އެދުރަކު އޭނަގެ ދަރިވަރުންނަށް އަބަދުވެސް ދެމުންގެންދާ ނަސޭހަތަކީ އިސްލާމްދީނަކީ ވަރަށްމާތް އަދި އަގުހުރި ދީނެއްކަމެވެ. އަދި އެދީނުގެ އިލްމު އުގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުކަމެއް ކަމަށެވެ. އިންސާނާ ދުނިޔޭގައި ކޮންމެކަހަލަ އިލްމެއް ހާސިލުކުރި ކަމުގައިވިޔަސް އެއިލްމެއް ހާސިލްކުރަންޖެހޭނީ އިސްލާމީ ގިއުގަނޑުގެ ތެރެއިންކަމެވެ. ދަރިވަރަކު، އެއްދުވަހަކު މަދުރަސާއަށް ދާންޖެހޭގަޑި ކުޑަތަންވުމުން ނިންމީ އެދުވަހު ޓެކްސީއެއްގައި މަދުރަސާއަށް ދިއުމަށެވެ. ދަރިވަރުއަތަކު ޓެކްސީއެއްދޭނެ ފައިސާއެއް ނެތެވެ. ނަމަވެސް މަގުމަތިން ޓެކްސީއެއް ހުއްޓުވުމަށްފަހު އެއަށް ސަވާރުވުމުގެ ކުރިން އޭނާގެ އަތުގައި ދޭނެ ފައިސާއެއްނެތްކަމާއި އެހެނެއްކަމަކު ފައިސާގެ ބަދަލުގައި ސޫރަތުލް ފާތިޙާ ތަރުތީލަށް، ތަޖުވީދަށް ކިޔަވަން ޓެކްސީ ޑްރައިވަރަށް ދަސްކޮށްދިނުމަށް ހުށައެޅިއެވެ. ޑްރައިވަރު އެކަމަކަށް އެއްބަހެއް ނުވިއެވެ. އަދި ބުންޏެވެ. އަހަރެންނަށް ބޭނުމީ ފައިސާއެވެ. ކަލޭއަތުގައި ފައިސާ ނެތްނަމަ ދާން ބޭނުންވާތަނަށް ހިނގާފައިދާށެވެ. ދަރިވަރު ހިނގާފައި ސްކޫލަށް ދިޔުމަށްފަހު އޭނަގެ މުދައްރިސަށް މިވާހަކަ ކިޔައިދިނެވެ.
މުދައްރިސަކީ ވިސްނުންތެރި މީހެކެވެ. އެހެންކަމުން މުދައްރިސު ދަރިވަރުކައިރީގައި ބުންޏެވެ. އަހަރެން ކަލެއަށް ޖަވާހިރެއްދޭނަމެވެ. އޭތި ހިފައިގެން މަސްމާރުކޭޓަށް ގޮސް ވިއްކޭނެ އަގަކީ ކޮބައިތޯ ބަލާށެވެ. ދަރިވަރު މުދައްރިސު ދިން އަގުބޮޑު ޖަވާހިރު ހިފައިގެން މަސް މާރުކޭޓަށްގޮސް އޭތިވިއްކަން މަސައްކަތް ކުރިއެވެ. ކޮންމެ މީހަކުވެސް ބޭނުންވީ ދެތިން މަހުގެ އަގާއި އެއްވަރު އަގެއްގައި އެޖަވާހިރު ލިބިގެންނާށެވެ. އަދި އެމީހުން ބުންޏެވެ. ތިއަކުން އަހަރެމެން ކުރާނެ މާބޮޑު ބެނުމެއް ނެތެވެ. ހަމައެކަނި އަހަރެމެންގެ ކުދިން ގޭގައި ކުޅެން ރަނގަޅު އެއްޗަކަށްވެދާނެއެވެ. ޖަވާހިރުގެ އަގެއްނެތްކަން އެގުމުން ދަރިވަރު އޭތި ހިފައިގެން މުދައްރިސްގެ އަރިއަހަށް އެނބުރި އައެވެ. މުދައްރިސަށް ކަންތައް ހިނގި ގޮތް ކިޔަދިނުމުން ބުންޏެވެ. ދެން ކަލޭ ތިއެތި ހިފައިގެން ރަނާއި ޖަވާހިރު ވިއްކާ ފިހާރައަކަށްގޮސް ތީގެއަގު އޮޅުން ފިލުވާށެވެ. ދަރިވަރު ޖަވާހިރު ފިހާރައަށްގޮސް އަގުއެހުމުން ސޭޓް ޝައުގުވެރިކަމާއެކު ބުންޏެވެ. ތިޖަވާހިރުގެ އަގަކަށް މިފިހާރައާއި ފިހާރައިގެ ހުރި ހުރިހާ މުދަލެއް ދޭން އަހަރެން ތައްޔާރެވެ. ކޮންމެއަކަސް އަނެއްކާވެސް ދަރިވަރު އެނބުރި މުދައްރިސް ކާރިއަށް އައެވެ. އަދި ކަންތައް ހިނގިގޮތް ކިޔާދިނެވެ. މުދައްރިސް ބުންޏެވެ.
