އައްޑޫ ސިޓީގެ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓަކީ މިހާތަނަށް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިފައި ނުވާތަނެކެވެ. އައްޑޫގެ އިގްތިސާދީ ދުވެލި މެކުހަށް ޖަހާލެވޭނެ އެންމެ މުހިއްމު ތަނަކީވެސް ހަމަ ގަމުގެ އެއާޕޯޓެވެ.
އެތަން ދެމެހެއްޓެނިވި ގޮތެއްގައި އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި އެއްވެސް ސަރުކާރަކުން ހިންގިފައެއް ނެތެވެ. ސަބަބުތައް ކިތައްމެހައިވެސް ގިނަ ކަމަށް އެތައް ބަޔަކު ބުނަމުން ދެއެވެ. ބައިނަލް އަގުވާމީ އެއާޕޯޓެއްގެ ދަރަޖަ ދިނުމަށް އެތަނަށް ބޭނުންވާ އެކަށީގެންވާ ޓާމިނަލެއް ހެދި، އެތަނުގެ ޚިދުމަތް އިސާހިތަކު ލިބިގެން ދާނެ ކަމަށް ގިނަމީހުން ގަބޫލު ކުރިއެވެ.
ނަމަވެސް ޓާމިނަލް ނިމުމާއެކު ދެކެވިގެން ދިޔައީ ގަމުގެ އެއާޕޯޓުގެ ރަންވޭ ދިގު ކުރެވިގެން ނޫނީ އިންޓަނޭޝަނަލް އެއާޕޯޓަކަށް އެތަން ބޭނުން ކުރަން ދަތި ވާނެ ވާހަކައެވެ. އެހެން ކަމުން މިހާރު އެވަނީ އެކަންވެސްކޮށް ނިންމާފައެވެ. ނަމަވެސް އަދިވެސް އެކަން ކުރެވޭނެ ފޯމިއުލާއެއް ނެތެވެ.
އެތަނުގައި އިންޓަނޭޝަނަލް އެއާޕޯޓަކުން ލިބޭނެ ހުރިހާ ޚިދުމަތެއް މިހާރު ލިބޭފެންވަރަށް އެތަންއެވަނީ ތަރައްޤީކޮށް ނިންމާފައެވެ. އެހެންކަމުން ސްރީލަންކަން އެއާލައިންސްއިން އަންނަނީ ދަތުރުތައް ފަށައިގަތުމަށް ތައްޔާރު ވަމުންނެވެ. ނަމަވެސް އެއެއާލައިނަށްވެސް ގިނަ ގޮންޖެހުންތައް ހުރިކަމަށް ގަބޫލު ކުރަން ޖެހެއެވެ. އެއީ އައްޑޫއަށް އިންޓަނޭޝަނަލް ފްލައިޓްތައް އޮޕަރޭޓް ކުރާކަމަށް ވާނަމަ އެތަނުގައި އެކަށީގެންވާ މިންވަރަށް ފަތުރުވެރިންނަށް ޚާއްސަ އެނދުތަކެއް ގާއިމު ވާން އެބަޖެހެއެވެ.
އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ކެޕޭސިޓިއަށް ބަލާއިރު އެކަށީގެންވާ މިންވަރަކަށް ފަތުރުވެރިންނަށް ޚާއްސަ އެނދުތަކެއް ގާއިމު ކުރެވިފައި އަދި ނެތެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާ ކާރުން ގަބޫލު ކުރާގޮތުގައި އައްޑުއަށް އިންޓަނޭޝަނަލް ފްލައިޓް އޮޕެރޭޓް ކުރެވޭނީ މަދުވެގެން 3000 ވަރަކަށް ބެޑް ކެޕޭސިޓީއެއް އޮވެގެންނެވެ. މިމޭރުމުން މިހާރުގެ ޓޫރިޒަމް މިނިސްޓަރުވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އައްޑޫގެ މިހާރު ހިންގަމުން އަންނަ 3 ރިސޯޓުގައި މިވަރުގެ ކެޕޭސީޓީއެއް އަދި ނެތެވެ. އެތިންތަނުގެ ޖުމުލަ ބެޑް ކެޕޭސިޓީ އަކީ 836 އެނދެވެ. އެއީ ޖުމުލަ 418 ކޮޓަރިއެވެ.
