މަޝްހޫރު ކެއްކުންތެރިޔާ އަދި ކެއްކުމާބެހޭ ތަފާތުފޮތް ލިޔުންތެރިޔާ ޖުވޭރިޔާ ވަޖުދީ (ޖުވޭ) ބުނަނީ ކިތަންމެ އަވަދިނެތި އުޅޭ މީހާއަށްވެސް އެމީހާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ތަރުތީބުކޮށް ރަމަތަ ކުރެވޭނެ ކަމަށެވެ. އެކަމަށް ވާގުތުވާނެ ކަމަށެވެ.
ޖުވޭ މިހެން ބުނީ އޭނާ އަވަދިނެތި ކުރާ މަސައްކަތްތަކާބެހޭ ގޮތުން ސުވާލު ކުރުމުންނެވެ. އައްޑުއަތޮޅު މަރަދުއަށް އުފަން ޖުވޭއަކީ ވިޔަފާރިވެރިއެކެވެ. ލިޔުންތެރިއެކެވެ. އުފެއްދުންތެރިއެކެވެ. ހުށަހެޅުންތެރިއެކެވެ. ކެއްކުންތެރިއެކެވެ. އަދި އެދުރެއްވެސްމެއެވެ.
އޭނާއަކީ ޖުވޭސްކެފޭ އެންޑް ރެސްޓޯރެންޓުގެ މައިތަނބެވެ. އޭނާއަކީ އަންހެނުންނަށް ޚާއްސަކޮށްގެން އެއްޗެހި ވިއްކާ “ރޯޒް” ފިހާރައިގެ ވެރިޔާއެވެ. އޭނާއަކީ ތަފާތުކާނާގެ ސިލްސިލާ ފޮތްތަކުގެ ލިޔުންތެރިއާއެވެ. ނުވަތަ މުސައްނިފެވެ. އޭނާއަކީ އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވަ) ގެ ނާއިބު ރައީސާއެވެ. އޭނާއަކީ ވިމެންސްއާޓްސް އެންޑް ކްރާފްޓްސް އެސޯސިއޭޝަންއޮފް މޯލްޑިވްސް ނާއިބް ރައީސާއެވެ.
ޖުވޭ ލިޔެފައިވާ ފޮތްތައް ޗާޕްކުރުން ފިޔަވައި އެހެންހުރިހާ ކަމެއްހެން ކުރަނީ އަމިއްލައަށެވެ. ލިޔަނީ އަމިއްލައަށެވެ. ލޭއައުޓްވެސް ކޮންމެވެސް ވަރަކަށް ހަދަވައެވެ. ޗާޕްކުރުމަށްފަހު ފޮތްތައް ވިއްކުމަށް އަމިއްލައަށް އުޅެއެވެ. އައު ރެސިޕީތަކާއި ކުރީގެ ރެސިޕީތައް ހިމަނައިގެން މިއަހަރުގެ ލިޔުންތެރިންގެ މައުރަޒަށް އޭނާ ގެންދަނީ ފޮތްބައެއް ތައްޔާރު ކުރަމުންނެވެ. އެއީވެސް ތަފާތު ކާނާގެ ސިލްސިލާއަށް އިތުރުވާނެ ބޮޅުތަކެކެވެ.
ޖުވޭއަކީ ޓީވީއާއި، ރޭޑިއޯގެ ޕްރޮގްރާމްތައް ތައްޔާރުކޮށް ހުށަހަޅައިދޭ މީހެކެވެ. ޖުވޭގެ ޕްރޮގްރާމްތަކަށް އާންމުންގެ ތަރުހީބު ލިބެއެވެ. ޖުވޭއަކީ އެ ވަސީލަތްތައް މެދުވެރިކޮށް އަމިއްލަ ރެސިޕީތައް އާންމުންނަށް ޖުވޭ ފޯރުކޮށްދެއެވެ.
