English Edition
Dhivehi Edition

ދުނިޔޭގެ މޫސުމަށް ކުރިމަތިވާ ނޭދެވޭ ބަދަލުގެ ވާހަކަ އަކީ ހުރިހާ ޕްލެޓް ފޯމެއްގައިވެސް އެކި ފެންވަރުގައި ދެކެވޭ އެންމެ ހޫނު ވާހަކައެވެ. އޭގެ ނާޒުކު ކަމުގެ ވާހަކަ އެކައްޏެއް ނޫނެވެ. އެކަމުން ސަލާމަތް ވުމަށް ކުރެވިދާނެ މުހިއްމު ކަމުގެ ވާހަކަވެސް ދެކެވެއެވެ.

އެގޮތް ރަނގަޅުތޯ މިގޮތް ރަނގަޅުތޯ ހުރިހާ އެންމެންވެސް ދައްކަނީ ވާހަކައެވެ. ދުނިޔޭގެ އެކިފެންވަރުގެ ހަފްލާތަކުގައި މިވާހަކަ ދެކެވެއެވެ. މިގޮތަށް ކަމެއް ނުކުރެވި އުޅެނިކޮށް މޫސުމަށް އަންނަ ބަދަލު ކޮންޓްރޯލް ނުކުރެވޭ ދަރަޖައަށް ހިނގައި ދާނެ ކަމުގެ އިންޒާރު ސައިންސްވެރިން އަންނަނީ ތާއަބަދު ދެމުންނެވެ.

ބައެއް ސައިންސް ވެރިން ގަބޫލު ކުރާގޮތުން މިހާރު ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އާދެވިފައި މިތިބީ އަނބުރާލާފަ ނުދެވޭނެ ހިސާބަކަށް ކަމަށް އެމީހުން ހަރު އަޑުން އެބަ ގޮވައެވެ. ނަމަވެސް ދެއަތް އުރާލައިގެން ތިބުމަކީ މޫސުމަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރެވޭނެ ކަމެއް ނޫނެވެ. ދުނިޔޭގެ ގައުމު ތަކުންވަނީ މޫސުމަށް އަންނަ ބަދަލު ހިމާޔަތް ކުރުމަށް މުއާހަދާ އެއްގައި ސޮއިކޮށް އެއްބަސް ވެފައެވެ. އެއީ ނޮވެމްބަރ 4، 2015 ވަނަ އަހަރު ސޮއި ކުރެވުނު “ޕެރިސް އެގްރީމެންޓް” އެވެ.

ގަސްގަހާ ގެހިން ދުނިޔެއަށް ލިބޭ ހަކަތަ މިހާރު ވަނީ ނާޒުކު ހާލަތުގައެވެ. ގަސްތައް މަދުވެ ދުނިޔޭގެ ފެހިކަން އަންނަނީ ނެތެމުންނެވެ. މިހާލަތުން އެނބުރި އައުމަށް ގަސް އިންދުމަކީ މުހިއްމު ކަމަކެވެ. ދުނިޔެ ސާފުކުރުމަށް އެހާ އުނދަގޫ ކަމެއް ކަމުގައި ދެކި ކަމެއް ނުކޮށް ތިބުމުން އާޚިރުގައި މުސީބާތް ކުރިމަތީ ވާނީ މުޅި އިންސާނިއްޔަތަށް ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

ދުނިޔޭގެ ފެހިކަން ދިރުވައިގެން މުސްތަގުބަލު އުޖާލާ ކުރުމުގެ ތަސައްވަރެއްގެ މަސައްކަތް ސައިންސުވެރިންނާއި އިންޖިނިއަރުން ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ. މިގޮތަށް ދުނިޔެ ފެހި ކުރުމަށް ކުރެވޭނެ އެންމެ ފަސޭހަ ކަމަކީ ގިނަ ގަސްތައް އިންދުމެވެ. ކަނޑާލެވޭ ކޮންމެ ގަހަކަށް އެތަކެއް ގަހެއް އިންދުމަކީ މުހިއްމު ކަމަކެވެ.