މިފޯމިއުލާއަށް ނަޒަރު ހިންގާލާއިރު ވިޔަފާރި އުސޫލުން ފްލައިޓް އޮޕެރޭޓް ކުރާބަޔަކަށް މިކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެއެވެ. އެހެންކަމަށް ވާނަމަ ފްލައިޓް އޮޕެރޭޓް ކުރެވޭނީ ސަބްސިޑައިޒް ކޮށްގެންނެވެ. އެކަން ކުރެވޭނެ އަދި ކުރާނެ ބަޔަކު ނެތެވެ. އެހެންކަމަށް ވާނަމަ ދެން އޮތް ފޯމިއުލާއަކީ ކޮބައިތޯއެވެ؟
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ވުރެ ހުވަދު އަތޮޅުގެ ދެބުރީގެ ހުރިހާ ރަށްތަކާއި ކައިރީގަ އޮތީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓެވެ. ހުވަދު އަތޮޅުގެ ދެބުރީގައި ހިމެނޭ ހުރިހާ ރިސޯޓަކަށް އަންނަ ފަތުރުވެރިން ރާއްޖެއަށް ފުރަތަމަ އަންނަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އޭގެ ފަހުން ފަތުރުވެރިން ޑޮމެސްޓިކް އެއާޕޯޓުތަކަށް މިއުފުލަނީ ގައުމީ އެއާލައިންގެ ކުދި ބޯޑު ފަހަރު ތަކުގައެވެ.
ހުވަދު އަތޮޅުގެ ދެބުރީގެ މިހާރު ހިންގަމުން ދަނީ ޖުމުލަ 7 ރިސޯޓެވެ. މިރިސޯޓުތަކުގެ ކޮޓަރި ތަކުގެ އަދަދަކީ 577 އެވެ. އެއީ ބެޑްކެޕޭސީޓިއަށް ބަލާއިރު 1154 އެނދެވެ. މިއަހަރު ތެރޭގައި އިތުރަށް ހުޅުވޭނެ ކަމަށް ބެލެވިފައިވަނީ ގދ. ވަޓަވައްރެހާގައި ހަދަމުންދާ ޖޭ ރިސޯޓް ރާޅުވެއްޔާއި ގއ. ގައި ހުޅުވިގެންދާ މާކިޔޯ ކޫއްޑޫ އެވެ. މިދެރަށުގެ ޖުމަލަ ކޮޓަރީގެ އަދަދަކީ 143 އެވެ. އެއީ ބެޑް ކެޕޭސިޓީއަށް ބަލާއިރު 286 އެނދެވެ. މީގެ އިތުރުން ހުވަދު އަތޮޅު އުތުރު ބުރީގައި 120 ކޮޓަރީގެ ރިސޯޓެއް ކަމަށްވާ ޕުލްމަން މާމުޓާ ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.
އެހެންކަމަށް ވާނަމަ އައްޑޫ އާއި ހުވަދު އަތޮޅުގެ ދެބުރީގެ ހުރިހާ ރިސޯޓެއްގެ ޖުލްމަ ބެޑް ކެޕޭސިޓީ 2516 އަށް އަރާނެއެވެ. މިހާވަރުގެ ބެޑް ކެޕޭސީޓީއަކުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް އޮޕެރޭޓް ކުރުމަކަށް އުނދަގުލެއް ކުރިމައްޗެއް ނުވާނެއެވެ. އައްޑޫގައި މިހާރު އެދަނީ އެއާޓެކްސީގެ ޚިދުމަތް ފަށައިގަތުމަށް މަސައްކަތް ކުރަމުންނެވެ. އެއާޓެކްސީގައި ހުވަދު އަތޮޅުގެ ދެބުރީގެ ހުރިހާ ރިސޯޓުތަކަށް ފަތުރުވެރިން އުފުލަން ފެށުމުން ދަތުރުގެ ޚަރަދު ކުޑަވެފައި އަދި އެތައް ގުނައެއް ފަސޭހަވެގެން ދާނެއެވެ.
