English Edition
Dhivehi Edition

ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީބޮޑު އަތޮޅަކީ އައްޑޫސިޓީއެވެ. ނަމުން އެންމެ ތަރައްގީވެފައިވަނީވެސް އައްޑޫއެވެ.

ހަމަ ހަގީގަތަކީވެސް މީހުން ނަންކުރާ ވަރަށް އައްޑޫ ތަރައްގީ ވެފައިނުވުމެވެ. ގިނަ މަގުތައް އޮށްވަޅު ގޮނޑިއަކަށްވުރެ ހާލުދެރައެވެ. އަޑިގުޑަންތައް ގިނަކަމުންނެވެ. ޓެކްސީގައި ދަތުރުކުރާ ބައެއް މީހުން އައްޑޫގެ މަގުތައް ސިފަކުރަނީ ގަދަ ކަނޑެއްގެ ގޮތުގައެވެ. އެއްވަޅުގަނޑުން އަނެއް ވަޅުގަނޑަށް ކާރު އަރާއިރު ސިފަކުރަނީ އެއްރާޅުގެ މަތިން އަނެއް ރާޅަށް އެރުން ކަހަލަ ގޮތަކަށެވެ.

މިއީ ހަމަ ހަގީގަތުގައިވެސް ރަނގަޅު މިސާލެކެވެ. މަގުތައް ނުހަދައި ހުރުމުގެ ސަބަބުން ވާ ތުރާލާއި ލިބޭ އަނިޔާގެ ވާހަކަ ނުދައްކާ ބައެއްނެތެވެ. އާންމުން ދައްކައެވެ. ޓެކްސީ ސެންޓަރުން ތަކުން ދައްކައެވެ. ޓެކްސީ ޑްރައިވަރުން ދައްކައެވެ.
ޓެކްސީގައި ދަތުރުކުރާ މީހުން ދައްކައެވެ.

ވާރޭ ވެހިއްޖެނަމަ ދުއްވޭ ވަރެއް ނުވެއެވެ. އަޑިގަނޑަކަށް ވެއްޓިދާނެތީއެވެ. ހިނގޭ ވަރެއްނޫނެވެ. ވަޅުގަނޑަކަށް ވެއްޓިދާނެތީއެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަށް މީހާއަށައި ދުއްވާ އެއްޗަށްވެސް އެހާ ގެއްލުން ލިބެއެވެ. “އިހަށް ދުވަހު އަޅުގަނޑު ތިންލައްކަ ތިރީސް ހާސް ރުފިޔާ ދީފައި ކާރެއްގަތީ. ގަތް ހަފްތާއި ހިތަދޫ މަގެއްގައި ދުއްވާފައި ދަނިކޮށް ގަނބައިގެންފައި، ބަފަރާއި ހުރިހާ ތަނެއްހެން ހަލާކުވެފައި. މަރާމާތަށް ދިޔައިމާ ފަސްހާސް ރުފިޔާ އަށްވުރެ ބޮޑުއެއްޗެއް އެބައަރާ،” ވިޝަންޓެކްސީގެ ވެރިޔާ އާމިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހިތަދޫގައި ދުއްވާ ކާރެއްގެ މަރާމާތަށް ކޮންމެ މަހަކު މަދުވެގެން ދެހާސް، ތިންހާސް ޚަރަދު ކުރަން ޖެހޭ ކަމަށެވެ. މިހެން ދިމާވަނީ މަގުތައް ނުހެދި ހުރުމުގެ ސަބަބުން ވާ ގެއްލުން ބޮޑުކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

“ޓެކްސީއަކަށް އަރައިގެން ބައެއް މަގުތަކުގައި ދުއްވާއިރު އުނަގަނޑު ހީވަނީ ކުދިކުދި ވެދާނެހެން. އޮށްވަޅު ގޮނޑިއެއްހެން ހުންނަ މަގުތަކުންދާއިރު ޓެކްސީ ޑްރައިވަރު ކިތަންމެ ބަލައިގެން ދުއްވިޔަސް މި ތަދު އިހުސާސް ކުރެވޭ. އެކަން ހުއްޓޭނީ އަވަސް މުއްދަތެއްގައި މަގުތައް ހެދިގެން،” ހިތަދޫ މީހަކު ބުންޏެވެ.

