ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި މަސައްކަތް ކުރައްވާ ޑރ. އަހުމަދު މުހައްމަދު އަލީ ދަންނަނީ ކިތައް މީހުން ހެއްޔެވެ؟
އޭނާ ދަންނަ މީހުން ބުނަނީ އެއީ ނާއުންމީދުވެފައިވާ ހިތްތަކަށް އުފާވެރި ކަމާއި އުންމީދު ގެނެސްދޭ ހިތްހެޔޮ ޑޮކްޓަރެއް ކަމަށެވެ. މިސްރަށް އުފަން އަހުމަދު އެޗްއާރުއެޗްގައި މަސައްކަތް ކުރާތާ މިވީ ގާތްގަނޑަށް އަށެއްކަ މަހެވެ. އެ މުއްދަތުގައި އޭނާވަނީ ހިތްހެޔޮކަމާ އެކު ކިދުމަތްދީ އެތައް ބައެއްގެ އިހުތިރާމާއި ލޯތްބާއި އިތުބާރު ހޯއްދަވައިފަ އެވެ.
ޑރ. އަހުމަދަކީ އަންހެނުންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެކެވެ. ބަލި މީހުންނަށް އޭނާ ފަރުވާދެއް ވަނީ ﷲގެ ހަޒުރަތުން ވާގި އެދިގެންނެވެ. އޭނާގެ ފަރުވާ އިން ބަލި މީހުންނަށް ޝިފާ ލިބެމުންދާތީ އޭނާއަށް ތައުރީފްކުރާ ދޫތައް އަންނަނީ އިތުރުވަމުންނެވެ.
“އެއީ އަޅުގަނޑުގެ މޮޅުކަމުންވާ ކަމެއް ނޫން. މީހުންނަށް ޝިފާ ދެއްވާނީ ﷲ. ބޮލުގައި ރިއްސައިގެން އައިމާ އަޅުގަނޑަށް ޕެނަޑޯލް ގުޅައެއް ދެވިދާނެ. އެކަމަކު އެއިން ޝިފާ ދެއްވަނީ ﷲ،” އޭނާ ވިދާޅުވިއެވެ.
ޑރ. އަހުމަދަކީ އޭނާ މަސައްކަތް ކުރައްވާ ޑިޕާޓްމަންޓްގެ ޓީމް ލީޑަރެވެ. އޭނާއަށް ދެއްކުމަށްޓަކައި މީހުންވަނީ ކިޔުދަމާލާފައެވެ. ސަބަބެއް ކަމަށްވަނީ އޭނާގެ ފަރުވާ ކާމިޔާބުވުމެވެ. ހިތްހެޔޮ ކަމާއެކު މުއާމަލާތް ކުރުމެވެ. މީހުން ދައްކާ ވާހަކަ ކަނުލާ އަޑުއެހުމެވެ. ބަލިމީހާގެ ތާރީހު އަޑުއައްސަވަނީ ފޫހިކަމެއް ނެތިއެވެ.
އަޅުގަނޑާ އޭނާއާ ދިމާވިއެވެ. ދިމާވީ ހިތަދޫގައި އޭނާ އުޅުއްވާ ގެއިންނެވެ. އެގޭގައި އުޅެނީ ޑރ. އަހުމަދުގެ ކުޑަ އާއިލާއެވެ. އަހުމަދުގެ އިތުރަށް އާއިލާގައި ހިމެނެނީ އަނބިކަނބަލުންނާއި ތުއްތު ދެ ބޭފުޅުންނެވެ.
ޑރ. އަހުމަދަކީ ވަރަށް އާދައިގެ ބޭފުޅެކެވެ. އާދައިގެ ކަންކަމަށް ލޯބިކުރައްވާ ބޭފުޅެކެވެ. އޭނާ ބޭނުންފުޅުވަނީ ކުރާ މަސައްކަތް ވީހާވެސް ރަނގަޅަށް ކުރުމެވެ. ދެވެންއޮތް ފަރުވާއެއް އެންމެ ރަނގަޅަށް ދެއްވުމަށެވެ. މީހުން އަހުމަދާ އެހާ ގަޔާވާ ސަބަބަކީ މިއީ ކަމަށް ވެދާނެއެވެ.