ނަމަވެސް މިބެޑްކެޕޭސިޓީ ބޭނުންކޮށްގެން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ދެމެހެއްޓެނެވި އޮޕަރޭޝަނަކަށް ގެނެވޭނީ ދުރާލާ ރާވައިގެން މަސައްކަތްތަކެއް ކޮށްގެންނެވެ. މިކަމުގައި އެންމެ އިސްރޯލެއް އަދާކުރަން ޖެހޭ ފަރާތަކީ ފަތުރުވެރިކަމުގެ ވުޒާރާއެވެ. އެވުޒާރާއިން އިސްނަގައިގެން މިކަން ކުރުމަކަށް މާ އުނދަގުލެއް ވާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
ފަތުރުވެރިކަމުގެ ވުޒާރާއާއި، އައްޑޫ/ހުވަދޫ ސަރަހައްދުގައި ހިމެނޭ ރިސޯޓްތައް ހިންގާފަރާތްތަކާއި، އެރިސޯޓުތަކަށް ގެސްޓުން ފޮނުވާ އެޖެންސީތަކާއި، ފްލައިޓް އޮޕަރޭޓް ކުރާ އެއާލައިންތަކާއި އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނި ގުޅިގެން މަސައްކަތް ފަށައި ގަންނަން ޖެހެއެވެ. މިފަރާތްތައް ގުޅިގެން އެރިސޯޓުތަކަށް ގެނެވޭ ގެސްޓުން ގަމަށް ޑައިވާޓް ކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން ގިނިކަންޏާ ކިތައްމެ ވަރަކަށް އިންޓަނޭޝަނަލް ފްލައިޓް އެތަނަށް ގެންނަން މަސައްކަތް ކުރި ކަމުގައި ވިޔަސް މިހާރުގެ އައްޑޫގެ ބެޑްކެޕޭސިޓީ ހާލަތު އޮތްގޮތުން އެކަށީގެންވާ ކާމިޔާބީ އަކަށް ދަތުރު ނުކުރެވޭނެއެވެ. ވީއިރު ފަތުރުވެރިކަމުގެ ވުޒާރައިން މިކަމަށް އިސްނަގަން ޖެހޭކަމަށް ގަބޫލު ކުރެވެއެވެ.
މީގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުންވެސް މަސައްކަތްތެއް ކުރަން އެބަ ޖެހެއެވެ. އެންމެ ފުރަތަމަ ކަމަކީ ގަމުގެ އެއާޕޯޓުން ފްލައިޓްތަކަށް ބޭނުންވާ ތެލުގެ އަގު ކޮންމެވެސް މިންވަރަކަށް ތިރިކޮށްލުމެވެ. އަދި ލޭންޑިން ފީވެސް ކުޑަކުރަން ޖެހެއެވެ. ހަމަ މިއާއި އެކު ޕްރައިވެޓް ޖެޓް ޕާކިންގެ އަގުވެސް ދަށްކުރަން ޖެހެއެވެ.
މީގެ އިތުރުން ފްލައިޓްތަކަށް ދިމާވެދާނެ އިންޖީނު މައްސަލަތަކަށް ހައްލު ހޯދާދެވޭނެ ބަންކަރެއް ގާއިމު ކުރަން ޖެހެއެވެ. މިހުރިހާ ކަމެއް ހައްލު ކުރުމުގެ އެންމެ އެކަށޭނެ ރޯލެއް އަދާކުރެވޭނީ ސަރުކާރަށެވެ. އާދެ ފަތުރުވެރިކަމުގެ ވުޒާރާއަށެވެ. މިފަދަ ފޯމިއުލާއެއްގެ ދަށުން ނޫންގޮތަކަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ދެމެހެއްޓެނިވި ގޮތެއްގައި އޮޕަރޭޓް ކުރުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.
މިފޯމިއުލާ ހަމަޔަކަށް އެޅުވިއްޖެ ނަމަ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މުސްތަގުބަލް ވަރަށް އުޖާލާއެވެ. ސަބަބަކީ މުސްތަގުބަލުގައި މި ސަރަހައްދުގައި އިތުރު 6 ރިސޯޓު ހުޅުވިގެން ދާނެއެވެ. މިހާރު ވަނީ މިރަށްތައް އެކިފަރާތްތަކަށް ތަރައްގީކުރުމަށް ދޫކޮށްފައެވެ. މައުލޫމަތު ލިބިފައިވާ ގޮތުގައި މި ރިސޯޓްތައް ތަރައްގީ ކުރެވިގެންދާއިރު މިސަރަހައްދުގައި 226 ކޮޓަރި އިތުރުވާނެއެވެ. އެއީ 452 އެނދެވެ.
މީގެ އިތުރުން އައްޑޫގެ އިސްމެހެލަ ހެރައާއި، ހަންކެޑަ އަދި މުލިކެޑަ ރިސޯޓްތަކަށް ތަރައްގީ ކުރުމުން ގަމުގެ އެއާޕޯޓުގެ އޮޕަރޭޝަން އެއޮތީ ފައްކާވެފައެވެ. މިހިސާބުން ގަމުގެ އެއާޕޯޓަށް ޖައްސާ ފްލައިޓްތައް ބަލާލަން އަރާ ތިބޭނެ ޕްލެޓްފޯމެއް އައްޑޫ ރައްޔިތުން އަމިއްލަ ޚަރަދުގައި ގާއިމު ކޮށްފާނެ ކަމާއި މެދު ސުވާލެއް ނެތެވެ.