ހިތަދުއަށް އެކަނި ބެއްޔަސް ގިނައަދަދެއްގެ އުޅަނދުފަހަރު އެއްގަމުގައި ދުއްވައެވެ. ދެތިން ޓެކްސީ ސެންޓަރު ހިންގައެވެ. އަމިއްލަ ކާރާއި، ވޭނާއި، ޕިކަޕާއި، ހެވީލޯޑު ވެހިކަލްތައްވެސް މަދެއް ނޫނެވެ. މިތަކެއްޗަށް އެކަށީގެންވާ މަގުތަކެއް ހެދިފައި ނެތުމުން އުޅަނދުފަހަރަށާއި އޭގައި ދަތުރުކުރާ މީހުންނަށް ފަހުންނަމަވެސް ގެއްލުމާ ކުރިމަތިލާންޖެހެއެވެ.

ފަންސާސް ދެ ކާރު ހިމެނޭ ވިޝަން ޓެކްސީގެ ވެރިޔާ އާމިރު ވިދާޅުވީ ވަޅުގަނޑު ގިނަކަމުން ބައެއް ޑްރައިވަރުންގެ ބުރިކައްޓާއި އުނަގަނޑުގައި ރިއްސާ މައްސަލަ ވަރަށް ބޮޑަށް ދިމާވާ ކަމަށެވެ. “ކާރު ދުއްވާއިރު ވަޅުގަނޑުގަނޑަށް ޖަހާތީ އުނަގަނޑާއި ބުރިކަށީގައި ރިއްސުން ފަދަ މައްސަލަ ޑްރައިވަރުންނަށް ދިމާވޭ،” އޭނާ ވިދާޅުވިއެވެ.

“އުނަގަނޑުގައި ރިއްސުން އެއްކިބާކޮށްފައި ދުއްވާ އެތިގަނޑަށް (ކާރަށް) ލިބޭ ގެއްލުން ބަލަމާ ހިނގާ. ޓެކްސީ ކޮށްގެން ލިބޭ އެއްޗަކުން ކާރު މަރާމާތު ކުރުމަށް މަހެއްގެ މައްޗަށް ދެހާސް ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން ޚަރަދުކުރަން އެބަޖެހޭ. އެއީ ހަމަ އަޑިގުޑަން މަގުތަކުގައި ދުއްވަންޖެހޭތީ ލިބޭ ގެއްލުން،” ޓެކްސީ ޑްރައިވަރަކު ބުންޏެވެ.

މިވަރުން ޓެކްސީކޮށްގެން ރަނގަޅު އާމްދަނީއެއް އެބަލިބޭ ހެއްޔެވެ؟ “ކާރަށް ކުރަންޖެހޭ ޚަރަދަށް ނުބަލާ ކަމަށްވާނަމަ ބުނެވިދާނެ އުޅެވޭވަރުގެ އެއްޗެއް ލިބެޔޭ. އެކަމަކު އެއްވެސް މީހަކު އެގޮތަށް ހިސާބެއް ނުހަދާނެތާދޯ. ތެލަށް ޚަރަދުކުރަންޖެހޭ. ކޮންމެ މަހަކު ކާރު މަރާމާތު ކުރަންޖެހޭ، އެހެންނޫނީ ބައެއްފަހަރު މަހަކު ދެފަހަރުވެސް މަރާމާތުކުރަންޖެހިދާނެ. މިކަންކަމަށް ކުރަންޖެހޭ ޚަރަދަށް ބަލާއިރު ބުނެވޭނީ ރަނގަޅު އެއްޗެއް ނުލިބެޔޭ. އެކަމަކު ތެލުގެ ޚަރަދުކުޑަ ކާރުތައް ދުއްވާ މީހުންނަށް އުޅެވޭ ވަރުގެ އެއްޗެއް ލިބުމަކީ އެކަށީގެންވާ ކަމެއް،” ޓެކްސީކުރާ އެހެން މީހަކު ބުންޏެވެ.

