English Edition
Dhivehi Edition

އައްޑޫ ބަނޑުދަށުގައިވާ ތާރީޚީ ޚަޒާނާތަކުގެ މުއްސަނދި ކަމާއެވެ. މި ޚަޒާނާއިން ފެނުނު “މައުދަނެއް” ގެ ބޭރު ގަލަމުގެ ތުނޑުން ކަހާލި ހިނދު އެ އަރަންފެށި އޮފްކަމެއްގެ ވިދުން ގަދަކަމާއެވެ.

އެއީ ހިތަދޫ އޮޑައްސަލި ވަލުގައި އޮންނަނަ ފެހިކުލައިގެ ރީތި ފެންގަނޑެވެ. ޕަރީން ހަނާފެންގަނޑޭވެސް ބައެއް މީހުން ކިޔައިއުޅޭތީ އަޑުއިވެއެވެ. މި ފެންގަނޑުގެ ފެން ހިފެހެއްޓިފައިވާ ގޮތާއި ރީތިރޯޅި އައިސް ފެންގަނޑުގައި ބީހެން ފެށުމުން ހަމަހިމޭން ކަމާއެކު އެގެންނަ ހަރާކާތުގެ ރީތިކަމުން މިފެންގަނޑާ މެދު އުފެދިފައިވާ ޝައުގުވެރިކަން ބޮޑުވިއެވެ. އެއީ ރަނިންހަނާ ފެންގަނޑު (ރަނިން ނާނޭފުޅު ފިއްލަވާ ފެންގަނޑު) ގެ ތާރީޚާމެދު އުފެދުނު ޝައުގެއް ކަމަށްވެސް ވެދާނެއެވެ.

އެހެންނަމަވެސް ފަހުން އެނގުނު ގޮތުގައި ފެހިކުލައިގެ އެފެންގަނޑަކީ ރަނިން ހަނާ ހަގީގީ ފެންގަނޑެއް ނޫނެވެ. ހަގީގީ ފެންގަނޑު އޮންނަތަން ވިދާޅުވެ ދެއްވީ އައްޑޫގެ ތާރީޚު ދިރާސާ ކުރައްވަމުން ގެންދަވާ ހިތަދޫ އިބްރާހީމް ފިރާގެވެ. ރަނިން ހަނާ އަސްލު ފެންގަނޑަކީ ކުޅިއެއް ކަމަށް ހިތަދޫގެ ވަރަށްގިނަ މީހުންނަށް ހީވެފައިވެއެވެ. އަސްލު ފެންގަނޑުގެ ވާހަކަ ފަހަށް ބާއްވަމާ ހިނގާށެވެ.

ރަނިން ހަނާ ފެންގަނޑުގެ ތާރީޚު

ބުނެވޭ ގޮތުގައި ވަރަށް ކުރީގެ ޒަމާނެއްގައި ގައުފަރީ ކަޅުއިބްރާހީމް (ކަޅު އުނބުށޭމް) ނަމަކަށް ކިޔާ މީހަކު އުޅުނެވެ. އެދުވަސްވަރު ރާއްޖޭގެ ތަޚުތުގައި ރެނދަލި ކުރައްވައިގެން އިންނެވި ރަދުންނާއި އޭނާއާ ކޮންމެވެސް މައްސަލައެއް ދިމާވެގެން އޭނާ ހުވަދުއަށް އަރުވައިލެއްވިއެވެ. ނުވަތަ އަމިއްލައަށް އަރުވައި ލެވިގެންފިއެވެ.

އޭނާ ހުވަދޫގައި ހުރި ހުރުމުގައި މަހަށް ނުކުމެ އުޅުމުގެ ތެރޭގައި އައްޑުއަށް އައެވެ. އައްޑޫގައި އުޅެނިކޮށް އޭނާއަށް ލިބެނީ ހުވަދު އަތޮޅު ފަރަކަށް ނަވެއް އަރާފައި އޮތް ޚަބަރެވެ. ބުނެވޭ ގޮތުގައި އެ ނައު އަރާފައިވަނީ އެކެފަރު ކިޔާ ފަރަކަށެވެ. އެއީ ވިލިގިއްޔާ ދިމާ އޮންނަ ދިގުފަރެކެވެ. އެފަރުގައި މާމުޓާ ފިޔަވައި އިތުރު ރަށެއް އޮންނަ ކަމަށް ނުވެއެވެ.

ރާއްޖޭގައި މީހުން އުޅެން ފެށިފަހުން މިހިސާބަށް އެ ފަރަށް 304 ބޯޓު އުރިފައިވާ ކަމަށް ތާރީޚު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނެއެވެ. އޭގެ ތެރޭގައި އިންޖީނު ނާޅާ ނައު ފަހަރާއި، އިންޖީނުއެޅި އާގުބޯޓު ފަހަރުވެސް ހިމެނެއެވެ.

ކަޅު އިބްރާހީމް ނަވަށްދިޔުން

އެއްވެސް ބަޔަކު ނުވަތަ މީހަކު އެނަވަށް އެރުން ނުވަތަ ކައިރިވުން އޭރުގެ ރަސްގެފާނު ވަނީ މަނާ ކުރައްވައިފައެވެ. އެއީ އެއިން އަތުވެދާނެ ނުރައްކާތެރި ހަމަލައަކުން ސަލާމަތް ވުމަށް ކަމަށް ވެދާނެއެވެ.

އެހެންނަމަވެސް ކަޅު އިބްރާހީމް އެކަމާ ފަރުވާލެއް ނުބަހައްޓައެވެ. އެއީ އޭނާއަކީ އާދައިގެން ފިރިހެނަކަށްވުރެ ކުޅަދާނަ މީހެއްކަން އޭނާގެ ނަފުސުވެސް ގަބޫލުކުރާތީ ކަމަށް ވެދާނެއެވެ. އެއީ އެޒަމާނުގެ ހެވިކަމަށް ނުލާހިކު ކުޅަދާނަ ވަރުގަދަ ފަހުލަވާނެއް ކަމަށްވެއެވެ. ހަނގުރާމައިގެ އެންމެ މަތީ އުކުޅުތަކާއި ހުނަރުތައް އަންތަރީސް ކޮށްލާ ވަރަށް ދަސްކޮށްގެންހުރި ފިސާރި ފިރިހެނެކެވެ. ރަސްގެފާނާ ޖަގަޑާ ހަދަންކެރޭނީވެސް އެހެންވީމައިތާއެވެ.

މިކަން މިމަގަށް އޮތްކަމުން އައްޑޫން އޮޑިއެއް ހޯދައިގެން ހުވަދުއަށް އޭނާ ދަތުރު ކޮށްފިއެވެ. ނަވާ ކައިރިކުރިއިރު އެއީ ޕޯޗުގީޒް ނަވެއްކަން އޭނާއަށް އެނގުނެވެ. އެހިސާބުން ބަލަން ހުރީއެއްނޫނެވެ. އޭނާގެ ހަނގުރާމަވެރި އުކުޅުތައް ބޭނުން ކޮށްގެން ނަވުގެ މީހުންނާ ހަނގުރާމަ ފެށިއެވެ. އަދި އޭގައިތިބި ޕޯޗުގީޒު މީހުންނަށް މަރުގެ ކޫޒުން އެމީހުން ބޯން ބޭނުންވަރަކަށް ބޯންދީ އަވަދިކޮށްލައިފިއެވެ. އެއިން ސަލާމަތްވީ ނުވަތަ ސަލާމަތްކުރި ހަމައެކަނި ބޭފުޅަކީ “ރަނިން ހަނާ ފެންގަނޑު” ނިސްބަތްވާ ރާނީއެވެ. ނުވަތަ ރަނިންއެވެ.

ބުނެވޭ ގޮތުގައި އެކަމަނާއަކީ ޕޯޗުގީޒް ރަސްގެފާނުގެ ދަރިކަނބަލެކެވެ. އެކަމަނާ މިދަތުރުފުޅު ފެށްޓެވީ އަލަތު ކައިވެނިފުޅަށްފަހު އަލަތު ފިރިކަލުންނާއެކު ހަނީމޫން ދަތުރުގައި ކަމަށް ބައެއް މީހުން ކިޔައިދިނެވެ.