ތަޣައްޔަރު ވަމުން އަންނަ ދުނިޔޭގެ ވައިގެ ފަށަލަ ސާފު ކޮށްލުމުގެ އެންމެ މުހިއްމު ވަސީލަތަކީ ގަސްތައް އިންދުމެވެ. ބޮޑެތި ސިޓީ ތަކަށް މީހުން އައިސް ވަޒަންވެރިވެ ތޮއް ޖެހެމުން އައުމާއެކު އެތަނެއްގެ ވައި ނުސާފުވާނެއެވެ. މިފަދަ ސިޓީ ތައް އިންޖީނުލީ ދުއްވާ އެއްޗެހިންނާއި އިމާރާތްތަކުން ފުރި ބާރުވެގެން ދާއިރު މީހުން ދިރިއުޅޭ ހުރިހާ ހިސާބެއްގެ ގަސްތައް ޖެހެނީ ކަނޑާލާށެވެ. ނަމަވެސް މީގެ ބަދަލުގައި އެފަދަ ސިޓީ ތަކުގައި ގަސްއިންދޭނެ ނިޒާމެއް ގާއިމު ކުރުމަކީ ސަރުކާރެއްގެ މުހިއްމު ޒިއްމާއެއް ކަމުގައި ވާން ޖެހެއެވެ.

މާލެ އަކީ މިފަދަ ތަނެކެވެ. ރަށްފުށުގެ އުފާވެރި މާހައުލުގައި އުޅޭ މީހަކު މާލެ އަރާއިރަށް ބޮލުގައި ރިއްސުމެއް ހުންނަކަން އިހްސާސް ވެއެވެ. މީގެ ސަބަބަކީ މާލޭގެ ވައި ނުސާފުވުން ކަމާއި މެދު ދެބަސްވެވޭކަށް ނެތެވެ. ދުއްވާ އެއްޗެހީގެ ސަބަބުން މާލޭގައި ހިނގާބިނގާވެ އުޅެން އުނދަގުލެވެ. އެހުރިހާ އެއްޗަކުން ބޭރުވާ ނުރައްކާ ތެރި ކެމިކަލުން މުޅި ޖައްވު އޮންނަނީ ނުސާފު ވެފައެވެ.

ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅޭ މާލޭގެ ނުސާފު ވައި ސާފު ކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ. ގަސްއިންދޭނެ ތަންތަން ހޯދަން އެބަ ޖެހެއެވެ. މާލެގެ ތޮއް ޖެހުން ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ސަރުކާރަށް ބިންތައް ނަގާ ގަސްއިންދޭނެ ނިޒާމެއް ގާއިމު ކުރަން ޖެހެއެވެ. މިކަން ކުރަން ޖެހެނީ ހުރިހާ އެންމެންގެ ހައްގުގައެވެ.

ވައި ނުސާފު މާހައުލެއްގައި އުޅޭނަމަ ދިމާވާ ސިއްޙީ އެތައް މައްސަލައެއް އިބައޮތެވެ. އޭގެ ތެރޭ ނޭވާ ކުރުވުން، ހިތް ހުއްޓުން އަދި ސްޓްރޯކް ޖެހުން ހިމެނެއެވެ. ދުނިޔޭގެ ޖަމިއްޔާ ތަކުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން އަހަރެއްގެ ތެރޭ 3.2 މިލިއަން މީހުން ނުސާފު ވައިގެ ސަބަބުން މަރުވެއެވެ.

ވައިނުސާފުކަން ހައްލު ކުރުމަށް ދުނިޔޭގެ ގައުމު ތަކުގައި ވައިގެ ތެރެއަށް ސްޕްރޭކޮށް ހަދައެވެ. ނަމަވެސް މިކަމަކީ ޚަރަދަށް ބަލާއިރު ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަކެވެ. އެންމެ ފަސޭހަ އަދި އެންމެ އަގުހެޔޮ ގޮތަކީ ގަސްއިންދުމެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ގަސްއިންދަން ފަރުދީ ގޮތުން މަސައްކަތް މިހާރުން މިހާރަށް ފަށަމާ ހިނގާށެވެ. ސަރުކާރުންވެސް މިކަމަށް އިސްނަންގަވަން މިހާރު އެބަ ޖެހޭ ކަމަށް ދެކެމެވެ.