“އޭއޯނިއުސް ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ރެސިޕީއަކީ ކުކުޅު މަހުގެ ބާވަތްތައް ކާހިތްވާ ފަރާތް ތަކަށް ވަރަށް ހާއްސަ އަދި މީރު ޑިޝްއަކަށް ވާނެއެވެ. ފަސޭހައިން ތައްޔާރު ކޮށްލެވޭ މިޑިޝް ބަތް، ޕާސްތާ ނޫނީ ގާލިކް ނާން އާއެކު ކާލާން މީރުވާނެއެވެ.
ކުކުޅަށް ބޭނުންވާތަކެތި:
4 ގަނޑު ޗިކެން ބްރެސްޓް (ކިއުބްގޮތަށް ކޮށާފައި)
2 ސައިސަމްސާ އޮނިއަން ޕައުޑަރ އަދި ގާލިކް ޕައުޑަރ
1 ސަމްސާ ޕްރެޝް ޕާސްލީ (ކުދިކޮށް ކޮށާފައި)
1/2 ސަމްސާ ޑްރައިޑް ތައިމްސް އަދި ރޯސްމެރީ
ރަހަލާވަރު ލޮނު ކޮޅެއް އަދި އަސޭމިރުސް ކޮޅެއް
ސޯސް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
4 ލޮނުމދު ހިމުންކޮށް ކޮށާފައި
1 ސަމްސާ ތާޒާ ޕާސްލީ ކޮށާފައި
1/2 ސަމްސާ ޑްރައިޑް ތައިމް އަދި ރޯސްމެރީ
1 ޖޯޑު ކިރު (ފުލްކްރީމް)
ލޮނު އަދި އަސޭމިރުސް ކޮޅެއް ރަހަލާވަރަށް
1 ސަމްސާ ޒުވާރި ފުށަށް ފެންފޮދެއް އަޅާފައި އޮލަކޮށް ގިރާފައި
ތައްޔާރު ކުރާނެގޮތް:
އެންމެ ފުރަތަމަ އޮނިއަން ޕައުޑަރ، ގާލިކް ޕައުޑަރ، ޕްރެޝް ޕާސްލީ، ޑްރައިޑް ތައިމްސް، ރޯސްމެރީ ލޮނު އަދި އަސޭމިރުސް އެއްކުރުމަށްފަހު ކޮށާފައިވާ ކުކުޅުގައި އުނގުޅުމަށްފަހު މެރިނޭޓް ކުރުމަށް ބަހައްޓާށެވެ. އޭގެފަހުން ތަވަޔަށް ތެޔޮފޮދެއް އަޅާފައި ކުކުޅު ކޮޅު ދެފުށަށް ޖަހަމުން ރޯފިލަންދެން ފިހެލުމަށްފަހު ނަގާފައި ތަށްޓަކަށް އަޅާލާށެވެ.
ދެން ހަމަ އެތަވަޔަށް ދެ ސަމްސާ އޮލިވް އޮއިލް އެޅުމަށްފަހު ލޮނުމެދު، ޕާސްލީ ތައިމް އަދި ރޯސްމެރީ އަޅައިގެން އެއްމިނެޓް ވަންދެން ކައްކާށެވެ. ދެން ކިރު އެޅުމަށްފަހު ލޮނު އަދި އަސޭމިރުސް ކޮޅުއަޅާފައި ކެކެންފެށީމަ ގިރާފައި ހުރި ޒުވާރި ފުށް ކޮޅު އަޅާ އޮލަވަންދެން މަޑުގިނީގައި ދޭފަތުން ހަލުވަމުންކައްކާށެވެ. . ރަނގަޅަށް ކެކުނީމަ ކުކުޅު ކޮޅު އެޅުމަށްފަހު ރޯސްމެރީ އަދި ޕާސްލީ ކޮޅު އެއްކޮށްލުމަށްފަހު އުންދުން މަތިން ތަވާބާލާށެވެ.
ނޯޓް: އޮނިއަން ޕައުޑަރ އަދި ގާލިކް ޕައުޑަރ ގެ ބަދަލުގައި ފިޔާ އަދި ލޮނުމެދު ގާނާފައި ވެސް ބޭނުން ކުރެވިދާނެއެވެ.