ތަގުދީރާ އެއްގޮތަށް އެނައު އެކެފަރަށް އުރުނެވެ. އަދި ކުޅަދާނަ ދިވެހި ހެއްވަކު އަތުން (ކަޅު އިބްރާހީމް) ރަނިންގެ ފިރިކަލުންވެސް ގަތުލުވެ ނިމިދިޔައީއެވެ. މިއޮތް ކުޑަކުޑަ ރާއްޖޭގެ ކުޑަކުޑަ ދިވެއްސެއްގެ އަތުން އަލަތު ފިރިކަލުން ގަތުލުވުމަކީ އެކަމަނާއަށް ކެތްކުރަން ދަތި ހިތި ތަޖުރިބާއަކަށްވާނެތާއެވެ!

ކަޅު އިބްރާހީމް އެނބުރި އައްޑުއަށް

މިހަނގުރާމައަށްފަހު ކަޅު އިބްރާހީމް އަނެއްކާވެސް މިސްރާބު ޖެހީ ސީދާ އައްޑުއަށެވެ. މި ދަތުރުގައި ރަނިކަމާނާވެސް ގެނައެވެ. އައްޑުއަށް އައިސް ފޭބި ކަމަށްވަނީ ހިތަދުއާ އެއްފަސްވެފައިވާ މާރަންދުއަށް ކަމަށްވެއެވެ. މީހާރުގެ ނަމުންނަމަ އެއީ އާރުއޭއެފް ސަރަހައްދެވެ.

އެކަމަނާ ގޮވައިގެން ކަޅު އިބްރާހީމް އައިއިރު އެ ކަމަނާ އިންނެވީ ކަޅު އިބްރާހީމް އަތުން ގަތުލުވެގެންދިޔަ ފިރިކަލުންގެ ބޭފުޅަކަށް އާލާސްވެ ކަމަށްވެއެވެ. މިކަމަނާއަކީ ދިވެހި ތާރީޚުގެ ފަތްފުށްތަކުން ޖާގަ ހޯއްދައިފައިވާ މަޝްހޫރު ކާންޒީ ކަމަނާއެވެ. އޭނާ އާލާސްވެ އިންނެވި ކަމަށްވަނީ ދިވެހި ދީބަށް ބަލާވެރިކަމާއި އެތައް މުސީބާތެއް ޖައްސުވައި ދިވެހީންގެ ވެރިކަން ފޭރިގަތް މަޝްހޫރު އަނދިރިއަނދިރިންނަށް ކަމަށްވެސް މުސްކުޅިން ބުނެއެވެ.

މި ކަމަނާ ގޮވައިގެން އައްޑުއަށް އައިސް ކަޅު އިބްރާހީމްވަނީ އޭނާއަށް ދެ ގަނޑުވަރެއް އަޅައިދީފައެވެ. އެއީ އެއްގަމު ކޯއްޓޭ (މާރަންދޫ ގަނޑުވަރު) އާއި އަތިރީ ކޯއްޓޭ (އަތިރީ ގަނޑުވަރު) އެވެ.

އެއްގަމު ކޯއްޓޭ

އެއްގަމު ކޯޓޭއަށް މާރަންދޫ ގަނޑުވަރޭވެސް ކިޔައެވެ. މާރަންދޫ ގަނޑުވަރުހުރީ މިހާރު އާރުއޭއެފް ސަރަހައްދުގައި އެހެރަ ބޮޑުއިންޖީނުގެ ހުރި ސަރަހައްދުގައި ކަމަށްވެއެވެ. ކާންޒީ ކަމަނާ އަނދިއަނދިރިންނާގެން ރައްކައުވީ މިގަނޑުވަރުގައި ކަމަށް މުސްކުޅީން އިހުގެ މުސްކުޅިން ކިޔައިދީފައިވާ ކަމަށް މިހާރުގެ ދޮށީ މީހުން ބުނެއުޅެތެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން އައްޑުއަށް އައިސް އެގަނޑުވަރު ތަޅައި އެމީހުންނަށް ބޭނުންވާ ޖަގަހަ ޖެހީކަމަށް ވެއެވެ. އެގަނޑުވަރު ނެތިގެން ދިޔައީ އެހިސާބުން ކަމަށްވެއެވެ.

