ސައިންވެރިން ކުރަމުންދާ މަސައްކަތުން ވައިގެ ތެރޭގައި އެކުލެވިފައިވާ ކާބަން ޑައިއޮކްސައިޑް ބޭނުން ކުރެވިދާނެ އެހެން މާއްދާއަކަށް ބަދަލުކޮށް އޭގެ ބޭނުން ހިފޭނެ ގޮތެއް ހޯދިއްޖެނަމަ މިހާރު ދުނިޔެ ހޫނުވަމުން އަންނަ މައްސަލައަށް ހައްލެއް ހޯދިދާނެ ކަމަށް ބެލެވެއެވެ.
ވައިގެ ތެރެއަށް ދޫކޮށްލެވޭ ކާބަން ޑައިއޮކްސައިޑް ގެ މިންވަރު އެންމެ ގިނަވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގައި ކަމަށް ސައިންސް ވެރިން ލަފާކުރައެވެ. އެއީ ފާއިތުވެދިޔަ 4 މިލިއަން އަހަރުގެ ތެރޭގައެވެ. މިހާރު ވައިގެ ތެރޭގައި ދޫކޮށްލެވިފައިވާ ކާބަން ޑައިއޮކްސައިޑަކީ އޭގެ މިންވަރު ރައްކާތެރި ލެވެލްއަކަށް މަދުކޮށް ނުލެވޭނެ މިންވަރެއް ކަމަށް ސައިންސް ވެރިން ގަބޫލު ކުރައެވެ.
އެހެންނަމަވެސް ކާބަން ޑައިއޮކްސައިޑް ބޭނުން ހިފިދާނެ އެހެން މާއްދާއަކަށް ބަދަލު ކުރެވޭނެ ގޮތްތަކެއް ސައިންސް ވެރިންނަށް ހޯދިއްޖެ ނަމަ އެލެވެލް ދަށް ކުރެވިދާނެއެވެ. މިހާރު ސައިންސްވެރިންގެ ތަހުލީލު ތަކުން ދައްކާ ގޮތުގައި ކެޓަލިސްޓެއްގެ އެހީގައި މިފަދަ ޕްރޮސެސް އެއް ތަރައްގީ ކުރެވިދާނެއެވެ.
އެމެރިކާގެ ޑީޕާޓްމަންޓް އޮފް އެނަޖީގެ އޯކް ރިޖް ނޭޝަނަލް ލެބޯޓްރީގައި މިފަދަ ޕްރޮސެސްއެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ޓީމުގައި ހިމެނޭ އެޑަމް ރޮންޑިނޯން ވިދާޅުވާ ގޮތުގައި އެމީހުންނަށް ވަނީ އެފަދަ ޕްރޮސެސްއެއް ނޭގި ތިއްބާ ފެނިފައެވެ. “އަހަރުމެން މިމަސައްކަތުގެ ފުރަތަމަ މަރުހަލާގައި ބޭނުން ކުރެވުނު ކެޓަލިސްޓް އެ ޕްރޮސެސް އެއްކޮށް އެ ކެޓަލިސްޓް އަމިއްލަ ޒާތުގައި ނިންމާލި. މިއީ ނޭގުމެއްގެ ތެރެއިން ހޯދުނު ހޯދުމެއް.” އެޑަމް ވިދާޅުވިއެވެ.
ރޮންޑިނޯން އާއި އޭނަގެ ބައިވެރިން މި ކެޓަލިސްޓް ތައްޔާރު ކޮށްފައިވަނީ ކާބަން، ކޮޕާ އަދި ނައިޓްރޮޖެން ބޭނުން ކޮށްގެންނެވެ. އެމީހުން އެކަން ކުރުމަށް ނައިޓްރިޖެން ލޭސްޑް ކާބަން ގެ ތެރެއަށް ކޮޕާ ނެނޯޕާޓިކަލް ވައްދާލީއެވެ. އެމީހުން ބޭނުން ކުރި ނައިޓްރޮޖެން ލޭސްޑް ކާބަންގެ ދިގުމިނަކީ ގާތްގަނޑަކަށް 50 ނުވަތަ 80 ނެނޯމީޓަރެވެ. އެއީ މިލިމީޓަރެއްގެ މިލިއަން ބައިކުޅަ ބައެކެވެ.
މިގޮތަށް ހަދާފަ އެމީހުން އެކަޓަލިސްޓް ލީ ދިޔާ ކާބަން ޑައިއޮކްސައިޑްގެ ތެރެއަށެވެ. އެއަށްފަހު އެކަޓަލިސްޓަށް ގާތްގަނޑަކަށް 1.2 ވޯލްޓުގެ ކަރަންޓް ދިނުމުން އޭގެ 63 އިންސައްތަ ބަދަލުވެގެން ދިޔައީ އިތަނޯލް އަށެވެ.
އެ ސައިންސްވެރިންނަށް މިކަން ފެނިގެން ދިޔައީ ހައިރާން ކުރުވަނިވި ގޮތެއްގައެވެ. އެންމެ ފުރަތަމަ ސަބަބަކީ ވަރަށް ދަށް ކަރަންޓަކުން މިކަން ކުރެވުނު ކަމެވެ. ދެވަނަ ކަމަކީ އެ ޕްރޮސެސްގައި ދިޔާ ކާބަން ޑައިއޮކްސައިޑްގެ ބޮޑު މިންވަރެއް އިތަނޯލް (ethanol) އަށް ބަދަލު ވެގެން ދިއުމެވެ. ނަމަވެސް މީގެއިންވެސް ވަރަށް ކުޑަކުޑަ މިންވަރަކަށް މެތަނޯލް އުފެދުނެވެ.