އުމުރުން އެންމެ 31 އަހަރުގެ ޑރ. އަހުމަދަކީ ދަރިމައިނުވާ އަންހެނުންނަށްވެސް ފަރުވާ ކުރައްވާ ޑޮކްޓަރެކެވެ. އަހުމަދާ ވަރަށް ގާތުން މަސައްކަތްކުރާ ކުއްޖަކު ބުނީ އަހުމަދުގެ ފަރުވާއިން 4 މީހަކު ދަރިމައިވެފައިވާ ކަމަށެވެ. އިތުރު ބަޔަކަށް ފަރުވާ ކުރަމުންދާ ކަމަށެވެ.
އެޗްއާރުއެޗާ އޭނާ ގުޅުނުފަހުން މިހާތަނަށް ސަތޭކައަށްވުރެ ގިނަ ތުއްތު ކުދިންވަނީ އޭނާގެ އަތްމަތިން މިދުނިޔެއަށް އައިސްފައެވެ. އޭގެ ތެރެއިން ގިނަކުދިންގެ ފޮޓޯތައް އޭނާވަނީ ފޭސްބުކުގައި އަލްބަމެއް ހަދައި އެއަށް ލައިފައެވެ. އެ އަލްބަމަށް އޭނާ ދެއްވާފައިވާ ނަމަކީ “އަހަންނަކީ އެކުދިން އެންމެ ފުރަތަމަ ބައްދަލުވި މީހާ،” ކަމަށެވެ.
އަހުމަދުގެ ޑޮކްޓަރީ ހަޔާތާބެހޭ ގޮތުން ވަރަށްގިނަ ވާހަކަ ދެއްކެވިއެވެ. އޭގެ ތެރެއިން އޭނާއަށް އެންމެ ފާހަގަކުރެވުނު ބައެއްވާހަކަ ލިޔެލާނަމެވެ. ލޭ މައްޗަށްދާ މާބަނޑު އަންހެނަކު އިމަޖެންސީގައި ހޮސްޕިޓަލަށް ގެނައެވެ. ވަގުތުން ޖެހުނީ އެމީހާ ސިޒޭރިއަން ހަދާށެވެ. “މާބަނޑު މީހަކު އައީ އިމެޖެންސީގައި ހޮސްޕިޓަލަށް. އަޅުގަނޑުމެންނަށް ޖެހުނީ ވަރަށް އިމަޖެންސީ ސިޒޭރިއަނެއް ހަދަން. ވިހި މިނިޓްތެރޭ ސިޒޭރިން ހަދައި ހުރިހާ ކަމެއް ނިންމާލެވުނު. ކުއްޖާގެ ބަރުދަނުގައިހުރީ އެންމެ 1.2 ކިލޯ. އެއީ އައިސް ކުކުޅަކަށްވުރެވެސް ކުޑަކަމަށް ބެލެވިދާނެ. އެހެންނަމަވެސް ﷲ ގެ ތަނަވަސް ރަހުމަތުން އަޅުގަނޑުގެ ޓީމުގެ މަސައްކަތުން ކުއްޖާގެ ހާލު ރަނގަޅު. މިއީ އާދަޔާ ހިލާފު ވާހަކައަކަށް ނުވެދާނެ. އެކަމަކު ހޮސްޕިޓަލާމެދު ނުގޮތަކަށް ވިސްނާ މީހުންނަށް މިއީ ރަނގަޅު މައުލޫމާތަކަށް ވެދާނެ،” އޭނާ ވިދާޅުވިއެވެ.
ޑރ. އަހުމަދު ވިދާޅުވީ އެކުއްޖާގެ މަންގެ ސިޒޭރިއަން ހަދަން ޖެހުމަކީވެސް ކުރިމަތިވި ގޮންޖެހުމެއް ކަމަށެވެ. “މަންމަގެ ހާލު އެހާދެރަ. ބްލަޑް ޕްރެޝަރު އެހާމަތި. އެކަމަކު ސިޒޭރިއަނަކަށް ނުގޮސް ވާކަށްނެތް. އެހާލަތުގައި ސިޒޭރިއަން ހަދައި ކާމިޔާބު ކުރެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،” އަހުމަދު ވިދާޅުވިއެވެ. މިހާރު ދެމައިންގެ ހާލުވެސް ރަނގަޅެވެ.
