ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް މުޅި ރާއްޖެ އަށް އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މި މަހުގެ 30ގެ ނިޔަލަށް އިތުރުކުރަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނިންމަވައިފި އެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރަށް ދެމެހެއްޓުމަށް މިރޭ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނެރުއްވި ގަރާރުގައި ވިދާޅުވީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮރޯނާ ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާ ކަމަށެވެ
މި ނިންމެވުމާ އެކު ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިޔުމަށް، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް މިނިސްޓަރު ވަނީ އަންގަވައިފަ އެވެ.
ކޮވިޑް-19 ގެ ކޭސްތަކެއް ރާއްޖެއިން ފެނުމާއި ގުޅިގެން ގާނޫނު ނަމްބަރު 7/2012 އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާއިން ހެލްތް މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން، ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މުއްދަތު ހަމަވާނީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ.
ރޭ ނެރުއްވި ގަރާރުގައި ވާގޮތުގައި ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން 12 މާޗުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.