English Edition
Dhivehi Edition

މިހާރު ދުނިޔެ ހޫނުވަމުން މިދާ މިންވަރު ކޮންޓްރޯލް ނުކުރެވޭނަމަ މިގަރުނުގެ ފަހުކޮޅުގައި ހައްޖުވެރިން ވެގެންދާނީ ހޫނުވުމުގެ އެންމެ އުނދަގޫ ތަހައްމަލު ކުރާނެ މީހުން ކަމަށް ވުމީ ދުރު ކަމެއްނޫނެވެ.

މިހާރު ކުރެވިފައިވާ “ކްލައިމެޓް މޮޑެލިން” ދިރާސާ ދައްކާގޮތުން ދުނިޔެ ހޫނު ވަމުން މިދާ މިންވަރު ހިފަހައްޓާ ނުލެވިއްޖެނަމަ އެންމެ އަސަރުކުރާނެ ހިސާބަކީ މިޑްލް އީސްޓްގެ ގައުމު ތަކަށެވެ. މީގެ ތެރޭ ގަލްފުގެ ގައުމުތައް ހިމެނެއެވެ. މައްކާގެ ބިމަކީ ފަހަރުގައި އެންމެ އަސަރު ކޮށްފާނެ ހިސާބު ކަމަށް ދިރާސާ ތަކުން ދައްކައެވެ.

ގާތްގަނޑަކަށް ދެމިލިއަނަށްވުރެ ގިނަ މުސްލިމުން ދީނުގެ އެންމެ މާތް އަޅުކަމުގައި މުޅިހައްޖު ދުވަސް ހޭދަ ކުރަން ޖެހެނީ ގަދަ އަވީގައެވެ. މިފަދަ ގޮތަކަށް ހޫނު މޫސުމުގައި އިންސާނުންނަށް ކެތްކޮށްލުމަކީ ވަރަށް ދަތި ކަމަކަށް ވެދާނެއެވެ.

އެމެރިކާގެ މައްސަޗުސެޓް އިންސްޓިޓިއުޓުގެ ޕްރޮފެސާ އެލްފާތިހް އެލްތާހިރު އަދި ލޮސް އެންޖަލިސްގެ ލޮޔަލާ މެރީމައުންޓް ޔުނިވާސިޓީގެ ޕްރޮފެސާ ޖެރެމީ ޕާލް ވިދާޅުވާ ގޮތުގެ މިގަރުނުގެ ފަހުކޮޅަށް އަންނައިރު ދުނިޔޭގެ ހޫނުމިން ގާތްގަނޑަކަށް 4 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ޖެހިލާނެއެވެ. އެމީހުންނަށް މިކަން އަންދާޒާ ކުރެވިފައިވަނީ “ސްޓޭންޑަޑް ގްލޯބަލް ކްލައިމެޓް މޮޑެލްސް” ގެ ދިރާސާއަކުންނެވެ.

އެމީހުން މިގޮތަށް އަންދާޒާ ކޮށްފައިވަނީ “ވެޓް ބަލްބް” ޓެމްޕެރޭޗާގެ ނަޒަރިއްޔާއިންނެވެ. މިގޮތަށް ހޫނުމިން ބަލާ ތާމޯމީޓާ ބަލްބް ބެހެއްޓެފައި ހުންނަނީ ތެތްކޮށެވެ. މިގޮތަށް ހޫނުމިން ބެލުމުން އިންސާނުންނަށް ހޫނަށް ކެތްކޮށްލެވޭވަރު ދަނެގަނަވެއެވެ. ސަބަބަކީ މިގޮތަށް ބަލާލުމުން ހަށިގަނޑުން އޮހޮރޭ ދަލުން ފިނިކޮދެވޭ މިންވަރު އަންދާޒާ ކުރަވެއެވެ. މިގޮތަށް ވެޓް ބަލްބް ހޫނުމިން 35 ޑިގްރީއަށް އަރާނަމަ އެއީ އިންސާނުންގެ ހަށިގަނޑުގެ ހޫނުމިނާއި ދާދިއެއްވަރު ވުމެކެވެ. އެލްތާހިރު ވިދާޅުވާ ގޮތުން މިހާވަރަށް ހޫނުމިން އަރައިފި ނަމަ އިންސާނުންނަށް މިހޫނުކަން ތަހައްމަލު ނުކުރެވޭނެއެވެ.

ޑްރައިބަލްބް ޓެމްޕަރޭޗާއަށް ވުރެން ވެޓްބަލްބް ޓެމްޕަރޭޗާ އުޅޭނީ ދަށްކޮށެވެ. މި ތަފާތު ވައިގެ ތެތްކަން ދަށް ހިސާބު ތަކުގައި ވަރަށް ބޮޑުވެ. ނަމަވެސް ވައިގެ ތެތްކަން މަތިނަމަ ތަފާތު ކުޑައެވެ. މީގެއިން ދޭހަވަނީ ވައިގެ ތެތްކަން ދަށް ނަމަ އިންސާނުންނަށް ކެތްކުރެވޭއިރު ވައިގެ ތެތްކަން މަތި ނަމަ ނުވާނެކަމެވެ.