ހަތަރު ފަހަރު އެބޯޓުވި އަންހެނެއްގެ ވާހަކަ
ދެން އެހެން ވާހަކައެކެވެ. 4 ފަހަރު ބަނޑުބޮޑުވެ އެބޯޓުވި އަންހެނެއްގެ ވާހަކައެވެ. އެ އަންހެންމީހާ ހޮސްޕިޓަލަށް ދިޔައީ ޑރ. އަހުމަދުގެ ވާހަކަ އަޑުއިވިގެން ނޫނެވެ. ފަސްވަނަ ފަހަރަށް ބަލިވެއިނީމާ ދިޔައީއެވެ. އަހުމަދު އޭނާއަށް ފަރުވާދޭން ފެށިއެވެ. މިހާރު އެ އަންހެން މީހާގެ ބަނޑަށް ފަސް މަހެއެވެ. މިހާތަނަށް ހުރިހާ ކަމެއްވެސް ރަނގަޅެވެ. “އެއީ ދެތިން ހަތަރު ފަހަރަށް އެބޯޓުވެފައިވާ އަންހެނެއް. ބަލިވެ އިނދެ މަހެއްހާ ދުވަސްތެރޭ އެބޯޓުވަނީ. ފަސްވަނަ ފަހަރަށް ބަލިވެ އިނދެގެން އެޗުއާރުއެޗަށް ދިޔައީ. އިއްތިފާގުން ދިމާވީ އަޅުގަނޑާ. ފަރުވާއަށްފަހު މިހާރު ބަނޑަށް ފަސްމަސް. ﷲގެ މިންވަރުފުޅުން އަދާ ހަމައަށް ހުރިހާ ކަމެއްވެސް ރަނގަޅަށް ދަނީ،” އަހުމަދު ވިދާޅުވިއެވެ.
އެ އަންހެން މީހާއާވެސް އަޅުގަނޑު ވާހަކަ ދެއްކީމެވެ. “ކުރިން ހަތަރު ފަހަރު އަޅުގަނޑު ބަނޑު ބޮޑުވި. އެކަމަކު މަހެއް ދެމަހެއްތެރޭ ކޮންމެ ފަހަރަކު އެބޯޓުވަނީ. އިންޑިއާއަށްގޮސް އެތާ ޑޮކްޓަރުންނަށްވެސް ދެއްކިން. އެކަމަކު ކާމިޔާބެއްނުވި. ފަސްވަނަ ފަހަރަށް ބަލިވެއިނުމުން ދިޔައީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް. އޭރު ދިމާވީ ޑރ. އަހުމަދާ. ވަގުތުން ވަރަށް ބައިވަރު ޓެސްޓްތައްހެދި. ޓެސްޓްތަކުން މައްސަލައެއް ނުދައްކާ ކަމަށް ވިދާޅުވި. ވަރަށް ރަނގަޅަށް ބެލުމަށްފަހު އިންޖެކްޝަން ޖަހަންފެށީ. އަޅުގަނޑުގެ ބަނޑަށް މިހާރު ފަސް މަސް. ޑރ. އަހުމަދަކީ ވަރަށް ތަފާތު ޑޮކްޓަރެއް. މީހުން ދައްކާ ވާހަކަ އަޑުއަހާ. ވަރަށް ހިތްހެޔޮ އޯގާތެރި. އެ އަޚުލާގުގެ ސަބަބުން ވަރަށް ބޮޑު އިތުބާރެއް އޮވޭ އަހުމަދާމެދު،” އެމީހާ ބުންޏެވެ.
އެމީހާ ބުނީ އެންމެ ހިތްހަމަޖެެހެނީ ފަސޭހައިން އަހުމަދާ ވާހަކަ ދެއްކޭތީ ކަމަށެވެ. “ކަމެއް ދިމާވެއްޖެނަމަ ގުޅާލާށޭ ވިދާޅުވެ ވައިބަރ ނަންބަރވެސް ވަނީ ދެއްވާފައި. މިއީ މަދު ޑޮކްޓަރެއްގެ ފަރާތުން މެނުވީ ނުފެންނަ ކަމެއް. މިހުރިހާ ކަމަކަށް ބަލާއިރު އެއީ އާދަޔާ ހިލާފު ޑޮކްޓަރެއް ކަމަށް އަޅުގަނޑު ދެކެން،” އެ އަންހެނުން މީހާ ބުންޏެވެ.
