އެއްގަމު އުޅަނދު ދުއްވަމުން އެއްވެސް ބާވަތެއްގެ މުއާސަލާތީ ވަސީލަތެއް ބޭނުންކުރުމަކީ މަނާ ކަމެއްކަމަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ކަނޑައަޅާފައި ވެއެވެ. އެއްގަމުގައި ދުއްވާ އެއްޗެއްސަކީ އަޅުގަނޑުމެންގެ ޢާއްމު ދިރިއުޅުމުގައި އެއާނުލައި ނޫޅެވޭވަރަށް ބަރޯސާ ވެވިފައިވާ އެއްޗެއްސެވެ. އަވަސް އަވަހަށް ތަންތަނަށް ދިޔުމާއި، ފިނިބުރު ޖަހާލުމުގައި ވެސް އެންމެ ގާތް ރަޙްމަތްތެރިއެއްގެ ގޮތުގައި ބޭނުންކުރެވެނީ ކޮންމެވެސް އުޅަނދެކެވެ. އެގޮތުން އުޅަނދަކަށް އަރާއިރު އެއުޅަނދެއްގައި ހުންނަންޖެހޭ ސްޓިކާތައް ހަމައަށް ހުރިތޯ ބެލުމަކީ މިހާރަކަށް އައިސް ގިނަ ބަޔަކު ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރަމުންދާ ކަމެކެވެ. އެހެންނަމަވެސް އުޅަނދު ދުއްވުމުގައި ހެދިފައި ހުންނަ ގަވައިދުތަކާ އެއްގޮތަށް ބައެއް މީހުން އަމަލު ނުކުރެވުމުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ހިނގުމަށް މެދުވެފިވެފައިވެއެވެ. މިގޮތުން އުޅަނދު ދުއްވާއިރު މުއާސަލާތީ އެއްވެސް ވަސީލަތެއް ބޭނުން ކުރުމަކީ ގާނޫން ނަންބަރ 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫން) އަށް 2015 ނޮވެންބަރ 30 ވަނަ ދުވަހު ގެނެވިފައިވާ އިސްލާޙްގެ ސަބަބުން މަނާކަމެކެވެ. އެޤާނޫނަށް ގެނެވުނު އިސްލާޙްގެ 55 ވަނަ މާއްދާގެ (ހ) ގައި ވާގޮތުން އުޅަނދު ދުއްވާއިރު ދުއްވަން އިންނަ މީހާ މޯބައިލް ފޯނާއި އަތުން ހިފައިގެން ބޭނުންކުރާ އެއްވެސް މުއާސަލާތީ ވަސީލަތެއް ބޭނުން ކުރަމުން ދުއްވުމަކީ މަނާކަމެކެވެ. އަދި މިމާއްދާގެ (ށ) ގައިވާ ގޮތުން ހެޑްސެޓް އަޅައިގެން ދުއްވުމާއި، ޓީވީ ބަލަމުން ނުވަތަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ވީޑިއޯ ނުވަތަ އެފަދަ އެއްޗެއް ބަލަމުން ދުއްވުމާއި އެހެން ފަރާތްތަކަށް އަޑުއިވޭވަރަށް ބާރަށް ލަވަޖެހުމަކީ މަނާކަމެވެ. މިކުށުގެ އަދަބަކީ 750 ރުފިޔާއިން ޖޫރިމައިނާ ކުރުމެވެ. މަގުތަކަކީ އެބޭނުންކުރާ އެންމެންނަ އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައި އޮންނަ ތަނަކަށް ހެދުމަށްޓަކައި ޤާނޫނަށް މިފަދަ އިސްލާޙްތައް ގެނެވެއެވެ. އެހެންނަމަވެސް މަގު ބޭނުންކުރާ ބައެއް ފަރާތްތަކުން ނޭނގި ނަމަވެސް މިފަދަ އިސްލާޙްތަކަށް ބޯނުލެބުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތަކާއި ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ. އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި އެއްގަމު އުޅަނދު ދުއްވާއިރު އެއްވެސް ބާވަތެއްގެ މުއާސަލާތީ ވަސީލަތެއް ބޭނުންކުރުމަކީ މަނާކަމެއްކަމަށް ކަނޑައަޅާފައި ވަނީ އެއިގެ ސަބަބުން ހިނގާފާނެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން މަދުކުރުމުގެ މަޤްސަދުގައެވެ.