މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ފަށައިގެން ކުރިއަށް އެބަދެއެވެ.
މިރޭ ޖަލްސާ ބާއްވަން ނިންމީ ސުޕްރީމް ކޯޓަށް ޖޭއެސްސީގެ ލަފައާއި އެކު ރައީސުލް ޖުމްހޫރިއްޔާ ހުށަހަޅުއްވާ އަންހެން ދެ ފަނޑިޔާރުންގެ ނަންތައް މަޖްލީހަށް ހުށަހެޅުއްވުން މިރެއަށް ތާވަލުކުރުމަށްފަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާ ފެށުނީ 9 ޖެހި އިރުއެވެ.
މިރޭގެ ޖަލްސާގައި ސުޕްރީމް ކޯޓަށް ރައީސް ހުށަހަޅުއްވާ ޝުޖޫން އާއި އަޒްމިރަލްދާ ގެ ނަން ހުށަހަޅުއްވާފައިވެއެވެ. ރައީސުލް ޖުމްހޫރިއްޔާ ހުށަހެޅުއްވި މި ދެބޭފުޅުންގެ ނަން ދިރާސާ ކުރުމަށް މިހާރު ވަނީ ޖުޑީޝަލް ކޮމިޓީއަށް ފޮނުއްވާފައެވެ.މަޖިލީހުގެ ޤަވާއިދުގައި ވާ ގޮތުން މަޖިލިސް މެމްބަރުން ގޮތެއް ނިންމެވުމުގެ ކުރިން 3 ދުވަސް މެމްބަރުންނަށް ދޭންޖެހޭނެއެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.