” ދަރިފުޅާއެވެ! އެއްޗެއްގެ ފުރިހަމަ އަގު އެނގޭނީ އެއްޗެތި ވިއްކާ ބާޒާރެއްގައެވެ. އަރަބި އިސްލާމީ އިލްމުގެ ބޭނުންތެރިކަމާއި މުހިއްމުކަން ހަމައެކަނި މާއްދިއްޔަތަށް ތަބާވެގެންތިބި ބަޔަކަށް ނޭގޭނެއެވެ. އެކަން އެނގޭނީ ދުނިޔެއަށް ވުރެ އާޚިރަތަށް އިސްކަންދޭ ބަޔަކަށެވެ. ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމަށްއެދޭ އަދި އެކަމަށް ވިސްނާ ފިކުރު ކުރާ ބަޔަކަށެވެ. ޤުރުޠުބީ ވިދާޅުވެފައިވެއެވެ. މުއުމިނުންނަށް އެބައިމީހުންގެ އަނބިދަރިން ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރާތަން ފެނުމަށްވުރެ ވަކިން ބޮޑަށް އެބައިމީހުންގެ ލޮލަށް ފިނިކަން ލިބޭނެ އެހެން ކަމެއް ނުވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި މިކަމަށް އިޝާރާތް ކުރައްވައި ވަޙިކުރައްވާފައިވެއެވެ. والذين يقولون ربنا هب لنا من أزواجنا وذرياتنا قرة أعين واجعلنا للمتقين إماما ( الفرقان 74 )
އާޔަތުގެ މާނަ: “އަދި އެއީ ބުނާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރީންނަށް އިމާމުން ކަމުގައި އަޅަމެން ލައްވާނދޭވެ!”
ގައުމެއްގެ މިނިވަންކަމާއި، ސިޔާދަތު ދަމަހައްޓައިދޭނީ އެބައެއްގެ މެދުގައި އޮންނަ ތަޢުލީމީ ނިޒާމުންނެވެ. “ތަހުޒީބު މުޖުތަމައަކަށް ތަރުބަވީ ތައުލީމް” ޝިޢާރެއްގެ ގޮތުގައި ކަނޑައަޅައިގެން މަސައްކަތްކުރާ ހިނދު އެކަން ކާމިޔާބުކުރެވޭނީ ތައުލީމީ މަންހަޖު އިސްލާމީ އަގީދާގެ މަތީގައި ބައްޓަން ކޮށްގެން އެއާއި އެއްގޮތަށް މަސައްކަތްކޮށްގެންކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ. ދިވެހިމުޖުތަމައަށް މިއަދު ކުރިމަތިވަމުން އަންނަ މައްސަލަތަކުން މިމުޖުތަމައު ސަލާމަތްކުރެވެން އޮތް ހަމައެކަނި މަގަކީ އިސްލާމީ ތަރުބިއްޔަތު ދަރިވަރުންނަށް ދީގެންނެވެ. އެފަދަ މަރުކަޒުތައް މިދީބުގެ ކަންކޮޅުތަކުގައި ގާއިމުކުރެވިގެންނެވެ. އިސްލާމީ ތަރުބިއްޔަތާއި ޤުރްއާނުގެ ޢިލްމު މަޢުނަވީ ގޮތަކަށް ކިޔަވައިދީގެންނެވެ. ކިޔަވައިދޭ ކޮންމެ މާއްދާއަކާއި ޙަރަކާތްތަކުން