އައްޑޫގެ އަންހެން ކަނބަލުންނަށް ކުޅިވަރުގެ ރޮނގުގައި ކުރިއަށް ދިއުމަށް ހިއްވަރުދީ އައްޑޫގެ ހުނަރުވެރި އަންހެން ކުޅުންތެރިންނަށް ބޭނުންވާ ފުރުސަތު ފަހިކޮށްދިނީ އައްޑޫވިމެންސް އެސޯސިއޭޝަން ނުވަތަ އަވަ އިންނެވެ. އަވައިގެ އިސްނެގުމާއެކު އައްޑޫގެ ކަނބަލުންނަށް ހޯދައިދިން މި ފުރުސަތުގެ ދަށުން މިހާރު މިވަނީ އައްޑޫއަށް ނިސްބަތްވާ އައްޑޫގެ އަންހެން ފުޓުބޯޅަ ޓީމެއް އުފެދިފައެވެ، ހުނަރުވެރި ކުޅުންތެރިންނާއެކު އުފެދުނު އަވަ އެފްޓީއަކީ އައްޑޫގެ އެންމެ ފުރަތަމަ އަންހެން ފުޓުބޯޅަ ޓީމެވެ.
ރާއްޖޭގެ ގައުމީޓީމަށް ކުރިން ކުޅެފައިވާ ހުނަރުވެރި ކުޅުންތެރިޔާ އާމިނަތު އަލްމާގެ ކެޕްޓަން ކަމުގެ ދަށުން އެކުލަވާލި މި ޓީމުގެ މެނޭޖަރަކީ އައްޑޫވިމެންސް އެސޯސިއޭޝަނުގެ ޖެނެރަލް ސެކެޓްރީ ޝަފުގާ ޝަފީއު އެވެ. ޓީމުގެ ކޯޗުންނަކީ އަބުދުﷲ އިމްރާން އާއި މުޙައްމަދު ނާއިމް އެވެ.
“މިއީ ވަރަށް ކުރިއްސުރެންވެސް ދެކެމުން އައި ހުވަފެނެއް. ނަލަނަލަ އައްޑޫގެ ނަން ރީތިވެ އައްޑޫގެ އަންހެނުންނަކީ މޮޅު، ކެރޭ، ހީވާގި އަދި މުރާލި ބަޔެއްކަން އެންމެންނަށް ދެއްކުމަކީ އައްޑޫވިމެންސް އެސޯސިއޭޝަންގެ މަގުޞަދު. އައްޑޫއަކީ ފުޓުބޯޅައިގެ ރޮނގުގައިވެސް ރީތި ނަމާއި ފަޚުރު ހޯދާފައިވާ ތަނެއް. ޑީއެންސީ އޮތް ޒަމާނުގައި އައްޑޫއަށް މިރޮނގުން ހޯދައިދިންފަދަ ރީތި ނަމެއް އައްޑޫގެ އަންހެން ފުޓުބޯޅަ ޓީމު ހޯދާ ދުވަސް ދެކެން ވަރަށް ބޭނުން” އައްޑޫވިމެންސް އެސޯސިއޭޝަނުގެ ރައީސާ ޑރ މަރިޔަމް ޝަކީލާގެ އުއްމީދަކީ މިއީއެވެ.
އަންހެނުން ކުރިއެރުވުމަށް ތަފާތު އެކި ދާއިރާތަކުން ހިތްވަރާއެކު މަސައްކަތް ކުރަމުންގެންދާ އައްޑޫވިމެންސް އެސޯސިއޭޝަނުން މިހާތަނަށް ކާމިޔާބު ގިނަ ހަރަކާތްތަކެއް ރާވާފައިވާއިރު މިއީ އަވައިގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރިއަށް ދާކަމުގެ އަލިގަދަ ހެއްކެކެވެ. ޖަމިއްޔާގެ ރައީސާ ޑރ މަރިޔަމް ޝަކީލާއާއި ނައިބުރައީސާ ޖުވައިރިއްޔާ ވަޖުދީގެ މިންނެތް މަސައްކަތްތަކުގެ ފޮނި މޭވާއެވެ. ޖަމިއްޔާގެ އެކިއެކި މަގާމުތަކުގައި ތިއްބެވި އިސްމެމްބަރުންނާއި އާންމު މެމްބަރުން ގުޅިގެން ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާއެވެ.