އިލިނޮއިސްގެ ޕާޑިއު ޔުނިވާސިޓީގެ ޕްރޮފެސާ މެތިއު ހޫބާ ވިދާޅުވާ ގޮތުން އާއްމު ގޮތެއްގައި ގަބޫލު ވެވިފައި އޮންނަނީ ދުނިޔެއަށް މެދުވެރިވާ ހޫނުވުމަށް އިންސާނުންނަށް ކެތްކުރެވިދާނެ ކަމަށެވެ. ނަމަވެސް ވެޓް ބަލްބް ޓެމްޕަރޭޗާ 35 ޑިގުރީއަށް ވުރެ މައްޗަށް ޖެހި ގިނަ ވަގުތު އަވީގައި އުޅޭނަމަ “ހައިޕާތާމިއާ” އަށަގަންފާނަ ކަމަށެވެ. މިހާލަތުގައި މެޓަބޯލިކު ހޫނުކަމަށް އިންސާނުންނަކަށް ކެތެއްނުކުރެވޭނެއެވެ.

ޕަލް އަދި އެލްތާހިރު ވިދާޅުވާ ގޮތުން މިހާރު ދުނިޔޭގެ އެހެނިހެން ހިސާބުގައި ވެޓްބަލްބް ޓެމްޕަރޭޗާ އަރާ އެންމެ މަތީމިންވަރަކީ 31 ޑިކްރީ ސެލްސިއެސް އެވެ. ނަމަވެސް ގަލްފުގެ ގައުމު ތަކުގައި މިމިންވަރު 35 ޑިގްރީއާ ބައެއްފަހަރު ކާރިކުރެއެވެ. މިގޮތަށް ހޫނުކަން ބޮޑަށް އިހުސާސު މިވަނީ ހޫނު މިނާއި އެކު ގަލްފު ސަރަހައްދުގެ ކަނޑާއި އަދި ކޯރުތަކުގެ ފެންހޫނުވެ ވައިގެ ތެތްކަން މަތިވުމުންނެވެ.

ޒިއުރިކްގެ ސްވިސް ފެޑެރަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލަޖީގެ ޕްރޮފެސާ ކްރިސްޓޮފާ ޝާރު ވިދާޅުވާގޮތުން މިދިޔަ ޖުލައި މަހުގެ ތެރޭ ގަލްފު ސަރަހައްދުގައި ޑްރައި ބަލްބް ޓެމްޕަރޭޗާ ބައެއްފަހަރު 50 ޑިގްރީ ސެލްސިއެސްއަށް އަރާފައިވާ ކަމަށެވެ، އަދި ހަމަ މިއާއިއެކު ވެޓްބަލްބް ޓެމްޕަރޭޗާ 34.6 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާ ކަމަށެވެ. އޭނަ މިގޮތަށް ހާމަކޮށްފައިވާނީ “ނޭޗާ ކްލައިމެޓް ޗޭންޖް” އަށް ލިޔެފައިވާ ލިޔުމެއްގައެވެ.

މިއީ މިފަދަ ދިރާސާއަކުން ދުނިޔޭގެ ހޫނުމިން އަންދާޒާ ކޮށްފައިވާ ފުރަތަމަ ފަހަރެވެ. މިގޮތަށް މިގަރުނުގައި ދުނިޔޭގެ ހޫނުމިން މަތިވަމުން ދާމިންވަރު ހުއްޓުމެއް ނެތި މައްޗަށްދާނަމަ ގަލްފުގެ ގައުމު ތަކުގެ އެންމެހާ ރައްޔިތުން މިކަމާ ކުރިމަތިލާން ޖެހޭނެކަމަށް ދިރާސާގައި ބުނެފައިވެއެވެ. އޭސީކޮށްގެން ބަންދު ތަންތަނުގައި ތިބިކަމުގައި ވިޔަސް މާބޮޑު ރައްކަލެއް ނެތްކަމަށް ވެއެވެ. ޚާއްސަކޮށް މިކަމުގެ އެންމެ އަސަރު ކުރާނީ މޫދާއި ކައިރި ހިސާބުތަކުގެ ގައުމު ތައްކަމުގައިވާ ޑުބާއީ، އަބޫދާބީ އަދި ދޯހާ އެވެ.

