English Edition
Dhivehi Edition
އައްޑޫ ސިޓީ ފޭދޫގައި އިމާރާތް ކޮށްފައިވާ މަސްޖިދުލް ކައުޘަރު - ފޮޓޯ: ޕީއެސްއެމް

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ހިމެނޭ ގޮތަށް މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސަރކިއުލަރއެއްގައި ވަނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައިވެސް މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން 23 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ފަރުޟު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް އަންގައިފަ އެވެ.

މީގެ އިތުރުން ދުނިޔޭގައި ހަލުވިކަމާއެކު ފެތުރމުންދާ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 18 މާރިޗު 2020 ވާ ބުދަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ އަދި ސަރުކާރުން އަރާ ފޭބުން މަނާކުރާ ހުރިހާ ރިސޯޓްތަކެއްގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށް ނިންމާފައި އޮތް އޮތުން، 30 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ އަޞްރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް އެ ސަރކިއުލަރގައި ވެއެވެ.

އަދި ރަށެއް ފުރަބަންދުކޮށްފިނަމަ، އެރަށެއްގައިވެސް އެޙާލަތު ދެމިއޮތްހާ ހިނދަކު ފަރުޟު ނަމާދުތަކާއި ހުކުރު ނަާދުގެ ޖަމާޢަތް މިސްކިތުގައި ނުހެދުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. އަދި އެ ޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގިގޮވުމަށާއި، ބަންގީގެ ފަހުގައި ފިވެހި ބަހުން “ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!” މިފަދައިން ދެ ފަހަރު ގޮވުމަށް އިމާމުންނަށް އެންގުމަށް ދަންނަވާ ކަމަށްވެސް އެ ސަރކިއުލަރގައި ވެއެވެ.

“މިދަނޑިވަޅުގައި މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަޞިއްޔަތްކުރަމެވެ.”، އެ ސަރކިއުލަރގައި ވެއެވެ.

މީގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި، ﷲގެ ރަޙްމަތުން މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް އުޅުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ނަޞޭޙަތްތެރިވެފަ އެވެ.