English Edition
Dhivehi Edition

ދިވެހިރާއްޖޭގެ “އެމްބެސެޑަރ އޮފް ވެލްނެސް”ގެ މަޤާމަށް ބޮލީވުޑްގެ މަޝްހޫރު ތަރި، ސުނީލް ޝެޓީ ހަމަޖައްސައިފި އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިންގެ ތެރޭގައި ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކުރުމަށް އެ މިނިސްޓްރީ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ “މިޝަން ފިޓް މޯލްޑިވްސް” ހަރަކާތުގެ މަޤްސަދަކީ ދުޅަހެޔޮކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ހާސިލްކުރެވޭނެ ލަނޑުދަނޑިއަކަށް ހެދުން ކަމަށެވެ. އަދި މި ހަރަކާތުގެ ދަށުން ރާއްޖޭގެ ފިޓްނެސް އެމްބެސެޑަރަކަށް ހަމަޖައްސާފައިވާ ސުނީލް ޝެޓީ، ރާއްޖޭގެ ފިޓްނެސް އިންޑަސްޓްރީގެ މާހިރުންނާއެކު މަސައްކަތްކުރާނީ ދުނިޔޭގެ އެންމެ ދުޅަހެޔޮ ޤައުމްތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ކަމަށެވެ.

މިދިޔަ 30 އަހަރުގެ ތެރޭގައި އިންޑިއާގެ ފިލްމް އިންޑަސްޓްރީ އިން ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ ސުނީލް އަކީ އިންޑިއާގެ އެންމެ ބޮޑު މީޑިއާ ހައުސް ކަމުގައިވާ ހިންދުސްތާން ޓައިމްސް މީޑިއާ ލިމިޓެޑް އާއެކު، އިންޑިއާގެ އެންމެ ބޮޑު ފިޓްނެސް ހަރަކާތް ކަމުގައިވާ “މިޝަން ފިޓް އިންޑިއާ” ލީޑްކުރަމުން ގެންދާ ފަރާތެވެ. މިޝަން ފިޓް އިންޑިއާގެ ފުރަތަމަ ސީޒަން މިދިޔަ އަހަރުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވަނީ 120 ދުވަހުގެ ފެސްޓިވަލެއްގެ ގޮތުގައި އެޤައުމުގެ 43 ސިޓީއެއްގައި ކަމަށްވާއިރު، އެ ހަރަކާތުގައި ގާތްގަނޑަކަށް 200 މިލިއަން މީހުން ވަނީ ބައިވެރިވެފަ އެވެ.

މިޝަން ފިޓް މޯލްޑިވްސްގެ އެމްބެސެޑަރަކަށް ހަމަޖެއްސުމާއި ގުޅިގެން ސުނީލް ބުނީ ރާއްޖެ އިތުރަށް ދުޅަހެޔޮ ޤައުމަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. މި މިޝަންގެ ތެރެއިން މުޖުތމާއުގައި ހުރި އެންމެ އާންމު ބަލިތަކާއި، ދިރިއުޅުމުގެ ނުރަނގަޅު އާދަތައް ނައްތާލައި، ދުޅަހެޔޮ ދިރިއުޅުމެއްގެ ފަސޭހަކަމާއި ބޭނުންތެރިކަން ހުރިހާ ރައްޔިތުންނަށްވެސް ބުނެދީ، ހޭލުންތެރިކުރުވަން މަސައްކަތް ކުރާނެ ކަމަށްވެސް ސުނީލް ބުނެއެވެ.

ޔޫތު މިނިސްޓްރީ އިން ބުނީ “މިޝަން ފިޓް މޯލްޑިވްސް”ގެ މަޤްސަދަކީ ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް ރައްޔިތުންނަށް ހިތްވަރުދީ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ އުނދަގޫ އަދި ވަގުތު ނަގާ ބުރަ މަސައްކަތެއް ކަމަށް ހީވެފައި އޮންނަ އޮތުން ނައްތާލުން ކަމަށެވެ.

މިޝަން ފިޓް މޯލްޑިވްސް އާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އަހްމަދު މަހުލޫފް ވިދާޅުވީ ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދު ކަމަށެވެ. އަދި މި ހަރަކާތުގެ މަޤްސަދަކީ މިޤައުމުގެ ކޮންމެ ރައްޔިތަކަށްވެސް ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް ފަސޭހަކޮށްދިނުން ކަމަށްވެސް މަހުލޫފް ވިދާޅުވި އެވެ.

އަދި މި ހަރަކާތުގެ ތެރެއިން ކޮންމެ ރަށަކަށް ޓްރެއިންޑް ސްޕޯޓްސް ކައުންސެލަރަކު އައްޔަން ކުރައްވާނެ ކަމަށާއި، އެ ކައުންސެލަރުގެ މައިގަނޑު ޒިންމާއަކަށް ވާނީ ރަށުގެ ރައްޔިތުންނަށް ފިޓްނެސް ޕްރޮގްރާމްތައް ކުރިއަށްގެންދިއުން ކަމުގައިވެސް މަހުލޫފް ވިދާޅުވިއެވެ. މީގެ އިތުރުން، އިންޑިއާގެ ސަރުކާރުގެ އެހީތެރިކަމާއެކު 61 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ކޮންމެ ރަށެއްގައިވެސް އައުޓްޑޯ ޖިމެއް ޤާއިމްކުރުން ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ މި ކެމްޕޭންގައި ‘އެމްބެސެޑަރ އޮފް ވެލްނެސް’ ގެ ހައިސިއްޔަތުން ބައިވެރިވުމަށް ސުނީލް ނިންމެވީތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި، ދުޅަހެޔޮ މުޖުތަމައުއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި ސުނިލް ބައިވެރިވުމަކީ އެކަމަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށެވެ.