English Edition
Dhivehi Edition
އދގެ މޫސުމާބެހޭ ސަމިޓުގައި ގްރެޓާ ވާހަކަދައްކަނީ - ފޮޓޯ: ބީބީސީ

ޓައިމް މަޖައްލާގެ މިއަހަރުގެ ޝަޚުސިއްޔަތަކަށް ގްރެޓާ ތަންބާގް ހޮވައިފި އެވެ.

ޓައުންގެ އެޑިޓަރ އިން ޗީފް، އެޑްވާޑް ފެލްސެންތަލް ބުނާ ގޮތުގައި އުމުރުން 16 އަހަރުގެ މޫސުމީ ބަދަލުތަކާ ގުޅޭ އެ ޒުވާން އެކްޓިވިސްޓް ވަނީ ޙަރަކާތެއްގެ މޫނަކަށް ވެފައެވެ. ސްވިޑެންގެ މަޖިލިސްކުރާގޭ ކުރިމަތީގައި އެކަނިމާއެކަނި އިހުތިޖާޖުކުރަން ފެށި ސްޓޮކްހޯމް އަށް ނިސްބަތްވާ ގްރެޓާ ވަނީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ބައިނަލްއަޤްވާމީ ޒުވާން ޙަރަކާތެއްގެ ބާނީއަކަށް ވެފައެވެ.

ގްރެޓާގެ ސޫރައާއި އޭނާ ވާހަކަދައްކާ ގޮތުގެ އިތުރުން އޭނާ ކުރާ މަސައްކަތާއި ޤަބޫލުކުރާ ކަންތައްތަކަށް ބައެއް މީހުން ފާޑުކިޔާފައިވާއިރު، ގްރެޓާގެ ސަޕޯޓަރުން ދަނީ ކެނޑިނޭޅި އޭނާއަށް ހިތްވަރުދީ ދިފާޢުކުރަމުންނެވެ. އެގޮތުން ޒުވާނުން ކާރުތަކާމެދު ނުރުހުންތެރިވަނީވެސް ގްރެޓާގެ ސަބަބުން ކަމަށް ބައެއް މީހުން ބުނާއިރު، އެމެޒޯން ޖަންގަލީގައި ދިރިއުޅޭ މީހުންނަށް ކުރާ އަނިޔާ ކުށްވެރިކުރުމާއި ގުޅިގެން ބްރެޒިލްގެ ރައީސް ޚައީރް ބޮލްސޮނާރޯ ވެސް ވަނީ ގްރެޓާ އަކީ “ބްރެޓް” އެއް ނުވަތަ އެއްވެސް އަޚްލާޤެއް ނެތް ކުއްޖަކު ކަމަށް ބުނެފަ އެވެ.

ޓައިމް މަޖައްލާގެ ‘ޕަރސަން އޮފް ދަ އިޔަރ’ އަކަށް ގްރެޓާ ހޮވުމާއި ގުޅިގެން ބައެއް މީހުންގެ ނުރުހުންތެރިކަން އަމާޒުވެފައި ވީނަމަވެސް، މީގެ ކުރިންވެސް ޓައިމް އިން ވަނީ މީހުންގެ ނުރުހުންތެރިކަމާއި ނަފްރަތު ލިބިފައިވާ ބައެއް ފަރާތްތަކަށް އެ ޝަރަފު ދީފައެވެ. އޭގެ ތެރޭގައި އެޑޮލްފް ހިޓްލަރ އާއި ޖޯސެފް ސްޓާލިން އަދި ރިޗާޑް ނިކްސަން ވެސް ވަނީ މާޒީގައި ޓައިމްގެ އަހަރުގެ ޝަޚުސިއްޔަތުގެ ޝަރަފު ހޯދައިފަ އެވެ.

ޓައިމް އިން ހޮވާ އަހަރުގެ ޝަޚުސިއްޔަތަކީ ރަނގަޅު ގޮތަކަށް ނަމަވެސް ނުވަތަ ނުރަނގަޅު ގޮތަކަށް ނަމަވެސް، އެ އަހަރަކު ޚަބަރުގައި އެންމެ ބޮޑު ނުފޫޒެއް ފޯރުވާފައިވާ މީހަކަށް ދޭ ޝަރަފެކެވެ.