English Edition
Dhivehi Edition

މީހަކު މަރުވުމުން ތަފާތު ދީންތަކުގައި އަމަލުކުރަނީ ތަފާތު އެކި ގޮތްގޮތަށެވެ. ބައެއް ދީންތަކުގައި އަންދާލައެވެ. އަނެއް ބަޔަކު ވަޅުލައެވެ. ނަމަވެސް ފިލިޕީންސްގެ ފަރުބަދަމަތީ ޕްރޮވިންސެއް ކަމަށްވާ ސަގަޑާގައި އަމަލުކުރަނީ ވަރަށް ތަފާތު ގޮތަކަށެވެ.

އެ ޕްރޮވިންސްގެ މީހުން އަމަލުކުރާ ގޮތަކީ މީހާ މަރުވުމުން ސަންދޯކަށްލައި، ފަރުބަދައެއްގެ އަރިމަތީގައި އަޅުވައިލަނީއެވެ. އެކަން ކުރަނީ މޮހޮރު ޖަހައިގެން ނުވަތަ އައްސައިގެންނެވެ. އެ ގޮތަށް އަޅުވާފައި ހުންނަ ސަންދޯއްތައް އިންޑޮނޭޝިއާ، ޗައިނާ، އަދި ފިލިޕީންސްގެ އެކި ސަރަހައްދުތަކުން ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ސަގަޑާ ޕްރޮވިންސްގެ މީހުން ގަބުލޫކުރަމުން އައި ގޮތުގައި ސަންދޯއް އެގޮތަށް ބެހެއްޓުމުން، މައްޔިތާ “ސުވަރުގެ” އާ ކައިރި ކޮށްދެއެވެ. އަދި ފަހުން އަންނަ ޖީލުތަކަށް އެކަމުގެ ސަބަބުން ރޫޙާނީ ގޮތުން ފައިދާ ކޮށްފާނެ ކަމަށް އެ ޕްރޮވިންސްގެ މީހުން ގަބޫލް ކުރިއެވެ.

އެ ފްރޮވިންސްގެ އިކޯވެލީގެ މަތީގައިވާ ލޫމިއަން ބަރިއަލް ހޮހަޅާގައި ސަންދޯއްތައް ވަނީ މަތި މައްޗަށް ބަހައްޓައިފައެވެ. އެއީ އެތަނުގެ އެންމެ ކުރިން ދިރިއުޅެފައިވާ އެންމެ ދުވަސްވީ އިގޮރޮޓް ދަރިކޮޅު މީހުންގެ ސަންދޯއް ތަކެއް ކަމަށްވެއެވެ. އެ ސަންދޯއް ތަކުގައިވާ މައްޔިތުން ވަނީ އެމީހުންގެ އާއިލާތަކަށް ނިސްބަތްވާ ކުލައިން ހެދުން ލައްވައި ރީތިކޮށްފައެވެ. އޭގެ ބޭނުމަކީ ފަހުން އަންނަންއޮތް ޖީލުތަކުގެ މީހުންނަށް އެއީ ކޮން ދަރިކޮޅަކަށް ނިސްބަވާ މީހެއްކަން އަންގައިދިނުމެވެ.

އިގޮރޮޓް ދަރިކޮޅުގެ މީހުން ގަބޫލުކުރަމުން އައި ގޮތުގައި މީހާ މަރުވުމަށްފަހު ބިމުގައި ވަޅުލުމުން ބިމުގައި ދެމޭ ފެނުގެ ސަބަބުން ހަށިގަނޑު އަވަހަށް ހަލާކުވެ ނެތިދާނެއެވެ. އެ ދަރިކޮޅުގެ މީހުން ސަންދޯއްތައް ޖަހާފައިވަނީ މައްޔިތާގެ އިސްކޮޅަށްވުރެ ކުޑަކޮށްނެވެ. އޭގެ ބޭނުމަކީ ރަހިމުގައި ކުއްޖާ އޮންނަ ގޮތަށް (ޕޮޒިޝަނަށް) ދުނިޔެ ދޫކޮށްލާފައި ދާއިރުވެސް ބޭއްވުމެވެ. އެމީހުން ގަބޫލުކުރަމުންއައި ގޮތުގައި އެއީ މައްޔިތާގެ ފުރާނައަށް އަމާންކަން ލިއްބައިދޭނެ ކަމެކެވެ.

އެދަރިކޮޅުގެ މީހުން ގަބޫލުކުރި ގޮތުގައި ޅަފަތުގައި ކުއްޖަކު މަރުވުމުން ނުވަތަ ބައެއްޔެއްގެ ސަބަބުން މީހަކު މަރުވުމަކީ އެކަމުގެ ސަބަބުން މުޅި ދަރިފަސްކޮޅަށް ބަދުނަސީބާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ނިޝާނެކެވެ. ބުނެއުޅޭ ގޮތުގައި އެ ދަރިކޮޅުގެ މީހުން އެ ސަގާފަތް ގަބޫލުކޮށް އެއަށް އަމަލު ކުރަމުންދާތާ ގާތްގަނޑަކަށް 2000 އަހަރު ވެދާނެއެވެ. އެމީހުންގެ ސަގާފަތަކީ މަރުވުމުގެ ކުރިން އެމީހެއްގެ ސަންދޯއް އެމީހަކު އަމިއްލައަށް ހަދާފައި ނުވަތަ ޖަހާފައި ބެހެއްޓުމެވެ.

މިއީ އެ ޕްރޮވިންސްގައި ކުރިން އަމަލުކުރަމުންއައި ގޮތެވެ. އެހެންނަމަވެސް މިހާރުގެ މީހުން އެފަދަ ކަންކަން ގަބޫލެއް ނުކުރެއެވެ. އެކަމަކު އަދިވެސް އެފަދަ ސަގާފަތް ގަބޫލުކުރާ މީހުން މަދުން ނަމަވެސް އުޅޭ ކަމަށްވެއެވެ.
އިސްލާމްދީންވަނީ މިފަދަ ހުރިހާ ސަގާފަތަކާއި ޚުރާފާތުގެ ވިސްނުންތަކުން މުސްލުމުން ދުރު ކުރައްވައިފައެވެ. މުސްލިމުންނަށް ﷲ ދެއްވާފައިވާ ނިއުމަތްތަކުގެ ބޮޑުކަމާއެވެ.