އައްޑޫ ސިޓީގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ތަރައްގީގެ މަޝްރޫއަކީ ފަތުރުވެރި ކަމުގެ މަޝްރޫއު ތަކެވެ. އައްޑޫގައި ގެސްޓްހައުސް ވިޔަފާރި ފަށައިގަތުމަށް އެތައްބަޔަކު މިހާރުވެސް ތިބީތައްޔާރަށެވެ.
ގަމުގެ އެއާޕޯޓަށް ސްރީލަންކަންގެ ދަތުރުތައް ފަށައިގަތުމާއެކު ގެސްޓްހައުސް ވިޔަފާރި އައްޑޫގައި ތަރައްގީ ކުރުމަށް ގިނަ ބަޔަކު ބޭނުންވެއެވެ. އަދި މިކަމަކީ ސްރީލަންކަންގެ ދަތުރުތައްވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ލިބޭ ވަރަށް މުހިއްމު ކަމެކެވެ.
އައްޑޫގެ ތަރައްގީއަށް މަސައްކަތް ކުރުމަށް ރައީސް ޔާމީނު ވަނީ ސްޓެއަރިން ކޮމެޓީއެއް އެކުލަވާލާފައެވެ. މިކޮމެޓީގެ ޗެއާއަކީ ފަތުރުވެރި ކަމުގެ ވަޒީރު މޫސާ ޒަމީރު އެވެ. އެމަނިކުފާނު ވަނީ ވަރަށް ފަހުން އައްޑުއަށް ޒިޔާރަޔްކޮށް އިންޓަގްރޭޓެޑް ފަތުރުވެރިކަން ތަރައްގީ ކުރެވޭނެ ސަރަހައްދުތައް ބައްލަވާ ފައެވެ. އަދި އެމަނިކުފާނުގެ އެދަތުރު ފުޅުގައި އައްޑޫގައި ވަރަށް އަވަހަށް ގެސްޓްހައުސް ނުވަތަ އިންޓަގްރޭޓެޑް ޓުއަރިޒަމް ފައްޓަވާނެ ކަމަށްވަނީ ވިދާޅުވެފައެވެ.
އައްޑޫގެ ގިނަބަޔަކު އިންތިޒާރު ކުރީ ދާދިއަވަހަށް އެސިނާއަތް އައްޑޫގައި ތަރައްގީ ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ. ނަމަވެސް އަދި އެކަމުގެ ރަސްމީއެއްވެސް މަސައްކަތެއް ފެށިފައި ނުވާކަމީ ގިނަބަޔަކު ނިހާޔަތަށް ކަންބޮޑުވާ ކަމަކެވެ.
މި ހިނގާ މާޗުމަހުގެ އެއްވަނަ ދުވަހު އައްޑޫގައި މިކަމާއި ގުޅޭ އިންވެސްޓަރުންގެ ފޯރަމެއް ބޭއްވުމަށް ހަމަޖެއްސުމަށްފަހު އެކަންވަނީ ފަސްކޮށްފައެވެ. އަދި އެފޯރަމް ބާއްވާނެ ދުވަހެއްވެސް އަދި ނޭގެއެވެ.
ޒަމީރަކީ ފަތުރުވެރިކަމުގެ ވަޒީރަށް ވުމާއެކު ވެރިކަން ހިންގާޕާޓީގެ އެއް ނައިބު ލީޑަރެވެ. އެހެންކަމުން ހުރިހާ އުނދަގުލެއް ހައްލު ކުރުމަށް އެމަނިކުފާނަކަށް އެހާ އުނދަގުލެއް ނުވާނެއެވެ. ސިޔާސީ ގޮތުންބަލާއިރުވެސް މިކަމަށް އެންމެ އެކަށޭނެ ބޭފުޅަކީ ހަމަ ޒަމީރު ކަމާއި މެދަކު އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް މިކަމާއި ގުޅިގެން މާބޮޑު ކަންތައްތަކެއް އަދި މިހާތަނަށް ހިނގާފައި ނެތްކަން ފާހަގަ ވެއެވެ.
މައުމޫނުގެ ވެރިކަމުގައިވެސް އައްޑޫގައި ގިނަކަންތައްތަކެއް ކުރުމަށް އަބަދުވެސް ވާހަކަ ދެކެވުނެވެ. އޭރު އައްޑޫ ޑިވެލޮޕްމަންޓް އޮތޯރިޓީއެއް އޮތެވެ. އެއޮތޯރިޓީގެ އެންމެ އިސްމީހުންނަށް އޭރު ތިއްބެވީ ސިޔާސީ ގޮތުން ބާރުގަދަ ބޭފުޅުންނެވެ. މައުމޫނުގެ ޒައާމަތުގައިވެސް ދެކެވިފައި އޮތީ ހަމަ ހުސްވާހަކަ ތަކެކެވެ. ރަސްމީ ސިފައެއްގައި އަމަލީ އެއްވެސް މަސައްކަތެއް ކުރެވިފައި ނެތެވެ. އޭރުގަ ކަންހިނގާދިޔަގޮތާއި މިހާރާއި އެހާ ތަފާތު ކަމެއް ފެންނާކަށް ނެތެވެ. ވާހަކަ ގިނައެވެ.