ސީރިއަސް ދެ އޮޕަރޭޝަން
އަހުމަދު ވަނީ އެއްދުވަހަކު ވަރަށް ސީރިއަސް ދެ އޮޕަރޭޝަނެއް ކޮށްފައެވެ. އެއީ ދެމީހެއްގެ ރަހިމް ނެގުމުގެ އޮޕަރޭޝަނެކެވެ. އޭގެ ތެރެއިން އެކަކާ އަޅުގަނޑު ވާހަކަ ދެއްކީމެވެ. އެމީހާ ބުނީ ޑރ. އަހުމަދުގެ ވާހަކަ އަޑު އިވުނީ މީހުންގެ ފަރާތުން ކަމަށެވެ. “ރަށުން މި އޮޕަރޭޝަން ކުރަން ނިންމީ މީހުންގެ ވާހަކަ އިވިފައި ހުއްޓައި ސީދާ އަހުމަދާ ދިމާވުމުން އުފެދުނު އިތުބާރެއްގެ ބޮޑު ކަމުން. އެއީ ބަލި މީހުންނަށް އޯގާތެރި ޑޮކްޓަރެއް. އެއީ ހިތްހެޔޮ މޮޅު ޑޮކްޓަރެއް،” އެމީހާ ބުންޏެވެ.
ވަސީލަތްތަކުގެ ބޭނުން ހިފުން
އަންހެނެއްގެ ރަހިމު ނެގުމަކީ ހަމަ ކަށަވަރުންވެސް އާދައިގެ ކަމެއް ނޫނެވެ. ހާއްސަކޮށް އެޗުއާރުއެޗު ކަހަލަ ތަނެއްގައެވެ. މިފަދަ އޮޕަރޭޝަންތަކާ އަހުމަދު ކުރިމަތި ލައްވަނީ ހުރިހާ ވަސީލަތެއް ހުރެގެން ހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. އެހެންނަަމަވެސް އިތުރު ވަސީލަތްތަކަށް އެދެވޭނީ މިހާރު ލިބެންހުރި ވަސީލަތްތައް ބޭނުންކޮށް ނިމިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
“ހޮސްޕިޓަލުގައި އަޅުގަނޑު މަސައްކަތްކުރާ ކުލިނިކްގައި ފެންވަރު ރަނގަޅު އިލެކްޓްރޯނިކް ސްކޭން މެޝިނެއް އެބަހުރި. އެއިން ވަރަށްގިނަ ވައްތަރުގެ ސްކޭން ހެދޭ. އަޅުގަނޑު ހިތްހަމަޖެހޭ ފެންވަރުގެ އޮޕަރޭޝަން ތިއޭޓަރެއް އެބަހުރި. އެހީތެރިވާނެ މީހުން އެބަތިބި. ސާމާނުނެތް ވާހަކަ ދައްކައިގެން އެއްވެސް ބަހަނާއެއް ދެއްކުމަކީ އަޅުގަނޑަށް އެހާ ކަމުދާ ކަމެއްނޫން. ހުރި ވަސީލަތެއް ބޭނުން ކޮށްގެން ހިދުމަތް ދިނުން މުހިންމީ. ޑޮކްޓަރުންނަށް ގޮތްހުސްވެއްޖެއްނަަމަ ބަލި މީހާއަށް ވާނެގޮތާ މެދު ވިސްނާލުމުން ރަނގަޅު ފިލާވަޅެއް ދަސްވާނެ. މަސައްކަތް ކުރަންޖެހޭނެ. ހިންމަވައި ދެއްވާނީ ﷲ. ނެތް ވަސީލަތްތަކުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ހުރިއެއްޗެއްގެ ވާހަކަ ދައްކައިގެން އޭގެ ބޭނުން ކުރަންވީ” އަހުމަދު ވިދާޅުވިއެވެ.
އަހުމަދާ ކުރިމަތި ކުރުވާ ބޮޑު ސުވާލު
ޑޮކްޓަރ ވިދާޅުވީ ފަރުވާއަށް ފެށުމަށްފަހު ވަރަށްގިނަމީހުން ވަރަށް ބޮޑު ސުވާލެއް އޭނާއާ ކުރިމަތި ކުރުވާ ކަމަށެވެ. އެއީ ފަރުވާ ކުރާތާ މިވެނި ދުވަހަކު ދަރިމައިވާނެހޭ ނުވަތަ ވާނެ ދޯއޭ ބުނެ ކުރާ ސުވާލު ކަމަށެވެ. “އަޅުގަނޑު މިކުރަނީ މަސައްކަތް. ދަރިންނަކީ ﷲ ދެއްވާ ވަރަށް ބޮޑު ހަދިޔާއެއް. ނިއުމަތެއް. އެހެންވީމާ މިވެނި ދުވަހަކު ވާނެޔޭ ބުނަން ވަރަށް ދަތިވާނެ. ބޭސްފަރުވާއާއެކު ﷲ އަށް ދުޢާ ދެންނެވުން އޮންނާނީ،” އޭނާ ވިދާޅުވިއެވެ.
މެނޭޖުމަންޓުގެ ނަޒަރުގައި އަހުމަދު
ހޮސްޕިޓަލުގެ މެނޭޖަރ ހަދީޖާ ހަފްސާ ވިދާޅުވީ ޑރ. އަހުމަދަކީ ގެންގުޅެން ފަސޭހަ ޑޮކްޓަރެއް ކަމަށެވެ. “ކުރިން މިތަނަށް އައި ގައިނޮކޮލޮޖިސްޓުންނަށް ދެތިން މަހު އުޅެވެނީ. ދެންދަނީ. އެކަމަކު އަހުމަދު، އަށް މަސް ހޭދަކޮށްފި. އޭނާއާ ބެހޭ އެއްވެސް ޝަކުވާއެއް މިހާތަނަށް ލިބިފައެއްނެތް. އެކަމަކު އޭނާއަށް ދައްކަން ނަންބަރު ނުލިބިގެން ވަރަށްގިނަ ޝަކުވާ ލިބޭ،” ހަފްސާ ވިދާޅުވިއެވެ.
އައްޑޫގެ ދިރިއުޅުން އަހުމަދަށް ކަމުދޭ
އަހުމަދަށް ރާއްޖެ ވަރަށް ކަމުދެއެވެ. ހާއްސަކޮށް އައްޑޫސިޓީއެވެ. އެއީ އޭނާ މަސައްކަތްކުރާ ސިޓީއަށް ވުމެވެ. ސާފުވައި ލިބޭތީއެވެ. ދުއްވާ އެއްޗެހި މަދުވީމައެވެ. ރަނގަޅު އެކުވެރީން ލިބޭތީއެވެ. މަސައްކަތު މާހައުލު ކަމުދާތީއެވެ. މީހުންގެ ހިތްހެޔޮ ކަމެވެ. މިސްރުގެ ގާހިރާގައި އޭނާ ހޭދަކުރި ދުވަސްތައް ތަކުރާރުވާކަށް އޭނާ ބޭނުމެއް ނޫންނެވެ. ތޮއްޖެހިފައިވާ މަގުތަކުގައި ކާރު ދުއްވާކަށް އޭނާގެ ހިތެއް ނޭދެއެވެ. ސިޔާސީ ފިކުރުން ކަޅިވެފައިވާ މީހުންގެ ތެރޭގައި އުޅޭހިތެއް ނުވެއެވެ.
އަހުމަދު ބޭނުންވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި، ސައިންސްވެރިންނާއި، ނޫސްވެރިން ފަދަ މީހުންނަށް ޖާގައެއް އޮންނަ ހަމަހިމޭން ވެއްޓެކެވެ. އެވެށި އައްޑޫގައި އެބައޮތް ކަމަށް އޭނާ ގަބޫލު ކުރައްވައެވެ. ﷲގެ ރަހުމަތްފުޅުން އަހުމަދަށް ތިޔައޮތީ ހިމޭން ސިޓީއެއްގައި ދިރިއުޅުއްވުމުގެ ފުރުސަތު ލިބިވަަޑައިގެންފައެވެ. އައްޑޫ ސިޓީގެ ރައްޔިތުންގެ ލޯބީގެ ހިޔާވަހިކަމުގެ ތަނަވަސް ކަމާއެވެ. އެތަނަވަސް ހިޔަލުގައި އަހުމަދު އުޅުއްވާށެވެ. ތިޔަ ދެއްވާ ހިދުމަތަށް އައްޑޫ ރައްޔިތުން ޝުކުރުވެރި ވެއެވެ.