English Edition
Dhivehi Edition

ކޮންމެ އަންހެނަކުވެސް ފުރާވަރަށް އެރުމާއެއްކޮށް މެދުއުމުރުގެ ނޫނީ ދުވަސްވީ މީހުންގެ ފަރާތުން ތަފާތު ސުވާލުތައް ކުރިމަތި ކުރުވައެވެ. ހަގީގަތަކީ، އެކުރާ ސުވާލުތަކުން ވާ އުނދަގުލާއި ނޫނީ އެސުވާލު ތަކުގެ ޖަވާބަކީ އެހެން މީހުންނަށް އެނގެން ބޭނުން ނުވާ ސުވާލުތަކަށް ގިނަފަހަރު ވުމެވެ. ބައެއް މީހުންގެ ދިރިއުޅުމުގައި އެހެން މީހުންނާ ހިއްސަނުކޮށް އެތައް ގިނަ ހިތްދަތި ސިއްރުތަކެއްވާނެއެވެ. މިފަދަ މައްސަލަތައް ތަހައްމަލް ކުރަމުންދާ މީހަކާ އެފަދަ ސުވާލެއް ކުރިމަތި ވެއްޖެނަމަ އޭނައަށް ކުރާނެ ނޭދެވޭ އަސަރާމެދު ވިސްނާލާނީ ކޮންއިރަކުން ތޯއެވެ؟ އަހަރެމެންނަކީ އިންސާނުންނެވެ. އިންސާނުން ގެތެރެއިން ގިނަމީހުންނަކީ މީހަކު ފެނުމުން ބުނާނެ އެއްޗެއް ނޭންގި ބައެއްފަހަރު ހާލު ބެލުމުގެ ބަދަލުގައި ނެދެވޭ ސުވާލުތައް ކުރާމީހުންނެވެ.މިކަން ދިވެހިންގެ މި މުޖުތަމައުގައި ވެސް މިއާދު ވަރަށް ބޮޑެވެ.

ތިރީގައި މިވާ ސުވާލުތައް މީހުންނާ ކުރުމުގެ ކުރިން ވިސްނާލުން ބުއްދިވެރިއެވެ.

1- ހާދަ ހިއްކޭ ނުކަނީތަ / ހާދަ ފަލައޭ މާގިނައިން ދޯކަނީ

އެކަކު އަނެކަކާ ދިމާނުވެ ދުވަސްކޮޅެއް ވާފަހުން ހާލުބެލުމުގެ ބަދަލުގައި އެންމެ ފުރަތަމަވެސް މި ދެ ސުވާލުން ސުވާލެއް ކޮށްލާ މީހުން މިހާރު ވަރަށް ގިނައެވެ. މި ސުވާލު މީހުންނާ ކުރިމަތި ކޮށްލާއިރު ވިސްނާލަން ޖެހޭކަމަކީ ބައްޔެއްގެ ސަބަބުން ނޫނާ ކާބޭހަކުން ނޫނީ އެކުއްޖަކު ދުނިޔެއަށް އައުމާހަމައިންވެސް ސިއްހަތު ރަނގަޅު ކުދިން ތިބޭނެކަމެވެ. އެގޮތުން ކޮންމެ ފަލަމީހަކު ފަލަކޮށް ހުންނަން ބޭނުން ނުވިނަނަވެސް ބައެއް ކަންތަކާހުރެ ފަލަކޮށް ހުންނަން މަޖުބޫރުވެފައި ތިބޭ މީހުންނެވެ. ހަމަ އެފަދައިން ހިކި ކުދިންނަކީވެސް މިފަދަ ސަބަބުތަކާކާހުރެ ހިކިކޮށް ތިބޭކުދިންކަމަށް ވެދާނެއެވެ.

