މެކްސިކޯގައިހުރި އެންމެ ބިޔަ ޕިރަމިޑް ހޯދައިފިއެވެ. މި ޕިރަމިޑް ހޯދައިފައިވަނީ އެ ގައުމުގެ ދިރާސާ ކުރާފަރާތްތަކުންނެވެ.
ވަރަށްފަހުން ހޯދައިފައިވާ މި ޕިރަމިޑުގެ ނަމަކީ “ދި ގްރޭޓް ޕިރަމިޑް އޮފް ކޮލުލުއާ” އެވެ. އެއީ ކުރިން ހޯދިފައިވާ “ޓިއޯޓިއުއާކަން” ޕިރަމިޑަށް ވުރެން ބޮޑު ޕިރަމިޑެކެވެ. އުސްމިނުގައި 75 މީޓަރު ހުންނަ މި ޕިރަމިޑް ބަލާފައިވަނީ ‘ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެންތުރޯޕޮލޮޖީ އެންޑް ހިސްޓޮރީ’ ގެ ހާއްސަ ޓީމަކުންނެވެ. ލަފާ ކުރެވޭ ގޮތުގައި މި ޕިރަމިޑަށް މިހާރު 1700 އަހަރު ވެދާނެއެވެ.
އާކިއުލޮޖިކަލް ޒޯނުގެ ޑިރެކްޓަރ އެމިލިއާނޯ ގަލާގާ ބުނި ގޮތުގައި އެމީހުން އެ ސަރަހައްދުގައި ދިރާސާ ކުރާތާ ދެއަހަރު ވެފައިވާ ކަމަށެވެ. އެ ދެއަހަރު ތެރޭ ކުރެވުނު ދިރާސާއިން، މިއީ މެކްސިކޯގެ އެންމެ ބޮޑު ޕިރަމިޑްކަން މިހާރުވަނީ ކަށަވަރުވެފައެވެ.
އެ ޕިރަމިޑްގެ ހާއްސިއްޔަތަށް ބަލާއިރު އެއީ ވަރަށްގިނަ ކަންކަމަށް ބޭނުން ކޮށްފައިވާ ތަނެއްކަން ފާހަގަ ކުރެވިފައިވެއެވެ. އެ ތަނުގައި ހަތް ޕްލެޓްފޯމް ހުރެއެވެ. އެތަން ފައްޅިއެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. ގެއެއްގެ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ނިޝާންތައްވެސް ފެންނަންހުރި ކަމަށްވެއެވެ. އޭގެ އިތުރަށް ތަފާތު އެކިއެކި ޚިދުމަތްދޭ ތަންތަނުގެ ގޮތުގައިވެސް އެތަން ބޭނުން ކޮށްފައިވެއެވެ.
ގަލަގާ ބުނެފައިވާ ގޮތުގައި ކުރިން ހީކުރެވިފައިވަނީ އެ ސަރަހައްދަކީ އުސް ފަރުބަދަ ހުންނަ ސަރަހައްދެއް ކަމަށެވެ. މިހާރު އެ ތަނަކީ ބަޔަކު ވަރަށް ކުރީން ބިނާކޮއްފައިވާ ތަނެއްކަން މިހާރު އެންގެން އެބަހުރި ކަމަށެވެ. އެ ތަނުގެ ތެރެއިން ވެސް އެތައް މަގުތަކެއް ހަދާފައިވާ ކަމަށްވެސް އާކިއޮލޮޖިސްޓުން ބުނެފައިވެއެވެ.
އެ ޕިރަމިޑް ބިނާކޮށްފައިވަނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންކަން އެންގެން އެބަހުއްޓެވެ. އެއީ ބުޑުގައި 450 މީޓަރު ފުޅާ ތަނެކެވެ. އުސްމިނުގައި 66 މީޓަރު އެ ބިނާގައި ހުރެއެވެ. ގިނިސް ބުކް އޮފް ރެކޯޑްސް އިން ވަނީ މިއީ ދުނިޔޭގެ އެންމެ ބޮޑު ބިޔަ ޕިރަމިޑް، އަދި އެންމެ ބޮޑު މޮނިއުމެންޓް ކަމަށް ނިންމައިފައެވެ. އެތަން މިސްރުގެ “ދިގެރޭޓް ޕިރަމިޑް އޮފް ޖީޒާ” އަށް ވުރެން ބޮޑުވިޔަސް އުހެއް ނޫނެވެ. މިސްރުގެ ޕިރަމިޑް އޮފް ޖީޒާ ގެ އުސްމިނަކީ 138.8 މީޓަރެވެ.
ޕިރަމިޑް ހުރި ސަރަހައްދު ‘ކޮލޫލާ’ އަކީ އޭރު މެކްސިކޯ ސަރަހައްދުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އެއްރަށެވެ. ލަފާކުރެވޭ ގޮތުން އެ ސަރަހައްދުގައި އެންމެ ފާގަތި ދުވަސްވަރު ލައްކައަކަށް ވުރެންގިނަ މީހުން ދިރިއުޅެފައި ވާނެއެވެ. އޭގެ ފަހުން ތަފާތު ސަބަބުތަކާ ހެދި މީހުން މަދުވެގެން ދިޔަނަމަވެސް މީހުން އެތަން އެއްކޮށް ދޫކޮށްލީ 8 ވަނަ ގަރުނުގެ ހިސާބުގައެވެ. ނަމަވެސް އޭގެ ފަހުންވެސް އެތަން އެމީހުންގެ އަޅުކަންތަކަށް ވަނީ ބޭނުން ކޮށްފައެވެ.
އެ ޕިރަމިޑް ގައި 6 ބައި މަތިމަށްޗަށް ބިނާ ކޮށްފައި އެބަހުށްޓެވެ. ލަފާ ކުރެވޭ ގޮތުން އެއިން ކޮންމެ ތަނެއްވެސް ނިސްބަތް ވަނީ ތަފާތު ނަސްލަކަށެވެ. ނަމަވެސް އެންމެ ފުރިހަމަ ދިރާސާއެއް ކުރެވިފައިވަނީ 3 ބައެއްގެ މައްޗަށެވެ.
އެ ޕިރަމިޑް ހުރި ތަންކޮޅަކީ ކޮލުލާގެ ވަރަށްކުޑަ ހިސާބެކެވެ. މުޅި އެ ސަރަހައްދަކީވެސް 154 ހެކްޓަރުގެ އާކިއޮލޮޖިކަލް ޒޯނެކެވެ. އެތަން 6 ފަހަރެއްގެ މަތިން އަލުން ބިނާ ކޮށްފައިވާކަން އެންގެން އެބަހުއްޓެވެ. އެމެރިކާ ބައްރުގައި ވެސް މިއަށް ވުރެ ބޮޑު ޕިރަމިޑެއް ނުހުންނާނެ ކަމަށްވެއެވެ.