English Edition
Dhivehi Edition

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހިންގުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތަކާ ބެހޭ މައުލޫމާތު މިނިސްޓްރީ އޮފް ހެލްތާއި ހިއްސާކޮށްފިއެވެ. ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްގެ ދައުވަތަކަށް މާލެ ވަޑައިގެން، އެ ކަންކަން މިނިސްޓްރީގެ އިސްވެރިންނާ ހިއްސާ ކުރައްވާ މަސައްލަތަކަށް ހައްލު ހޯދޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވެވީ އެޗްއާރްއެޗްގެ ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރ މުހައްމަދު ނަޖީބެވެ. އެޗްއާރު ހިންގުމުގައި ގިނަ މައްސަލަތައް ހުރި އިރު ހޮސްޕިޓަލް ހިންގުމުގައި ދިމާވެފައިވާ ވަރަށް ގިނަ އިޝޫޒްތައް ވަނީ މިނިސްޓްރީއާއި ހިއްސާ ކުރެވިފައިކަމަށް ނަޖީބް ވިދާޅުވިއެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ އައްޑޫސިޓީގެ ގިނަ ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދަމުން އަންނަ ތަނަކަށް ވެފައިވާ އިރު މިތަނުން ދެވޭ ޚިދުމަތް ތަކާ ބެހޭ ގޮތުން ގިނަ ބަޔަކު އަބަދުވެސް ދަނީ ފާޑުކިޔަމުންނެވެ. އެކަށީގެންވާ ފެންވަރަށް ޚިދުމަތް ނުދެވޭ ކަމަށާއި އަދި އިމާރާތް ބާވެ ހަލާކުވަމުންދާ މައްސަލައަކީ ގިނަ ބަޔަކު އަބަދުވެސް ދައްކާވާހަކައެވެ. ވަކިން ޚާއްޞަކޮށް އައްޑޫގައި ހިނގާ އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ މީހުންނަށް އެކަށީގެންވާ ފަރުވާ ދެވެން ނެތުމުން ކޮންމެ ފަހަރަކު މާލެ ފޮނުވަން ޖެހޭ މައްސަލައަކީ ވެސް ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ. 1984 ގައި އައްޑޫގައި ހުޅުވި މި އިމާރާތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މީގެ 2 އަހަރުކުރިން ފަށާފައިވީނަމަވެސް އަދި މަސައްކަތް ނިންމާލެވޭ ވަރެއް ނުވެއެވެ. ސަރުކާރުން ބުނެފައިވަނީ މިހާރު ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ވުރެ އަވަހަަށް އައްޑޫގައި ގާއިމު ކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލް ނިންމާ އެތަނުގައި ޚިދުމަތް ދެވެން ފެށޭނެ ކަމަށެވެ. ސަތޭކަ އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް އައްޑޫއިކޮޓޯރިއަލް ކޮންވެންޝަން ސެންޓަރ ބަދަލު ކުރަން 161.8 މިލިއަން ރުފިޔާ އަށް އެލިއާ ކޮންސްޓްރަކްޝަނާ ހައުސިން މިނިސްޓްރީން ހަވާލު ކުރީ ނޮވެމްބަރު 14، 2016 ގަ އެވެ. އެ މަޝްރޫއު އެންމެ ލަސްވެގެން މެއި 8، 2018 އަށް ނިންމަން ޖެހޭނެ ކަމަށް ޝަރުތުކޮށްފައިވެ އެވެ.