މި ހިސާބުން އެހެން ވާހަކައެކެވެ. ސަރުކާރުންވަނީ އައްޑޫގެ ހުރިހާ ރަށެއްގައިވެސް ތާރުއަޅައިގެން ކޮންމެވެސް ވަރަކަށް މަގުތައް ހަދައިދީފައެވެ. މަގުތައް ހެދުމުގެ އިތުރު މަޝްރޫއުތައްވަނީ ރާވައިފައެވެ. އެއީ މުސްތަގުބަލަށް އޮތް އުފާވެރި ޚަބަރެކެވެ. ޚަބަރަކުން ކުރާނެ ކަމެއްނެތެވެ. އުފަލުގެ ފޮނިމީރުކަން ލިބޭނީ އަމަލު ކުރެވިގެންނެވެ.

އެމްއާރުޑީސީން މިހާރުވެސް އައްޑޫގެ ވެލިމަގުތައް އެއްވަރުކޮށްދީ އެއްޗެއްސަށް ދުއްވޭ ގޮތްހެދުމަށް މަސައްކަތްކުރެއެވެ. އެހެންނަމަވެސް އަބަދު އަބަދު ވެލިމަގު ހަދަހަދައި ތިބުމަކީ މުސްތަގުބަލަށް ބަލާއިރު މަސައްކަތާއި ޚަރަދުގެ ގޮތުން ދެކޮޅުޖެހޭ ކަމަކަށް ނުވާނެއެވެ.

ތާރުއަޅައިގެން ހަދާފައިވާ މަގުތަކުގައި ހުސް ވެއްޔެވެ. ޖެހިގެންހުރި މަގުތައް ނަހަދާ ހުރުމުން ދުއްވާ އެއްޗެހީގެ ފުރޮޅުގައި ހޭކިގެންނާއި، ވައިރޯޅީގެ ސަބަބުން ތާރުމަގަށް ވެލިއަރަނީއެވެ. އޭގެ ސަބަބުން ދުއްވާ އެއްޗެހި ކަހާލައި އެކްސިޑެންޓް ހިނގާކަމީވެސް ގަބޫލު ކުރަންޖެހޭ ހަގީގަތެކެވެ. މަގުތަކަށްއަރާ ވެލި އެމްއާރުޑީސީން މިހާރުވެސް ނަގައެވެ. ސާފު ކުރެއެވެ. ސާފު ކުރިޔަސް އެހެން މަގުތަކުގައި ތާރުނާޅާހާ ހިނދަކު މިއީ ހައްލެއް ލިބެންއޮތް ކަމެއްނޫނެވެ.

އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރ އަބްދުﷲ ތައްޔިބު ވިދާޅުވީ އެ ސިޓީގައި ވަކިން އޮންނަ ހުޅުމީދޫގެ މަގުތަކުގެ ހާލަތު، ގުޅިފައިވާ ރަށްރަށުގެ މަގުތަކަށްވުރެ ރަނގަޅު ނުވާނެ ކަމަށެވެ. އެއީ ހުޅުމީދޫގައިވެސް ދުއްވާއެއްޗެހި ވަކި މަދުނުވާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަގުހެދުމުގެ މަޝްރޫއުތައް އިއުލާން ކުރެއްވިޔަސް އަމަލީ މަސައްކަތް އަދިވެސް ނުފެށުމަކީ ރައްޔިތުން މާޔޫސް ކުރުވާ ކަމެއް ކަމަށެވެ.

އައްޑޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ހިތަދޫގައި 14 ކިލޯ މީޓަރު މަގު (19 މަގު) ހެދުމަށްވަނީ ނިންމައި ކަމަށް އެމްއާރުޑީސީގެ އިސްބޭފުޅަކު ވިދާޅުވިއެވެ. އެ މަގުތައް ހަދާއިރު ބޮޑަށް ބަލަނީ ސްކޫލްތައް ކައިރީގައި ހުންނަ މަގުތައް ހެދުމަށް ކަމަށް އެމްއާރުޑީސީން މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

މުޅި އައްޑޫގައި މިފަހަރު ހެދުމަށް ހަމަޖެހިފައިވަނީ 25 ކިލޯ މީޓަރު މަގެވެ. އޭގެ ތެރެއިން ހިތަދޫގައި ހަދާނީ 14 ކިލޯ މީޓަރު މަގެވެ. ބާކީ 11 ކިލޯ މީޓަރުގެ ތެރެއިން ބޮޑުބައެއް ހެދުމަށް ހަމަޖެހިފައިވަނީ ހުޅުމީދޫގައެވެ. ފޭދޫ، މަރަދޫ، މަރަދޫފޭދޫގައިވެސް މަގުތައް ހެދުމަށްވަނީ ހަމަޖެހިފައި ކަމަށް އެމްއާރުޑީސީން ވިދާޅުވިއެވެ.