ނިއު އެޓްލާސް އަށް މިތަހުލީލުގެ ކަންތައް ބުނަދިނުމުގެ ގޮތުން ކޮލިން ޖެފްރީ ވިދާޅުވީ، މި ޒާތުގެ އިލެކްޓްރޯކެމިކަލް ރިއެކްޝަންގައި އާއްމު ގޮތެއްގައި ބައިވަރު އެހެނިހެން މާއްދާތައް މަދު މިންވަރަކަށް ނަމަވެސް އުފައްދާނެ ކަމަށެވެ. އޭގެ ތެރޭ މީތޭން، އެތިލީން އަދި ކާބަން މޮނޮއޮކްސައިޑް ހިމެނެއެވެ. ނަމަވެސް މިފަހަރުގެ ރިއެކްޝަންގައި އެފަދަ މާއްދާތަކެއް އުފެދުނު ކަމަށް ދައްކާފައި ނެތްކަމަށް ވިދާޅުވިއެވެ.
އޭގެ ބަދަލުގައި ފެނިގެން ދިޔައީ ގިނަ އަދަދަކަށް ބޭނުން ކުރެވިދާނެ އިތަނޯލް އުފެދިގެން ދިއުމެވެ. މިއީ އެމިރިކާގައި އެންމެ ގިނައިން ވެހިކަލް ތަކުގައި ބޭނުން ކުރެވޭ ގެސޮލީން އެވެ. މީގެ އެތަކެއް ބިލިއަން ގިލަންގެ ގޭސް އަހަރެއްގެ މައްޗަށް އެމިރިކާއަށް ބޭނުން ވެއެވެ.
“ގިނަ އެއްޗެހިތައް އަންދާލުމުން ވައިގެ ތެރެއަށް ބޭކާރު ގޮތުގައި ބޭރުވާ ކާބަން ޑައިއޮކްސައިޑް އަހަރުމެން މިބަދަލު ކޮށްލަނީ ގިނަ މިންވަރަކަށް ބޭނުން ކުރެވޭ ފިއުލް އަކަށް.” ރޮންޑިނޯންގެ ނޫސް ސްޓޭޓްމަންޓެއްގައި ބުނެފައި ވެއެވެ.
މިއީ މިގޮތަށް ކާބަން ޑައި އޮކްސައިޑް އެހެން އެއްޗަކަށް ބަދަލު ކޮށްލުމަށް މަސައްކަތް ކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ އެތައް ތަހުލީލު ތަކެއް ދުނިޔޭގެ ކަންކޮޅު ތަކުގައި ކުރެވެވެ. މިގޮތުން ކާބަން ޑައިއޮކްސައިޑް ބްލޮކް ތަކަކަށް ބަދަލުކޮށްފައި ވެއެވެ. ނަމަވެސް މީގެ އެއްވެސް ބޭނުމެއް ނުހިފި ޖެހެނީ ބިމުގައި ވަޅުލާށެވެ.
ނަމަވެސް މިހާރުގެ މިހޯދުން ވެގެންދާނީ އިޔާދަ ކުރުމަށް ލިބިގެން ދިޔަ މުހިއްމު ކަމަކަށެވެ. މީގެ ސަބަބުން ދުނިޔޭގެ ކަންކޮޅު ތަކުގައި ދުއްވާ ކާރާއި އެހެނިހެން މެޝިނަރީ ހިންގުމަށް ހައިޑްރޯކާބަން އަށް ބަދަލު ކުރެވިގެން ދާނެއެވެ. މިހާރު އަދި އެހާހިސާބަށް އަދި ނުދެވުނު ކަމުގައި ވީނަމަވެސް މި ޕްރޮސެސް މިއޮތީ ހޯދިފައެވެ. ދެން ކުރަންޖެހޭ މަސައްކަތަނީ މި ޕްރޮސެސް ވަރުގަދަ ވަޔަފާރި ސިނާއަތަކަށް ބަދަލު ކުރުމުގެ މަސައްކަތެވެ.
މި ޕްރޮސެސް އިތުރަށް ތަރައްގީ ކުރުމަކީ މިހާރުގެ މަސައްކަތެވެ. ނަމަވެސް މިމަކަށް އަދި ދުވަސް ނަގާފާނެއެވެ. މިފަދަ ޕްރޮސެސްގެ މަސައްކަތް އެހެނިހެން ފަރާތްތަކުންވެސް ކުރުމުން ދިއުމާއެކު އެމީހުންގެ މަސައްކަތުގެ ނަތީޖާއަށްވެސް ބަލަން އަދި މަޑު ކުރަން ޖެހެއެވެ. ފަހަރުގައި އެމީހުންގެ ހޯދުމުގެ ނަތީޖާ މިއަށްވުރެ ރަނގަޅުނަމަ މި ހޯދުމުގެ ޕްރޮސެސް ވިޔަފާރި ސިނާއަތަކަށް ބަދަލު ކުރުމުގެ ބޭނުމެއް ނޮއޮންނާކަމަށް ވެއެވެ.
ގައުމު ތަކުން އުފާކުރަން ޖެހޭ ސަބަބަކީ މީގެ ސަބަބުން ވައިގެ ތެރޭގައި އެކުލެވިފައިވާ ކާބަން ޑައިއޮކްސައިޑްގެ މިންވަރު ދަށްކުރެވި ތިމާވެއްޓަށް ރަނގަޅު ބަދަލެއް އައުމެވެ. އަދި މިއީ ހުރިހާ ސައިންސްވެރިންގެެވެސް އުއްމީދެވެ.