ހުރިހާ ހާލަތެއްގައިވެސް ޕީޕީއެމްއިން ދައްކަމުން އަންނަނީ ޑިމޮކްރަސީގެ ރީތި ނަމޫނާ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ. ޕީޕީއެމް އަދި އެމްޑީއޭގެ ސިލްސިލާ ޖަލްސާތަކުގެ ރޭގެ ރެލީގައި އަޒްލީން ވިދާޅުވީ މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް މާބޮޑު ކާމިޔާބީއެއް ލިބިފައިނުވި ނަމަވެސް މި ލިބުނު ފުރުސަތުގެ ބޭނުން ކޮށްގެން ކުރިއަށް އޮތް ތަނުގައި ސަރުކާރު ކޯލިޝަނުން ނަމޫނާ ދައްކާނެ ކަމަށެވެ. އަދި މިހާރު އިދިކޮޅު ފަރާތްތަކުގެ މެދުގައި ރޯވެފައިވާ ސިޔާސީ ފިތުނަވެރިކަމުގެ ހުޅުގަނޑުގައި އެމީހުން އެއްކޮށް އަނދާ ހުލިވެގެން ދާނެ ކަމަށާއި އެއީ ސިޔާސީ ގޮތުން އެމީހުންނާ ކުރމަތިވެފައިވާ ހައްލު ނުކުރެވޭ ވަރުގެ ބޮޑު ގޮންޖެހުމަކަށްވެސް ވާނެ ކަމަށެވެ އިންތިޚާބުގައި ސަރުކާރު ކޯލިޝަނަށް މާބޮޑު ކާމިޔާބީއެއް ލިބިފައިނުވި ނަމަވެސް ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެއްދުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށާއި ކައުންސިލް އިންތިހާބުގައި ސަރުކާރަށް ގޮނޑިތައް ނުލިބުނު ދާއިރާތަކަށްވެސް ސަރުކާރުން ދޭންޖެހޭ ޚިދުމަތްތައް ދެއްވާނެ ކަމަށް އަޒްލީން ވިދާޅުވިއެވެ. ފާއިތުވެގެންދިޔަ އަހަރުތަކާއި ދުވަސްތަކުގައި ސަރުކާރުން އަދި ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް މަސައްކަތް ކުރެއްވީ ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށް ކަމަށް ހޯމް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި އެ ދުވަސްތަކުގައި ރައީސް ޔާމީންގެ މަސައްކަތާއި އެމަނިކުފާނުގެ އަމާޒު ހުރީ މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބަށް ނޫން ކަމަށްވެސް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ކޯލިޝަނަށް ލިބުނީ ނާކަމިޔާބެއް ނޫން ކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ އެއީ ޕާޓީގެ ކަންކަން އިތުރަށް ފުރިހަމަކުރަން ލިބުނު ފުރުސަތެއް ކަމަށެވެ