މިދިޔަ ޑިސެމްބަރު މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ހާމަކޮށްފި އެވެ.
ޖެންޑަރ މިނިސްޓްރީ އިން ކޮންމެ މަހަކު އާންމު ކުރާ ތަފާސް ހިސާބުތަކުގެ ތެރެއިން އިއްޔެ އާންމުކުރި ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 134 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 66 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ހާނީއްކައިގެ 27 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 15 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 08 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 14 މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 04 މައްސަލަ ހިމެނެއެވެ.
މީގެ އިތުރުން، ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 17 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ވެކްސިން ނުދިނުމުގެ 07 މައްސަލަ، ތަޢުލީމަށް ހުރަސް އެޅުމުގެ 06 މައްސަލަ، އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ 02 މައްސަލަ، ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 01 މައްސަލަ އަދި ގަދަކަމުން ނުވަތަ މަޖުބޫރުން ކައިވެނި ކުރުވުމުގެ 01 މައްސަލަ ހިމެނެއެވެ.
އަދި މިދިޔަ މަހު ވަނީ ޢާއިލީ 30 މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 20 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 09 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 01 މައްސަލަ ހިމެނެއެވެ.
އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 07 މައްސަލަ މިދިޔަ މަހު ހުށަހަޅައިފާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރި ވުމުގެ 01 މައްސަލަ، މަސްތުވާތަކެތި ބޭނުންކުރުމުގެ 01 މައްސަލަ އަދި ތަންތަނަށާއި ތަކެއްޗަށް ގެއްލުންދިނުމުގެ 01 މައްސަލަ ހިމެނެއެވެ.
މީގެ އިތުރުން، ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 13 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ 07 މައްސަލަ ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 44 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައިވާއިރު، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެ ގޮތުން މި ބާވަތުގެ 18 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 11 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 06 މައްސަލަ، އިހުމާލުވުމުގެ 02 މައްސަލަ، ރޭޕްކުރުމުގެ 02 މައްސަލަ، ޖިންސީ ހާނިއްކަކުރުމުގެ 01 މައްސަލަ، ފާރަލުމުގެ 01 މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ 01 މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 01 މައްސަލަ އަދި ބާރާއި ނުފޫޒުފޯރުވުމުގެ 01 މައްސަލަ ހިމެނެއެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 33 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 27 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 06 މައްސަލައެވެ.
އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 03 މައްސަލައެއްވެސް މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.