ރާއްޖޭގައި ކޮވިޑް19 ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައިޖީއެމްއެޗް ތެރޭ މައްޔިތުންގެ މޫނު ދެއްކުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.
އައިޖީއެމްއެޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލެ ސަރަހައްދު ރެޑް އެލާޓުގައި އޮތް އިރު، މުޖުތަމައުގައި ބަލިޖެހިފައި، ނަމަވެސް އެކަން ނޭނގި، އަދި ބަލީގެ އަލާމާތްތައް ނުފެނި ގިނަ އަދަދެއްގެ ބަޔަކު ތިބޭނެ ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ތަކުރާރުކޮށް ވިދާޅުވަމުން އަންނާތީއާއި އެކު މިފަދަ ހާލެއްގައި ހޮސްޕިޓަލްގެ ތެރެއަށް ބަލި ވަދެ، ޑޮކްޓަރެއް ނުވަތަ ނަރުހެއް ނުވަތަ އެނޫންވެސް މުވައްޒަފަކަށް ބަލި ޖެހިއްޖެނަމަ، މުޅި މުޖުތަމައުއަށް އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް އިތުރުވެގެންދާނެތީ މި ފިޔަވަޅު އަޅަން ނިންމީ ކަމަށެވެ.
އަދި މިއީ ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގައި ބަޔާންނުކުރެވޭ ވަރުގެ ގޮންޖެހުންތަކެއް ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ވާތީއާއި ވެސް އެކު އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށެވެ.
އައިޖީއެމްއެޗް އަކީ މީގެ ކުރިން ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން، ގިނަ އަދަދެއްގެ ބަޔަކު މައްޔިތާގެ މޫނު ދެކިލުމަށް ގޮސްހަދާ ތަނެކެވެ.
ހޮސްޕިޓަލުގެ ބަޔާނުގައި ވާގޮތުން މިއީ ހޮސްޕިޓަލުގެ މުވައްޒަފުންގެ އިތުރުން ހޮސްޕިޓަލަށް ޖަމާވާ އާންމުންނަށް ވެސް ބަލި ފެތުރިދާނެ ފަދަ ކަމަކަށްވާތީ، އަދި ޖުމްލަ ގޮތެއްގައި މި ވަގުތު މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ހާލަތަށް ބަލާއިރު ހަމަ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫންކަން އެންމެހާ ރައްޔިތުންވެސް ގަބޫލުފުޅު ކުރައްވާނެކަމަށެވެ.
އެހެންކަމުން ހޮސްޕިޓަލުގައި މީހަކު ނިޔާވުމުން މައްޔިތާގެ މޫނު ދެކިލުމަށް ނުވަތަ އެނޫންވެސް ގޮތަކުން މައްޔިތާ ދެކިލުމަށް އެދޭ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީން ސަހަރާގައި އެ އިންތިޒާމުތައް ހަމަޖައްސާ ގޮތަކަށް އަމަލުކުރަން އައިޖީއެމްއެޗް އިން ވަނީ އެދިފައެވެ.