ބުނެވޭ ގޮތުގައި ކާންޒީ ކަމަނާ ވިހައި ގަދަވުމުން ކަޅު އިބްރާހީމް އޭނާއާ ކައިވެނި ކުރިއެވެ. ނިކަން ވިސްނާލަ ބަލާށެވެ. އެ ނަވުގައި ތިބިހާ މީސްތަކުންގެ މަރުގެ މަލާއިކަތާ ކަމަށް ހެދިގެން ގޮސް އެންމެން ގަތުލުކުރި އިރު އޮޅުމަކުންވެސް މިކަމަނާ އަށް އިހާނެތިކަމެއް ނުކޮށް ސަލާމަތްކުރީ މިހެންވެގެންތާއެވެ. ލޯބީގެ މާމެލާމެލީގެ ވަސް މާކުރިންވެސް ކަޅު އިބްރާހީމް ހިނދުރިއަށް ފޯރައިފައިވަނީތާއެވެ. ކޮންމެ އަކަސް އެކައިވެންޏަށް ބޭފުޅަކުވެސް ލިބުނު ކަމަށްވެއެވެ. ނަމަކަށްކީ މުހަމަދު ކަމަށްވެއެވެ. އެހެންނަމަވެސް އޭނާގެ ނުލަފާ ބޭބެ، އަނދިރިއަނދިރިންނާ ދެމީހުން މެދުގައި ހިނގި ހަމަނުޖެހުމެއްގައި މުހައްމަދު މަރާލުމަށްފަހު އަނދިރިއަނދިރީން ފިލީ ކަމަށްވެސް ބައެއް މީހުން ކިޔައިދީފައިވެއެވެ.

އަތިރީ ކޯއްޓޭ

އަތިރީ ކޯއްޓޭއަކީ ކާންޒީ ކަމަނާއަށް ޚާއްސަ ގަނޑުވަރެވެ. މިގަނޑުވަރު ބިނާކުރީ އޮޑައްސަލި ސަރަހައްދުގައެވެ. އެތަނަށް ނަންދިނީ ކޯއްޓޭ ގަނޑުވަރުގެ ނަމުންނެވެ. އޮޑައްސަލި ސަރަހައްދު ކޯއްޓޭގެ ނަމުން މަޝްހޫރު ވެފައިވަނީ މިގަނޑުވަރުގެ ނަމުން ކަމަށްވެއެވެ.

ކާންޒީ ކަމަނާ މިގަނޑުވަރު ބޭނުން ކުރެއްވި ކަމަށް ވަނީ މުނިފޫހި ފިލުއްވުމުގެ ހަރަކާތްތަކަށް ކަމަށް ބެލެވެއެވެ. އެއީ އެކަމަނާ އެގަނޑުވަރަށް ވަޑައިގަންނަވަނީ އެފަދަ މުހުތާދު ތަކަށް އެކަނި ކަމަށްވާތީ އެވެ. ކޮންމެ ހަފްތާއަކު ބާނދީންނާއެކު އެކަމަނާ މޫދަށް ވަޑައިގެންނެވުމަށް އެގަނޑުވަރަށް ވަޑައިގަންނަވާ ކަމަށްވެސް ރިވާތަކުން އައިސްފައިވެއެވެ. މިގަނޑުވަރު އަޅައިފައިވަނީ (އައްޑޫ މީހުން ކިޔާގޮތުންނަމަ) ކޯރެއްހެން އޮންނަ ބެދި ކިޔާތަނެއްގައެވެ. އެތަނަށް އެހެން ކިޔަނީ ވަށައިގެން ބެދިފައި އޮންނާތީ ކަމަށްވެއެވެ. (ނުނިމޭ)