English Edition
Dhivehi Edition

މިނިވަން ޗެމްޕިއަން ޝިޕްގެ ދިހަވަނަ މެޗްގައި ފައްސޭހަ މޮޅަކާއެކު ހިތަދޫ ޓީމު ފައިނަލަށް ދަތުރުކޮށްފިއެވެ. މިއަދު ހަވީރު ކުޅުނު މި މެޗްގައި މަރަދޫފޭދޫ ކޮޅަށް ޖެހި ދިހަ ލަނޑާއެކު ހިތަދޫ ޓީމުން ވަނީ މެޗް ނިމެންދެން މަރަދޫފޭދޫއަށް ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތެއް ނުދީ އެ ޓީމު ހިފަހައްޓާފައެވެ. ހިތަދޫ ޓީމުގެ ފަރާތުން ވަރުގަދަ މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ އަށްވަނަ މިނިޓްގައި މިރާހް މުހައްމަދު އެ ޓީމަށް ކާމިޔާބުކޮށްދިން އިރު 33 ވަނަ މިނިޓާއި 75 ވަނަ މިނިޓްގައި ޖެހި ދެ ގޯލާއެކު މިރާހްވަނީ ހެޓްރިކް ހަދާފައެވެ. މި މެޗްގައި މަރަދޫފޭދޫ އޭރިއާގެ ތެރޭގައި ގިނަ އިރު ބޯޅަގެންގުޅެފައިވާއިރު މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ މުހައްމަދު އިންޝަލްގެ ދެ ލަނޑާއެކު ހިތަދޫ ޓީމަށް ހަތަރު ލަނޑުގެ ލީޑަކާއެކުގައެވެ. ހިތަދޫ ޓީމުން މަރަދޫފޭދޫ ޓިމުގެ ޑިފެންސްލައިން ފޫ އަޅުވާލުމަށްފަހު ގޯލަށް އަމާޒުކޮށް ފޮނުވަމުން ދިޔަ ހަމަލާތައް ދިފާއުކުރުމަށްޓަކައި ކުޅުންތެރިންނާއި ކީޕަރުވަނީ ވަރަށް މަސައްކަތްކޮށްފައެވެ. މި ގޮތުން ހިތަދޫ ޓީމަށް ކާމިޔާބުކުރެވުނު ފަސްވަނަ ގޯލަކީ މަރަދޫފޭދޫ ޓީމުގެ އަބްދުއްﷲ ޝިފާޒް ދިފާއުކުރަން އުޅުނު ބޯޅައެއް ގޯލަށްވަދެގެން ލިބުނު ލަނޑެކެވެ. މަރަދޫފޭދޫ ޓީމުން ހިތަދޫ ޓިމު ހިފެހެއްޓުމަށްޓަކައި މަސައްކަތްކުރަމުން ދިޔައިރު ހައްދިހަ ތިންވަނަ މިނިޓްގައި ހަސަން މިފްރާހްވަނީ އިތުރު ލަނޑެއް ހިތަދޫ ޓީމަށް ކާމިޔާބުކޮށްދީފައެވެ. މިފްރާހްގެ ލަނޑަށްފަހު މަރަދޫފޭދޫ ޓިމަށް ހަމަޖެހިލާނެ ފުރުސަތެއް ނުދީ މެޗްގެ ހައްދިހަ ފަސްވަނަ މިނިޓްގައި މިރާހްޖެހި ތިންވަނަ ގޯލާއެކު ހިތަދޫއަށް އިތުރު ލަނޑެއް ކާމިޔާބުކުރެވުނެވެ. މި މެޗްގެ ހަތްވަނަ ލަނޑާއެކު މަރަދޫފޭދޫ ޓީމުން ވަރަށް ބޮޑަށް މެޗް ދޫކުރުމުގެ ނަތީޖާއެއްގެ ގޮތުން މުހައްމަދު ޝިޔާންވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އަދި އޭގެ ހަތަރު މިނިޓްފަހުން މެޗްގެ ނުވަވަނަ ލަނޑު ޝިޔާން ޖެހުމާއެކު ހިތަދޫ ޓީމުން ކާމިޔާބީގެ އުފާފާޅުކުރަމުން ދިޔަތަން ފެނިގެން ދިޔައެވެ. މި މުބާރާތުގެ ފައިނަލަށް ހިތަދޫ ޓީމާއި ފޭދޫ އެފްސި ދަތުރުކޮށްފައިވާއިރު މި ދެ ޓީމު ބައްދަލުކުރާ ފައިނަލް މެޗް އޮންނާނީ 17 މެއި ވާ ބުދަ ދުވަހު މީދޫ ސްޓޭޑިއަމްގައެވެ.