2- ކިޔަވަންތަ ؟ ފާސްވިތަ ؟

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އެކި ކުދިންގެ ސިކުންޑި ތަރައްގީވަނީވެސް އެކިވަރަށެވެ. ކޮންމެ ކުއްޖަކުވެސް އެކުއްޖަކަށް އެނގޭ މިންވަރުން ކިޔަވާނެ ކަންޔަގީނެވެ. ބައެއް ހާލަތްތަކަށް ބަލައި ގިނަ މީހުންނަކީ އެމީހުންގެ ދަރިންނަށް ލިބޭ މާރކްސް މީހުންނާ ހިއްސާކުރާ ބަޔަކަށް ނުވެއެވެ. އެހެންކަމުން މި ސުވާލުކޮށް ލުމުގެ ކުރިން ވިސްނާލާށެވެ.

3- ކޮންއިރަކު ކައިވެނި ކުރަނީ؟ މިހާރު ކައިވެނި ކުރާވަރު ވެއްޖެއެއްނު؟

އަހަރެމެންގެ ރާއްޖޭގައި އޮންނަ ގޮތުން ނަމަ އުމުރުން 18 އަހަރު ވުމަށްފަހު ކޮންމެ މީހަކަށްވެސް ކައިވެނި ކުރުމުގެ ހައްގުލިބެއެވެ. ހުރިހާ އެންމެން އުމުރުން 18ފުރޭއިރު ކައިވެނި ކުރަން ބޭނުން ނުވެދާނެއެވެ. މިކަމުގައި ވެސް ދިރިއުޅުމަށްޓަކައި ކުރަން ޖެހޭ ބައެއް ކަންކަން ނިންމަން ނޫނީ ކައިވެންޏަށް ތައްޔާރު ވުމުގެ ގޮތުން އެމީހަކަށް ވަގުތު ބޭނުން ވެދާނެއެވެ. އެހެން ކަމުން އެމީހަކު ކައިވެނި ކުރަން ބޭނުންވާ އުމުރު އެމީހަކަށް ނިންމުމުގެ އިހްތިޔާރު އޮތް އިރު މިސުވާލު ކުރުމުން ސުވާލު ކުރާމީހާއާ މެދު ހިތްހަމަ ނުޖެހޭފަހަރު އާދެއެވެ.

4- ކުއްޖަކު ހޯދަނީ ކޮންއިރަކުން؟

ކައިވެނި ކުރުމާއެކު މި ސުވާލަކީ އާންމުކޮށް މީހުންނާ ކުރިމަތިވާ ސުވާލެކެވެ. ދެމީހަކު ކައިވެނި ކުރަނީ ދަރިންހޯދައި ދިރިއުޅުމެއް ބިނާކުރުމަށެވެ. އެހެން ނަމަވެސް ކައިވެނި ކުރުމަށްފަހު ދެމީހުންގެ ދިރިއުޅުން ހަމަޖެހެން ދެން އަދި އާމްދަނީ ގެގޮތުން ބަލާނަމަ ދަރިޔަކު ހޯދުމުގެ ތަނަވަސްކަން ހުރި ކޮންމެ މީހަކު ވަގުތު ޖެހުމުން ދަރިޔަކުހޯދާނެއެވެ. މި ކަމަކީ އެ ދެމަފިރިޔެއްގެ ނިންމުމެވެ. ދަރިން ދެއްވަނީ ވަކިފަރާތަކުންނެވެ. ދަރިން ލިބުމުގެ ނަސީބު ހުރިކޮންމެ މީހަކަށް ދަރިން ލިބޭނެއެވެ. ބައެއް ހާލަތް ތަކުގައި ދެމަފިރިން ކުރެ އެކަކަށް ދަރިން ލިބުން އުނދަގޫވާ ފަހަރުވެސް އާދެއެވެ. ބޭސްކޮށްގެންނާއި ބޭސްކުރުމުން ވެސް އެނަސީބު ނުލިބޭމީހުން ތިބެއެވެ. އެހެން ކަމުން އެފަދަ މީހަކާ މިއިން ސުވާލެއް ކޮށްލެވުމުން އެމީހަކަށް ކުރާނެ އަސަރާމެދު ވިސްނައި މިސުވާލު ނުކޮށްވޭތޯ ބަލާށެވެ. ދިރި އުޅުމުގެ ގިނަ ކަންތަކަކީ ސިއްރުކޮށްފައި ވާ ކަންތަކަށްވައިރު އެކަކު އަނެކަކުގެ އިހުސާސާ ކުޅެލުމުގެ ކުރިން ވިސްނައިލުން ބުއްދިވެރިއެވެ.

