ގޯރަން އޮލްސަން ނަމަކަށް ކިޔާ މީހަކު، ނޯވޭގެ ޓެލެމާކް ކައުންޓީގެ ބޯޑަރުގައި އޮންނަ ހައުކެލީ ސަރަހައްދުން ދަޔުރު ކުރަމުންދިޔައެވެ.
އޭނާ ދަތުރު ކުރަމުންދިޔައީ އިހުޒަމާނުގައި ބޭނުން ކުރެވުނު ފަރުބަދަ މަތީ މަގަކުންނެވެ. މި ދަތުރުގައި އޭނާއަށްވަނީ ‘ވައިކިންގ’ ކަނޑިއެއް ފެނިފައެވެ. އެ ކަނޑި އޮތީ ވަރަށް ރަނގަޅު ހާލަތެއްގައެވެ. އެކަނޑިއަށް 1200 އެއްހާ އަހަރު ވެދާނެހެން ހީވެސް ނުވެއެވެ.
ކަނޑި ފެނުމާއެކު، އެނާ ވަނީ ކަނޑި ހިފައިގެން ހޯޑަލޭންޑް ކައުންޓީ ކައުންސިލަށް، ގޮސްފައެވެ. އެތަނުގައި މަސައްކަތްކުރާ އާކިއޮލޮޖިސްޓުން ވަނީ އެ ކަނޑި ހޯދައި އޭގެ ސައްޙަ ކަން ކަށަވަރަ ކޮށްފައެވެ.
ކައުންޓީގެ ކޮންސަވޭޓަރ ޕާރ މޯރޓެން އެކޭރހޮވެޑް، ބުނެފައި ވަނީ ވައިކިން ޒަމާނުގެ އެއްޗެއް ފެނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. އެ ކަނޑީގެ މިޔަ ތޫނުކޮށްފި ކަމަށްވާނަމަ މިހާރު ވެސް ބޭނުން ކުރެވޭނެއެވެ.
އެކަނޑިއަކީ ދަގަނޑުން ހަދައިފައިވާ މިއީ 30 އިންޗީގެ ކަނޑިއެކެވެ. އެކޭރހޮވެޑް ބުނި ގޮތުގައި މި ހޯދުމުގެ ސަބަބުން، ވައިކިންގެ ކުރީ ކޮޅުގެ ތާރީޚް އިތުރަށް ދެނެގަނެވިދާނެއެވެ.
އެޒަމާނުގައި ދަގަނޑުން ހަދާފައިވާ ހަތިޔާރާއި އަށްޑަނައަކީ، މީހާގެ ހައިބަތާއި، މުއްސަނދިކަން ދައްކުވައި ދޭ ކަމެކެވެ. އެހެން ކަމުން މިއީ އާންމު މީހެއްގެ ކަނޑިއެއް ނޫންކަން ދޭހަވެއެވެ.
ސްކޮޓްލޭންޑުގެ ޔުނިވާސިޓީ އޮފް ހައިލޭންޑްސް އެންޑް އައިލޭންޑްސް ގައި ވައިކިންގްސް އާއި ބޭހޭ ގޮތުން ދިރާސާ ކުރާ ފަރާތެއް ކަމަށްވާ އެލެކްޒެންޑްރާ ސަންމާކް ބުނާ ގޮތުގައި، ގިނަ މީހުންނަށް ހީވެފައިވަނީ ވައިކިންގްސް ބޭނުންކޮށްފައިވަނީ ދަގަނޑު ހެލްމެޓް ކަމަށެވެ. ނަމަވެސް އެމީހުން ބޭނުން ކޮއްފައި ވަނީ ހަމުން ހަދާފައިވާ ހެލްމެޓް ތަކެއް ކަމަށް އޭނާ ބުނެއެވެ. އެމީހުން ދަގަނޑު ފަދަ މައުދަންތައް ބޭނުން ކޮށްފައިވަނީ ރީތި، މޮޅެތި ހަތިޔާރު އުފެއްދުމަށެވެ.
ކައުންޓީގެ އަކިއޮލޮޖިސްޓުން ލަފާކުރާ ގޮތުގައި މި ކަނޑި ބޮޑަށް ބޭނުން ކުރެވިފައި ވަނީ ތަންކޮޅެއް އިސް މީހަކު ވަޅުލުމަށް ކަމުގައެވެ. އެއީ އެމީހުން ވަޅުލަނީ އެމީހުން އަގުބޮޑު މުދަލާއި ހަތިޔާރު ތަކާއި އަދި ބައެއްފަހަރު އަސްތައް ވެސް ހިމަނައިގެންނެވެ.
މިކަނޑި މިހާރު ވަނީ ބާރގެން ގެ ޔުނިވާރސިޓީ މިއުޒިއަމް ގައި އިތުރު ދިރާސާތަކަށް ރައްކާ ކުރެވިފައިވެ.
ހައުކެލީ ފަރުބަދަ ސަރަހައްދު އޮންނަނީ 6 މަސް ވަންދެން ސްނޯއިން ފުރިފައެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން މިފަހަކަށް އައިސް މި ސަރަހައްދުން މިފަދަ ތަކެތި ފެނުން ވަނީ އާންމު ވާން ފަށައިފައެވެ.
ހޯޑްލޭންޑް ކައުންޓީގެ އާކިއޮލޮޖިސްޓެއް ކަމަށްވާ ޖޮސްޓެއިން އަކްސްޑަލް މިހާރު ދަނީ މި ސަރަހައްދު ކޮނެ ބެލުމަށް ތައްޔާރު ވަމުންނެވެ. އެނާ ބުނާ ގޮތުގައި މި ސަރަހައްދުން އިތުރު ތަކެތި ނުވަތަ މަހާނައެއް ފެނިއްޖެ ނަމަ ކަނޑިއާބެހޭ އިތުރު މައުލޫމާތު ލިބުންގާތެވެ.