English Edition
Dhivehi Edition

ފުވައްމުލަކު ސިޓީގައި ކުނި މެނޭޖު ކުރުމުގެ މަސައްކަތް ފެށުން ފަސްކޮށްފިއެވެ. ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިންޑިރެކްޓަރ އިބްރާހީމް ފުވާދު ވިދާޅުވީ ކުރިން މިމަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތް މިހާރުވަނީ މިމަހުގެ 15 އަށް ފަސްކޮށްފައެވެ. އެހެންނަމަވެސް މި ޚިދުމަތް ފަސްކުރި ސަބަބެއް ފުވާދު ވިދާޅެއް ނުވެއެވެ. ވެމްކޯއަކީ އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، މާލޭ ސިޓީގައިވެސް ކުނި ނެގުމަށް ހަވާލު ކޮށްފައިވާ ކުންފުންޏެވެ. އޭގެ އިތުރަށް ހުވަދު އަތޮޅުގެ ދެ ބުރީގެ ކުނި މެނޭޖު ކުރާނީ ވެސް އެކުންފުނިންނެވެ. “ހުވަދު އަތޮޅުގެ ރަށްރަށުގެ ކުނި ކަލެކްޓް ކުރުމުގެ ޚިދުމަތެއް އަޅުގަނޑުމެން ނުދޭނަން. ގޭގައި އުފެދޭ ކުނި ނަގައިގެން ކުނި ކޮށިތަކާ ހަމައަށް ގެނެސްދޭން ޖެހެނީ ރަށުގެ ކައުންސިލުން. އަޅުގަނޑުމެން ކޮށްދޭ ކަމަކީ ރަށުގެ ކުނިކޮށްޓަށް ޖަމާކުރާ ކުނި ނަގައި ކުނިކޮށި މެނޭޖުކުރުން،” ފުވާދު ވިދާޅުވެފައިވެއެވެ. އެއްތަނުން އަނެއްތަނަށް ކުނި އުފުލުމަށް ބޭނުންވާ ދެ ލޭންޑިން ކްރާފްޓް ދުރު ނޫން މުސްތަގުބަލެއްގައި ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ވެމްކޯއިން މިހާރުދަނީ ކުރަމުންނެވެ.