އައްޑުއަކީ އާބާދީއާއި ފަސްގަނޑުގެ ގޮތުން ބެއްޔަސް ބޮޑު އަތޮޅެކެވެ. ނުވަތަ ސިޓީއެވެ. ރާއްޖޭގެ އިގްތިސާދަށް އަންނަމުންދާ ކުރިއެރުންތަކުގެ ސަބަބުން ވަކިވަކި ފަރުދުންގެ ތަނަވަސްކަންވެސް ދަނީ އިތުރުވަމުން ތަރައްގީ ވަމުންނެވެ. އެއާ އެއްމިނުން އެމީހުން ގެންދަނީ ޒަރޫރީ ބޭނުންތައް ފުއްދުމަށް ފަސޭހަވާނެ ގޮތަށް މަގުފަހި ކުރަމުންނެވެ. އޭގެ ތެރޭގައި އެއްރަށުން އަނެއް ރަށަށް، އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަށް ސައިކަލް، ކާރު ފަދަ ތަކެއްޗަކީވެސް އަސާސީ ކަންކަން ފުއްދުމަށް ބޭނުން ކުރަންޖެހޭ ވަސީލަތްތައް ކަމަށް މީހުންވަނީ ބަލައިގެންފައެވެ. ހަމަގައިމުވެސް މަދުވެގެން އެއް ސައިކަލްނެތް ގެއެއް އެއޮތް ބޮޑުސިޓީގައި ނުހުންނާނެ ކަމަށް ނުބެލެވެއެވެ.

އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ބޮޑުއަގުގައި ގަނެގެން ގިނަދުވަސްނުވެ ހަލާކު ވެގެންދާކަށް އެއްވެސް މީހަކު ބޭނުމެއް ނުމެވާނެއެވެ. ދަރިން ސްކޫލަށް ގެންދަން ޖެހެއެވެ. ކަންމަތީ ފިހާރައިން ވިޔަފާރި ކޮށްލަން ޖެހެއެވެ. ކޮންމެވެސް މުހުތާދަކު ޖެހިގެން އޮންނަ ރަށަށް ދާންޖެހެއެވެ. މިކަންކަމަށްޓަކައި ދުއްވާ އެއްޗެއްސާ ނުލައި މިހާރު އުޅެވޭކަނަށްވެސް ނެތެވެ.

އަމިއްލައަށް ވެހިކަލެއް ގަތްގޮތަށް މަގުތައްވެސް ހަދަންވީހޭ ބުނެވޭކަށްވެސް ނޯންނާނެއެވެ. އެއީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމެއް ކަމަށް އެންމެވެސް ގަބޫލުކުރާތީއެވެ. ސީދާ ސަރުކާރުންވެސް އެކަން ގަބޫލު ކުރައްވައެވެ. އޭގެ ހެއްކަކީ މަގުތައް ހަދައިދިނުމަށް ސަރުކާރުން މަޝްރޫއުތައް އިއުލާން ކުރައްވަމުން ގެންދަވާތީއެވެ.

އައްޑޫގެ މަގުތަކުގައި ތާރުއަޅައި ރަނގަޅު ފެންވަރަކަށް ހެދިއްޖެ ކަމަށްވާނަމަ އިތުރު ކުރިންއެރުންތަކާއި ތަނަވަސްކަން ލިބޭނެއެވެ. ރައްޔިތުންގެ ދިރިއުޅުމަށް ލިބޭ ފަސޭކަން އިތުރުވާނެއެވެ. ރައްޔިތުން ތިބީ މަގުތައް ހަދައި އެމީހުންގެ ރީތި ވެހިކަލުން އެމަގުތަކުގައި ދުއްވާ ހިތުންނެވެ. މިއީ އިންތިޒާރެކެވެ. މި އިންތިޒާރަށް އަންނަންޖެހޭނީ ފޮނި ނިމުމެކެވެ.