ގަލްފު ގައުމު ތަކުގެ ގިނަ ރައްޔިތުންނަކީ މުޅިންވެސް އޭސީގެ ފިނީގައި ދިރިއުޅުން ބައްޓަން ކޮށްފައިވާ ބައެކެވެ. ފަހަރުގައި މިފަދަ މީހުންނަށް އެހާ އަސަރު ކުޑަވުމަކީ ވެދާނެކަމެކެވެ. އެކަމަކު ހައްޖުގެ މަތިވެރި އަޅުކަމަށް ދާ މުސްލިމުން މިކަން ތަހައްމަލު ކުރުމަށް ވަރަށް ދަތިވާނެއެވެ. އެމީހުން އަޅުކަމުގައި އުޅެން ޖެހޭނީ ގަދަ އަވީގައެވެ. އަދި މީގެ އިތުރުން ގަލްފު ގައުމު ތަކުގައި އިމާރާތުގެ ދާއިރާގެ މަސައްކަތް ކުރާ ދެކުނު އޭޝިއާގެ ރައްކަޔިތުންނަށްވެސް ވަރަށް ބޮޑަށް އަސަރުކުރާނެއެވެ. މިހާރު އެންމެ ގިނަ މީހުން މަސައްކަތް ކުރަމުން އަންނަ ޕްރޮޖެކްޓަކީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ސްޓޭޑިއަމް ތައް އިމާރާތް ކުރުމުގެ މަސައްކަތެވެ. މިހާރުވެސް އެމަސައްކަތްކުރާ މީހުން އަންނަނީ ހީޓްސްޓޮރޯކާ ކުރިމަތި ލަމުންނެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދުނިޔޭގެ މުސްލިމު ލީޑަރުން ވަނީ ގްރީންހައުސް އާވި ދުނިޔެއަށް ދޫކުރެވޭ މިންވަރު ދަށްކުރުމަށް ގޮވާލާފައެވެ. މީގެ ތެރޭ ދުނިޔޭގެ އެންމެ ގިނައިން ތެޔޮއުފައްދާ ގައުތައް ހިމެނެއެވެ. ނަމަވެސް މިހުރިހާ ކަމެއް މިހެން ހުރަމެ ކަމުގެ މާހިރުން އިންޒާރު ދެމުން ގެންދާހާލުވެސް ދުނިޔެ ހޫނުވުމުގެ އަސްލު ކަމުގައިވާ “ފޮސިލްފިއުލް” އުފައްދަނީ ހަމަ ގަލްފު ގައުމު ތަކުންނެވެ. ޕެރިހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފެރެންސުގައި ވެސް އެމީހުންގެ މާބޮޑު އެއްބާރު ލުމެއް ލިބުމާއި މެދު ސުވާލު އުފެދެއެވެ. ސަބަބަކީ އެފަދަ އެއްވެސް ކަމެއް ކަނޑައަޅާ އަދި ނިންމާފައި ނުވާތީއެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަކީ އެންމެ ގިނައިން ގްރީންހައުސް އާވި ދުނިޔެއަށް ދޫކޮށްލާ މީހުންނެވެ. އެމީހުން ގަވާއިދު ތަކާއި އުސޫލުތައް ކަނޑައަޅާ ކަންކަން ކުރުމަށް ބާރުއަޅަނީ އެހެނިހެން ގައުމު ތަކަށެވެ. އެއްވެސް ބަޔަކު ހަގީގީ ހައްލެއް ހޯދާކަށް ބޭނުމެއް ނޫނެވެ.

މިގޮތަށް ދުނިޔެ ހޫނު ވާނަމަ ދިވެހިރާއްޖެއަށްވެސް އަސަރު ކުރާނެއެވެ. އަހަރުމެންނަށް ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. ނަމަވެސް ފޮސިލް ފިއުލް ބޭނުން ކުރުން މަދުކުރެވިދާނެއެވެ. ބޭނުމެއް ނެތި ކަމަކާނުލައި ސައިކަލް އަދި ކާރު ނުދުއްވާ ހުރެވިދާނެއެވެ. ރާއްޖެ ކިތައްމެ ކުޑަކަމުގައި ވިނަމަވެސް އަހަރުމެނަށްވެސް މިކަމުގައި ބައިވެރި ވުމަކީ މުހިއްމު ކަމެކެވެ. މުސްލިމުންގެ އެންމެ މާތް އަޅުކަން ނުކުރެވޭ މިންވަރަށް ދުނިޔޭގެ ހޫނުމިން މަތިވުމަކީ ވިސްނާލަން ޖެހޭ ކަމެކެވެ.

މިހުރިހާ ކަމެއް މިހެންހުރިކަމުގައި ވިޔަސް މިކައުނާއި އަދި އެހެނިހެން ހުރިހާ ކައުނެއްގައި ލެއްވި ހުރިހާއެއްޗެއްގެ ވެރި ރަސްކަލާނގެ އެކަނލާނެގެ އެންމެ ލޯބިވާ އަޅުންނަށް ކުރުމަށް އަމުރު ކުރައްވާފައިވާ އަޅުކަމެއް ކުރުމަށް އިންސާނިއްޔަތައް އުނދަގުލެއް މެދުވެރި ނުކުރައްވާށިއެވެ. މިއީ އަހަރުމެންގެ ދުއާއެވެ.