English Edition
Dhivehi Edition

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ހުއްދަ ދިނުމަށް ފާސްކޮށްފިއެވެ.

މިކަން ފާސްކޮށްފައިވަނީ މަޖިލީހުގެ ރޭގެ ޖަލްސާގައި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ތަގުރީރު ކުރެއްވުމުގެ ހުއްދަ ދިނުމަށް ނެގިވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުން ނެވެ.

ފުރަމާނަ ދަތުރު ފުޅެއްގައި ލަންކާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. އެ ދަތުރުފުޅުގައި ބޮޑުވަޒީރާއެކު އަނބިކަނބަލުން ޕްރޮފެސަރ މައިތިރީ ވިކްރަމަސިންހަ އާއި އެގައުމުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ތަފާތު ދާއިރާ ތަކުން ދެ ގައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.މީގެ އިތުރުން ސެޕްޓެމްބަރު ތިނަކުން ހަތަރަކަށް ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގައި އެމަނިކްފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެމަނިކްފާނަކީ އިންޑިއަން އޯޝަން ކޮންފަރެންސް ގެ ޗެއަރ ވެސް މެއެވެ.