ދެކުނުގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިއަދު ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި އެވެ.
އެގޮތުން ފުރަތަަމަ ރީނދޫ ސަމާލު މި ސަރަހައްދަށް ނެރެފައި ވަނީ 11:00 އިން މެންދުރު 15:00 އާއި ހަމައަށެވެ. ނަމަވެސް މިހާރު ވަނީ 1730 އަށް ގަޑި އިތުރުކޮށްފަ އެވެ.
މިހާރު ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދު ވެސް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން މިހާރު ރީނދޫ ސަމާލު ނެރެފައި ވަނީ ތ.އަތޮޅުން އައްޑޫ ސިޓީ އާއި ހަމައަށެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދު ތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއެވެ.
ވައި ޖެހޭނެ ގޮތަށް ބަލާއިރު ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި، އެހެންހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއެވެ.
ކަނޑުތަކަށް ބަލާއިރު ދެކުނުގެ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެވެ. އެހެންހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އެވެ. ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާއި ދެމެދުގަ އެވެ.
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ބަލައިގެން ކަނޑުދަތުރުކުރުމަށް މޫސުމާއި ބެހޭ އިދާރާއިން އިލްތިމާސް ކުރެއެވެ.