5- ކިހާވަރެއްގެ އާމްދަނީ އެއްލިބޭތަ؟

މި ސުވާލަކީވެސް އުމުރުން ދޮށީމީހުން އާންމުކޮށް ޒުވާނުންނާ ކުރާ ސުވާލެކެވެ. އެއްވެސް މީހަކު އެމީހަކަށް ލިބޭ އާމްދަނީގެ ވާހަކަ އެހެން މީހުންނާ ހިއްސާކުރަން ބޭނުން ނުވެދާނެއެވެ. ކުރާ ފައިސާގެ މުއާމަލާތްތަކާއި ލިބޭ އާމްދަނީ އަކީ އެއްވެސް މީހަކު އަނެކާ އާ ހިއްސާކުރަން ބޭނުންވާ ކަމަކަށް ނުވެއެވެ. ގިނަމީހުން ބުނާގޮތުގައި އެއީ އެމީހުންގެ އަމިއްލަ ދިރިއުޅުމެވެ. އަމިއްލަ ދިރިއުޅުމުގައި ކުރާ ކަންތަކުން ހުރިހާ ކަންތަކަކީ މީހުންނާ ހިއްސާ ކުރަން ބޭނުންވާ ކަންތަކެއް ނޫނެވެ.

6- މޫނާއި އިސްތަށިގަނޑު ރީތިކުރަން ނުވޭތަ؟

ކޮންމެ މީހެއްގެ ވެސް ހުންނަނީ ތަފާތު ހަންގަނޑެކެވެ. ބައެއްމީހުންގެ ހަންގަނޑަށް ފަރުވާ ނުދިނަސް ރީއްޗެވެ. އަދި ބައެއް މީހުންގެ ހަންގަނޑަށް ފަރުވާ ދިނަސް ބައެއްފަހަރު މޫނުގައި ބިހިނަގައި ލަކުނުލާފައި ހުރެއެވެ. އަދި ކޮންމެ މީހަކީ ތަނަވަސް މީހަކަށް ނުވުމުން އަގުބޮޑު ތަކެތި ގަންނަން ނުލިބުމުގެ ސަބަބުން ހަންގަނޑަށް ފަރުވާ ނުކުރެވި ހުރެއެވެ. އެމީހެއްގެ ހާލަތު އަނެކާ އަށް ނޭނގޭއިރު ބަސްނުބުނާށެވެ. ހަމަ އެހެންމެ އިސްތަށިގަނޑު ރީތިކޮށް ގެންގުޅެން އަގުބޮޑު ޕްރޮޑަކްޓުތަކާއި ރީތިގޮތަކަށް ބޯކޮށާލަން ސެލޫނަކަށް ދިޔުމުގެ ތަނަވަސްކަން ނުލިބޭމީހުންވެސް ތިބެދާނެއެވެ.

ކޮންމެ މީހަކީވެސް ރީތި މީހެކެވެ. އެމީހެއްގެ ވަރުން އެމީހަކު ހުންނާނީ އެންމެ ފުރިހަމައަށް ކަންތައް ކޮށްގެންކަން އެންމެން ވެސް ދަންނާށެވެ. އަދި އެހެން މީހުންގެ އިހުސާސްތަކެއް ވާކަން ދަނެގެން މީހުންނާ ކުރިމަތިލާށެވެ. ކިތަންމެ ކުރަން ބޭނުން ވާ ސުވާލެއް އޮތްނަމަވެސް ސުވާލު ކުރުމުގެ ކުރިން ވިސްނާލާށެވެ. ދުލުން ބުނެވޭ ބަހަކީ އަނބުރައި ނަގާލެވޭނެ އެއްޗެއް ނޫނެވެ.