ރިވެތި އަޚްލާޤަށާއި އިސްލާމީ އުސޫލުތަކަށް ސަމާލުކަން ދެވިގެންނެވެ. ސްކޫލްތަކުގައި ކުރިއަށްގެންދެވޭ އިތުރު ޙަރަކާތްތަކުގެ މުހިއްމު އަމާޒަކަށް ވާންޖެހޭނީވެސް ކުދީންގެ އަޚްލާޤަށް ހެޔޮބަދަލު ގެނައުންކަމުގައި އެންމެހައި މުރައްބީން ގަބޫލުކޮށްގެންނެވެ. މައިންބަފައިންނާއި ބެލެނިވެރިން އިސްވެ ދެންނެވުނު ކަންތައްތަކަށް ވަރަށް ބޮޑަށް އިސްކަން ދީގެންނެވެ.
މިމަގުސަދު ހާސިލުކުރުމަށްޓަކައި ޚާއްސަ ސަމާލުކަމެއް ދެއްވައިގެން، އެޑިޔުކޭޝަން މިނިސްޓަރީން ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އައްޑޫސިޓީގައި އަރަބިމީޑިއަމް ސްކޫލެއް ނިމިގެންދިޔަ އަހަރުވަނީ ގާއިމު ކުރެވިފައެވެ. އާދެ! ނޫރާނީސްކޫލް އެވެ. އިގިރޭސިބަހާއި ދިވެހިބަހުގެ އިތުރުން ދުނިޔެވީ ތައުލީމު އަރަބިބަހުން އެސްކޫލުގައި ކިޔަވައިދެވޭނެއެވެ. އިސްލާމީ އަޚުލާގުގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރުމަށް ޚާއްސަ ސަމާލުކަން ދެވިގެންނެވެ. ކަމަށް ގާބިލު މުދައްރިސުން ބޭނުންކޮށްގެންނެވެ. އަދި މިހާރުވެސް ނޫރާނީ ސްކޫލްގެ ދަރިވަރުންގެ އަޚްލާގް ރަނގަޅު ވުމަކީ ބެލެނިވެރިންނާއި މުދައްރިސުން އެކަމަށްޓަކައި ފަޚުރުވެރިވުން ހައްގު ކަމެކެވެ.
އަރަބިމީޑިއަމް ސްކޫލެއްގެ ގޮތުގައި ނޫރާނީސްކޫލް ހިނގަމުންދާނީ ގްރޭޑް 1-12 އަށް ކިޔަވައިދޭނެ މަދުރަސާއެއްގެ ގޮތުގައެވެ. އަދި އަންނަ އަހަރުން ފެށިގެން ސަރުކާރުގެ އެހެން ސްކޫލްތަކާއި އެއްގޮތަށް ޕްރީސްކޫލްގެ ކިޔެވުންވެސް ފެށޭނެއެވެ. އެކަމަށް ބޭނުންވާ ހުރިހާކަމެއްވަނީ ފުރިހަމަ ކުރެވިފައެވެ. ޕްރީސްކޫލްގެ ކިޔެވުން ކުރިއަށްދާނީ އެހެން ސްކޫލްތަކާއި އެއްގޮތަށެވެ. ނަމަވެސް ގްރޭޑް 1 – 12 އަށް ކިޔަވައިދޭނީ މިސްރުގެ އަޒުހަރު ޔުނިވާރސިޓީގެ މުގައްރަރަށެވެ. ގްރޭޑް 1 – 12 އަށް ކީރިތި ގްރުއާން މަޖުބޫރު މާއްދާއްއެއްގެ ގޮތުގައި ކިޔަވައިދެވޭނެ އެވެ. ގްރޭޑް 12 ނިމޭއިރު ކީރިތި ގްރުއާނުން 15 ފޮތް ހިތުން ދަސްވާނެއެވެ. ގްރޭޑް 1 – 3 އަށް އިގިރޭސި ، ސައެންސް . ސޯޝަލް، ޕީއޭ ޕީއީ ކިޔަވައިދެވޭނީ ގައުމީ މުގައްރަރަށެވެ. ހިސާބު، އިސްލާމް، އަރަބިބަސް އަރަބި މުގައްރަރަށެވެ. ގްރޭޑް 4 – 12 އަށް އިގިރޭސި އަދި ދިވެހި ފިޔަވައި ހުރިހާ މާއްދާތަކެއް ކިޔަވައިދޭނީ އަރަބި ބަހުންނެވެ. މީގެ އިތުރުން ކުޅިވަރާއި އިތުރު ހަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. ގްރޭޑް 10 ނިމިގެން ދިވެހި މާއްދާއިން އެސްއެސްސީ އިމްތިހާނު ހަދާނެއެވެ. އަދި އިގިރޭސިބަހުން ކޭމްބްރިޖް އޯލެވެލް އިމްތިހާނު ހަދާނެއވެ. ގްރޭޑް 12 ނިމިގެން އަޒުހަރު ޔުނިވަރސިޓީ ގެ ސެޓްފިކެޓެއް ލިބޭނެއެވެ. އެއީ ދުނިޔޭގެ އެންމެހައި ތައުލީމީ އިދާރާތަކުން ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެކެވެ. އެއަށްފަހު މަތީތައުލީމު ހާސިލުކުރުމަށް އަރަބި ގައުމުތަކުން ދިވެހިރާއްޖެއަށް ހިލޭލިބޭ ސްކޯލާރޝިޕްތަކުގައި ތަފާތު ދާއިރާތަކުން ( މެޑިސިން ، އިންޖިިނޭރިންގ ، ގާނޫނީ ދާއިރާއިން ….. ) ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ދިވެހިސަރުކާރުން ނޫރާނީ ސްކޫލް އަރަބިމީޑިއަމް ސްކޫލެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ މަގުސަދުގައި ކުރީގެ ކޮމްޕްރެހެންސިވްސްކޫލް ހުރި ބިމުގައި ދެބުރީގެ 8 ކްލާސްރޫމް އިމާރާތަކާއި އަދި އެތަނަގުގައި ކުރިން ހުރި އިމާރާތް މަރާމާތު ކުރުމުގެ މަސަތްކަތް ހަލުވި ސްޕީޑްގައި ކުރިއަށް އެބަގެންދެއެވެ، އެއަށްފަހު އަންނައަހަރު އެމަސައްކަތްނިމި ސްކޫލަށްބޭނުންވާ ހުރިހާ ވަސީލަށްތައް ގާއިމު ކުރެވި ނޫރާނީސްކޫލުގެ ކިޔެވުން އެތަނުގައި ފެށޭނެއެވެ. ސްކޫލަށް ވަންނަން އެދޭކުދިންނަށް ޖާގަ ދިނުމުގެ ކަންތައް މިހާރުކުރިއަށް އެބަދެއެވެ.
ނޫރާނީސްކޫލަކީ އައްޑޫ ރައްޔިތުން ފަޚުރުވެރިވާފަދަ ޝަރަފާއި ފަޚުރުތައް ލިބިގެންވާ ސްކޫލެކެވެ. ދުނިޔެ އެބަޔަކަށްޓަކައި ފަޚުރުވެރިވާފަދަ އެތައް ދަރިންތަކެއް މުޖުތަމައަށް ނެރެދީފައިވާ ސްކޫލެކެވެ. މިސާލެއްގެ ގޮތުން ޕްރޮފިސަރ އަބުދުﷲ ސައީދު އަދި ޕްރޮފިސަރ ހަސަން އުޤެއިލްމެންފަދަ ގާބިލު އެތައް ދަރިންނެވެ.