މީގެ ކުރިން ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލުން އެއްބާރުލުން ނުދޭތީ އެދެވޭގޮތެއްގައި ތަރައްގީގެ މާބޮޑުކަމެއް އައްޑޫއަކަށް ވެފައި ނެތެވެ. އެހެނަސް މިހާރު ކައުންސިލްގެ މާބޮޑު ދައުރެއް ނެތްއިރުވެސް ތަރައްގީގެ އަމަލީ މަސައްކަތެއް ކުރެވިފައި ނެތެވެ.
ފޭދޫގެ ބިން ހިއްކާ އަދި ރިވެޓްމަންޓް ޖަހާ އެއޮތީ ނިމިފައެވެ. އެއީ ރައީސް ޔާމީނުގެ އައްޑުއަށް ދެއްވާ އަހައްމިއްޔަތު ކަމުގެ ތެރެއިން އައްޑޫގެ ތަރައްގީއަށް ކުރެވުނު ވަރަށް މުހިއްމު ކަމެކެވެ. ފޭދޫގެ ބިން ބޮޑުވެގެން ދިއުމަކީ ފޭދޫގެ ހުރިހާ ރައްޔިތުންނަށް އޭގެއިން މަންފާ ލިބޭނެ ކަމެކެވެ. ފޭދޫގެ ބިންހިއްކާ މިހާތަނަށް އާއިރު އެތަނުގެ ލޭންޑް ޔޫޒް ޕްލޭނެއް އާއްމު ކުރެވިފައި ނެތެވެ. އެހެންކަމުން އެބިމުން ލިބެން އޮތް މަންފާއަދި އެއްވެސް މިންވަރަކަށް ލިބިފައެއް ނެތެވެ.
ރައީސް ޔާމީނުގެ ދުރުވިސްނޭ އިގްތިސާދީ އެޖެންޑާ ހިންގުމަށް ތިއްބަވާ ބައެއް ބޭފުޅުން ކަންކަން ކުރުމުގައި އެމަނިކުފާނު ބޭނުންފުޅުވާ ހަލުއި މިނެއްގައި ކަންކަން ނުކުރުމަކީ އެމީހުންގެ ގާބިލު ކަމާއި މެދު ސުވާލު އުފެދޭނެ ކަމެކެވެ.
އައްޑޫގެ ތަރައްގީއަށް އުފައްދާފައިވާ ސްޓެއަރިން ކޮމެޓީގެ ޗެއާކަށް ހުންނެވީ އައްޑުއަށް ނިސްބަތްވާ ބޭފުޅެއް ނޫނެވެ. އައްޑޫގެ މިފަދަ އެއްވެސް މަޝްރޫއެއްގައި ދުވަހަކުވެސް އައްޑޫ ބޭފުޅަކު އައްޔަން ކުރެވިފައި ނުވެއެވެ. މިހާރު ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ އައްޑޫ ދެދާއިރާއެއްގެ މަޖިލީސް ދެމެމްބަރުން ތިއްބެވިއިރު އެދެބޭފުޅުންގެ މާބޮޑު ރޯލެއް އެކަމުގައި ނެތީ ބާވައޭވެސް ސުވާލު އުފެދެއެވެ.
މިފަދަ ކޮމެޓީއެއްގެ ޗެއާކަށް އައްޑޫއަށް ނިސްބަތްވާ މީހެއް ނެތްކަމީ އައްޑޫއަށް ލިބޭ ނިކަމެތި ކަމެއް ކަމަށް އައްޑޫގެ ގިނަ ރައްޔިތުން ބުނައެވެ. އަދި އައްޑޫ ރައްޔިތުންގެ އިހްސާސްތަކާއި އުދާސްތައް އެންމެ ރަނގަޅަށް އެނގޭނީ އައްޑޫ މީހަކަށް ކަމަށްވެސް އެމީހުން ގަބޫލު ކުރައެވެ.
ނަމަވެސް ސަރުކާރުގެ އެއްވެސް ބާރުގަދަ މަގާމެއްގައި އައްޑޫއަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ކަންކަމުގެ އެންމެ ގާބިލު މީހުން ތިބީ އައްޑޫގައި ކަމީ މިހާތަނަށް ގިނަބަޔަކު ގަބޫލު ކުރަމުން އައިސްފައިވާ ހަގީގަތަކެވެ. އެހެނަސް މިހާރު އެންމެ ގަމާރުން ތިބީ އައްޑޫގައޭ ބުނުން ނޫން އެހެންގޮތެއް އެބައޮތްތޯއެވެ؟