ސަޢޫދީ އަރަބިއްޔާގެ ޒުވަނުންގެ ތެރެއިން ގިނަ ޒުވާނުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. ނަމަވެސް މިހާރު އެމީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިތުރު ހަރުފަތަކަށް ޖެހިލައިފި އެވެ. އެއީ ނުރައްކާތެރި “ދޮޚާ” ބުއިމެވެ.
މި ބޮނީ ޕައިޕް ނުވަތަ “މިދްވަޚް” ބޭނުންކޮށްގެންނެވެ. ގިނަ ޒުވާނުން ވަނީ “ދޮޚާ” އަށް ދެވިހިފައިފަަ އެވެ. ދޯޚާއަކީ ދުންފަތުގެ ތެރެއަށް ތަފާތު ވައްތަރުގެ ހާބްސް، ސްޕައިސެސް، ހިކި މާ އަދި ހިއްކާފަ ހުންނަ މެވާ އެއްކޮށްގެން ހަދާފައި ހުންނަ އެއްޗެކެވެ. މިއިން ކޮންމެވެސް ވަރެއްގެ މަސްތުވުމެއް ވެސް ވެ އެވެ.
ގިނަ ޒުވާނުން އެއްތަންވެ މިގޮތަށް “ދޮޚާ” ބުއިމަކީ މިހާރު ސަޢޫދީގައި އާއްމު ކަމެކެވެ. މީން ސިއްޙަތައް ލިބިދާނެ ގެއްލުމުގެމާ ބޮޑު ދިރާސާއެއްވެސް އަދި ހެދިފައި ނެތެވެ.
ސައޫދީގެ ސައިކޮލަޖިސްޓެއް ކަމަށްވާ ސާރާ ރަޙްމާނު ބުނާ ގޮތުން ގިނަ މީހުން “ދޯޚާ” ބޮނީ އެ މީހުންނަށް ހީވާ ގޮތުން ދުންފަތުން ސިއްޙަތައް ލިބޭ ގެއްލުމަށް ވުރެ “ދޮޚާ” ނުވަތަ “މިދުވަޚް” އިން ލިބޭ ގެއްލުން ކުޑަ ވީމައެވެ.
މިއީ އެކަމަކު އޭގެ ހަގީގަތެއް ނޫންކަމަށް ސާރާ ބުނެއެވެ.
“ދޮޚާ ބުއިން މިހާރު ވަނީ ވަރަށް ބޮޑަށް ވައިގަ ހިފާފަ. އަދި މީހުންގެ ތެރޭ މި ވަރަށް ބޮޑަށް މަޝްހޫރު. ނަމަވެސް މިދުވަޚް އިސްތިއުމާލު ކުރުމުން ލިބޭނެ ގެއްލުމުގެ މާބޮޑު ރިސާޗެއް ނެތް ކުރެވިފަ. ގިނަ މީހުންނަށް މީގެން ލިބިދާނެ ގެއްލުމެއް ނޭގޭ. ނަމަވެސް ދިރާސާތަކުން އެނގޭ ގޮތުގައި މީގައި ނިކޮޓިންގެ މިންވަރު ސިނގްރެޓަށްވުރެ ފަސްގުނަ ބޮޑު.” ސާރާ ބުންޏެވެ.
މިކަމަކީ މީހުންގެ ތެރޭ މިހާރު ހޭލުން ތެރިކަން އިތުރު ކުރަން ޖެހިފައިވާ ކަމެއްކަމަށް ސާރާ ބުންޏެވެ. ގިނަ ޒުވާނުން ބުނާގޮތުގައި އެ މީހުން އެ ބޮނީ ހަމަ މަޖާކޮށްލުމަށެވެ. ނުވަތަ ރައްޓެހިންނާ އެކު އަޖުމަ ބަލާލުމުގެ ގޮތުންނެވެ. ކުރީ ކޮޅުގަ މަޖަލަކަށް މި ބުއި ކަމުގައި ވިޔަސް ފަހުން މި ބުއިމަށް ވަރަށް ބޮޑަށް އެ މީހުން ދެވިހިފަ އެވެ.
ސަޢޫދީއަކީ ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ގިނައިން ދުންފަތުގެ ވިޔަފާރި ކުރާ ގައުމެވެ. ސަޢޫދީ ހާޓް އެސޯސިއޭޝަންގެ ދިރާސާ ތަކުން ދައްކާ ގޮތުން ސައޫދީގެ އާބާދީގެ %30 މީހުން ދުންފަތުގެ އިސްތިއުމާލު ކުރެއެވެ.
މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ހިމެނެނީ 40-17 އަހަރާ ދެމެދުގެ މީހުންނެވެ.
ނަމަވެސް މިހާރު ހައި ސްކޫލު ތަކަށާއި އަދި ޔުނިވާސިޓީ އަށް ވަންނަ ކުދިންގެ ތެރޭގައި ދުނަފަތުގެ އިސްތިއުމާލު ކުރުން ދަނީ ވަރަށް ބޮޑަށް އިތުރު ވަމުންނެވެ.
ސައޫދީގެ 25 އަހަރުގެ ޒުވާނެއް ކަމަށްވާ ޖާޒިމް މެދު ނުކެނޑި ގަވާއިދުން “ދޮޚާ” ބުއިމަށް ފަހު މިހާރުވަނީ ހުއްޓާލައިފަ އެވެ. އޭނާ އެ ނުރައްކާތެރި އާދަ ހުއްޓާލީ ސިއްޙީ ގިނަ މައްސަލަތަކެއް ކުރިމަތި ވެގެންނެވެ.
“ދޮޚާ އަކީ ޒުވާނުންނަށް ވަރަށް ކަމުދާ އެއްޗެއް. ދެތިން ފަހަރު ދަމާލިއަސް އޭގެ އަސަރު ވަރަށް ބޮޑަށް ކުރޭ. އޭގައި މަރިޖުއާނާ އިން ލިބޭ ގެއްލުން ނުލިބުނު ކަމުގައި ވިޔަސް އެ ބުއިމުން ވަރަށް އަވަހަށް މަސްތުވާ ގޮތްވޭ. މިއީ އަސްލު ޒުވާނުން މި ބުއިމަށް ޝައުގު ވެރިވާ ކަމަކީ.” ޖާޒިމް ބުންޏެވެ.
މީގެ އިތުރުން ޖާޒިމް ބުނާ ގޮތުން އޭނާ ވަރަށް ގަދައަށް “ދޯޚާ” ގެ އިސްތިއުމާލު ކުރި އެވެ. ދުވާލަކު އެތަކެއް ފަހަރު ބޭނުން ކުރި އެވެ. ނަމަވެސް އޭގެ ފަޖުން އޭނާ ބަލިވެ ސިއްޙަތަށް ނުރައްކާ ވާގޮތް ދިމާވުމުން ހުއްޓާލީ އެވެ. ހަގީގަތުގައި ސިނގިރެޓަށް ވުރެ “ދޮޚާ” މާ ބޮޑަށް ވެސް ނުރައްކާތެރި ކަމަށް އޭނާ ބުންޏެވެ.