English Edition
Dhivehi Edition

މިދުވަސްވަރު ރާއްޖޭގައި ހަލުވިމިނެއްގައި ފެތުރެމުންދާ ހުމުގެ ރޯގާ އާއި ގުޅިގެން މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް މިވަނީ ބަންދުކޮށްފައެވެ. މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން މިޑްޓާމް ބްރޭކްވެސް ލިބެން އޮތީ މާކުރިން ހަމަޖެހިފައެވެ. ލިބޭ މިފަދަ ޗުއްޓީތަކަށް ގިނަ ބަޔަކު ވާނީ ދުރާލާ ތައްޔާރުވެފައެވެ. އުފާވެރި ޗުއްޓީއެއް ހޭދަކޮށްލުމަށެވެ. އަދި މިހާރު މިވީގޮތުން ޗުއްޓީއަށް ލިބޭ ދުވަސް އިތުރުވެ ޗުއްޓީ ދިގުވީއެވެ. އެހެން ނަމަވެސް ޗުއްޓީ ދިގުވި ސަބަބާމެދު ވިސްނާލުން މުހިއްމެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ރާއްޖޭގައި އިންފުލުއެންޒާގެ ކޭސްތައް ދިޔައީ ފެންނަމުންނެވެ. ގިނަ ބަޔަކު ހުމުގެ ރޯގާގައި އަދި ޑެންގޫހުންފަދަ ބަލިތަކަށް ފަރުވާހޯދާފައިވާކަމަށް ސިއްހީފަރުވާ ދޭ ތަންތަނުން ގެންދަނީ މެދުނުކެނޑި ހާމަކުރަމުންނެވެ. އިންފުލުއެންޒާގެ ކޭސްތައް އިތުރުވެ، ޓެސްޓު ކުރެވުނު މީހުންގެ ގައިން ނެގުނު ސާމްޕަލްތަކުގެ ތެރެއިން ގިނަ ސާމްޕަލްތަކެއް އިންފުލުއެންޒާއަށް ޕޮޒިޓިވް ވެފައިވާތީ، އެލާޓް ލެވެލް ތިނެއް އަށް މިވަނީ ބަދަލުކޮށްފައެވެ. މިދިޔަ ފެބުރުއަރީ މަހުން ފެށިގެން އިންފުލުއެންޒާ އެޗް ވަން އެން ވަން ގެ ކޭސްތައް އިތުރު ވަމުންދާ ކަމަށާއި އެއީ ވަރަށް ބާރަށް ކުރިއަށް ދިއުންކަމަށް ގަބޫލުކުރައްވާކަމަށް ހެލްތު މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

އިއްޔެގެ ހެނދުނާ ހަމައަށް ޓެސްޓް ކުރި 200 މީހުންގެ ތެރެއިން 27 މީހެއްގެ ގައިން މި ވައިރަސް ފެނިފައިވާއިރު ރެއާ ހަމަޔަށް، 51 މީހެއްގެ ގައިން ވަނީ އެޗް1އެން1 ފެނިފައެވެ. އޭގެ ތެރެއިން އެކަކު ހާލު ސީރިއަސްވެ މިހާރު ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެމީހާއަކީ މާބަނޑު އަންހެނެކެވެ. އޭނާ އެޗް1އެން1 އަށް ޕްޒިޓިވްވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާއިރު އޭނާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައެވެ. މީގެއިތުރުން މި މަހުގެ ހަތަރުވަނަ ދުވަހު މަރުވި 26 އަހަރުގެ ޒުވާނެއްގެ ހަށިގަނޑުން ނަގާފައިވާ ސާންޕަލްތަކުން ވެސް އެޗް1އެން1 ވައިރަސް ވަނީ ފެނިފަ އެވެ.

މުޅި ރާއްޖެ ކުއްލި ހާލަތަކަށް އައިސް ސްކޫލްތައް ބަންދުކޮށް ނުރައްކާތެރި ހާލަތު އިއުލާން ކުރުމީ ހަމަގައިމުވެސް ރަނގަޅު ފާލެއް ނޫނެވެ. އުފާވާންވީ ސަބަބެއްވެސް ނޫނެވެ. ލިބެން އޮތް ޗުއްޓީ ދިގުވުމުން އިތުރު ޕްރޮގްރާމު ރާވާލަންވީ ވަގުތެއްވެސް ނުމެނޫންމެއެވެ. ބަލަންވީ ވީހާވެސް ބޮޑަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅޭތޯއެވެ. އަމިއްލަ އާއިލާއާއި ދަރިން ރައްކާތެރިކުރެވޭތޯއެވެ. ކޮންމެހެން ދާން ޖެހުނުތަނަކަށް ނޫނީ ނުގޮސްވޭތޯއެވެ. އަދި ވަކިން ޚާއްޞަކޮށް މީހުން ގިނައިން ގޮސް އުޅޭފަދަ ތަންތަނަށް ދަރިން ގޮވައިގެން ނުދިއުމަށެވެ. ޕާޓީތަކާއި ޕާކު ތަކަށް ނުގޮސް ގޭގައި މަޑުކުރުމަށެވެ. ޗުއްޓީގައި އެންމެ ކުރަން ބޭނުންވާނެ އެއްކަމަކީ މޫދަށް ދިއުން ކަމަށް ވިޔަސް މިފަހަރުގެ ޗުއްޓީ ޕިކުނިކު ދަތުރާ ނުލައި ނިންމާލުމަށެވެ. ރައްކާވެ ތިބިއްޔާ ދަތުރުކަން ހަނދާންކޮށްލުން މުހިއްމެވެ!