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ “ކޮކާކޯލާ ރަން އިން އައްޑޫ” 312 ބައިވެރިންނާއެކު މިއަދު ފަތިހު 4:30 ގައި އައްޑޫގައި ފަށައިފިއެވެ.
މި އިވެންޓުގެ ފުލް މެރެތަން (42 ކިލޯމީޓަރު) ރޭސް ފަތިހު 4:45 ގައި ކޮންވެންޝަން ސެންޓަރު ސަރަހައްދުން ފަށާފައިވާއިރު އެތަނުން ފަށައިގެން މަރަދޫ އާއި ފޭދޫ ހުރަސްކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލާ ހަމައަށް ގޮސް އެތަނުން އަނބުރާލާފައި އައިސް ރޭސް ނިންމާނީ ކޮންވެންޝަން ސެންޓަރަށެވެ.
ހާފް މެރެތަން (21 ކިލޯމީޓަރު) ފަށާފައިވަނީ އެއާޕޯޓުގެ ޓާމިނަލް ދޮރުމަތިންނެވެ. އަދި އެތަނުން ފަށައިގެން ފޭދޫ އާއި މަރަދޫ ހުރަސްކޮށް ރޭސް ނިންމާނީ ހިތަދޫ ކޮންވެންޝަން ސެންޓަރަށެވެ. މި ރޭސް ފަށާފައިވަނީ މިއަދު ހެނދުނު 6:45 ގަ އެވެ.
ރޭހުގައި ހިމެނޭ 10 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ ލިންކް ރޯޑް ފެށޭ ހިސާބުން ހެނދުނު 7:45 ގަ އެވެ. އަދި 5 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45 ގަ އެވެ. ދެ ރޭސް ވެސް ނިންމަން ޖެހޭނީ ކޮންވެންޝަން ސެންޓަރަށެވެ.
ޓީއެފްޖީގެ މި އިވެންޓްގައި އިއްޔެ ހަވީރު ވަނީ އުމުރުން ދުވަސްވީ މީހުންގެ ހިނގާލުމަކާއި ކުޑަކުދިންގެ ދުވުމެއްވެސް އީސީސީ ސަރަހައްދުގައި ބާއްވާފައެވެ.
“ކޮކާކޯލާ ރަން އިން އައްޑޫ” އަކީ ޓީއެފްޖީން ފަށާފައިވާ “ރަން އިން މޯލްޑިވްސް” ސީރީސްގެ ފުރަތަމަ އިވެންޓެވެ. މިއިވެންޓަށްފަހު ޓީއެފްޖީ ތައްޔާރު ވާނީ “ރަން އިން ލާމު”އަށެވެ.