“އަވައެފްޓީ” ގެ ނަމުގައި އައްޑޫގެ އަންހެން ފުޓްބޯޅަ ޓީމު މިހާރުވަނީ ރަސްމީކޮށް އިފްތިތާޙުވެސް ކޮށްފައެވެ. މި ޓީމު އިފްތިތާޙު ކުރުމަށްޓަކައި މިމަހުގެ 7 ވަނަ ދުވަހުގެ ރޭ ހުޅުދޫ ފުޓްސަލް ދަނޑުގައި އެކުވެރިކަމުގެ މެޗެއްވަނީ ކުޅެފައެވެ. މި މެޗުގައި އަވަ އެފްޓީއާއި ބައްދަލުކުރީ މީދޫ ދޮންދީނި ޓީމެވެ. މި މެޗް 1 ލަނޑު 8 ލަނޑުން ކާމިޔާބުކުރީ އަވަ ޓީމެވެ. މި ޓީމުން މިހާރު ތައްޔާރުވަމުން ދަނީ “ކްލަބް މޯޑްޑިވްސް” މުބާރާތަށެވެ. އެއީ މާލޭގައި ބާއްވާ މިފަދަ މުބާރާތެއްގައި އައްޑޫގެ އަންހެން ފުޓްބޯޅަ ޓީމެއް ބައިވެރިވާ ފުރަތަމަ ފަހަރުވެސް މެއެވެ.
“ޓީމު އޮތީ ވަރުގަދަކޮށް. ކާމިޔާބު ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް. އިރާދަ ކުރެއްވިއްޔާ އެނބުރި އައްޑޫއަށް އަންނާނީ މުބާރާތުގެ ޓައިޓަލް ހޯދައިގެން. މުބާރާތުގައި އައްޑޫ ފަޚުރުވެރިވާފަދަ ކާމިޔާބީއެއް ހޯދައިގެން” ޓީމުގެ ކެޕްޓަން އަލްމާގެ ބަހަކީ މިއީއެވެ.
ޓީމުގެ މެނޭޖަރ ޝަފޫ ވިދާޅުވީ އައްޑޫގެ އަންހެން ފުޓުބޯޅަ ޓީމެއްގެ ގޮތުގައި މާލޭގައި ބާއްވާ މުބާރާތެއްގައި ބައިވެރިވުމަކީ ވެސް ލިބޭ އުފަލެއް ކަމަށެވެ.
އައްޑޫގެ އެކި ރަށްރަށުން ހޮވާލެވޭ ހުނަރުވެރި ކުޅުންތެރިންނާއެކު އެކުލަވާލާފައިވާ މި ޓީމުގައި ރާއްޖޭން ބޭރުގެ ކުޅުންތެރިއަކުވެސް ހިމެނޭނެކަމަށް ޝަފޫ ވިދާޅުވިއެވެ.
“މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކުންވެސް ބޭރުގެ ކުޅުންތެރިން ބައިވެރިކުރޭ. އެހެންވީމާ އައްޑޫ ޓީމުގައިވެސް ބޭރުގެ ކުޅުންތެރިއަކު ހިމެނޭނެ.” މެނޭޖަރ ޝަފޫ ވިދާޅުވިއެވެ.
ކްލަބް މޯލްޑިވްސް މުބާރާތަށް ފަހު އަވައެފްޓީގެ ދެވަނަ އަމާޒަކީ ގައުމީ ފުޓުބޯޅަ މުބާރާތުގައި ވެސް ބައިވެރިވުމެވެ. އައްޑޫގެ ފުރަތަމަ އަންހެންޓީމުގެ ގޮތުގައި އައްޑޫ ފަޚުރުވެރިވާފަދަ ރަންވަނައެއް ހޯދައި މުބާރާތުގެ ތަށި އުފުލާލުމެވެ.