އޭނާ ވަނީ 1995 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް 880 އަށްވުރެ ގިނަ ތަފާތު ޕްރްގްރާމް ހަދަވައި ރައްޔިތުނާ ހަމައަށް ގެނެސްދީފައެވެ. ތަފާތު މެގަޒިންތަކާއި، ޗެނަލްތަކަށް ރެސިޕީ ތައްޔާރުކޮށް ދެއްވާފައެވެ. ކެއްކުމާ ބެހޭ ޕްރޮގްރާމްތައް މެދުވެރިކޮށް މިހާރުވެސް ތަފާތު މައުލުމާތު ފޯރުކޮށްދެއެވެ.
ޖުވޭއަކީ ހަމައެކަނި މަޝްހޫރު ކައްކާއެއް ނޫނެވެ. އަމިއްލަ ސިލަބަހެއްގެ ދަށުން ކުދިންނަށް ކައްކަން ދަސްކޮށްދެއެވެ. އޭނާ މިހާތަނަށް ވަނީ 15000 އަށްވުރެ ގިނަ މީހުންނަށް ކައްކަން ދަސްކޮށްދީފައެވެ. އޭނާގެ ގާތުން ދަރިވަރުވެފައިވާ މީހުންގެ ތެރެއިން 17 ވަރަކަށް މީހުން މިހާރުވެސް އެކިފެންވަރުގައި ކެފޭ، ރެސްޓޯރެންޓް ހިންގައެވެ.
މިހާތަނަށް އޭނާވަނީ 6000 އަށްވުރެ ގިނަ ރެސިޕީ ތައްޔާރުކޮށް އާންމުނާ ހަމައަށް ގެނެސްދީފައެވެ. އޭގެތެރެއިން 3000 އަށްވުރެ ގިނަ ރެސިޕީއަކީ ޖުވޭ އަމިއްލައަށް ނަންދީގެން ނެރެފައިވާ އަމިއްލަ ތަރިކައެވެ.
ޖުވޭ އަތްތެރި މަސައްކަތްވެސް ދަނެއެވެ. މިހާތަނަށް ޖުވޭވަނީ 800 އަށްވުރެ ގިނަކުދިން 25 ބާވަތެއްގެ މަސައްކަތް ދަސްކޮށްދީފައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޒުވާނުންނަށެވެ. ޖުވޭއާބެހޭ މިކަހަލަ ވާހަކަތައް ދައްކަންޏާ އެއީ ހުސްވާނެ ވާހަކައެއްނޫނެވެ. ކުޑަކުދިންނަށް ޚާއްސަ ވާހަކަތައްވެސް ލިޔެއެވެ. ޖުވޭގެ ޚިދުމަތްތައްވަނީ ގިނަދިމާއަކަށް ފެތުރިފައެވެ.
ޖޫވޭއަކީ މިހާރު ބްރޭންޑް ނަމެކެވެ. ޖުވޭސް ކްރޭޒީ ޕިއްޒާއެވެ. ޖުވޭސް ޗިލީ ޕޭސްޓެވެ. ޖުވޭސް ކްރޭޒީ ބާރގަރއެވެ. ޖުވޭސް ކްރޭޒީ ސަބްމެރިންއެވެ. މިއީ ޖުވޭގެ ދަރިންނަށްޓައި ރައްކާކުރެވޭ ވަރުގަދަ ބްރޭންޑަކަށްވާނެއެވެ. އޭނާއަކީ 4 ކުދިންގެ މަންމައެކެވެ. ވަފާތެރި ހީވާގި އޯގާތެރި އަނތްބެކެވެ. ހިތްހެޔޮ ރަހުމަތްތެރިއެކެވެ.
ޖުވޭގެ 4 ކުދިންގެ ތެރެއިން ކެއްކުމަށް ޝައުގުވެރިވަނީ ނިބޫ (ޓްވިންސް) ދެބެއިންނެވެ. އެދެބެއިން އަދިވެސް ކިޔަވަނީއެވެ. ދޮށީ ދެބެއިން ކެއްކުމަށް މާބޮޑު ޝައުގެއް ހުރިކަމެއް ޖުވޭއަށްވެސް ފާހަގައެއް ނުކުރެވެއެވެ. ޖުވޭއަށް މުހިންމީ ކުދިން ޖުވޭފަދަ މޮޅު ކެއްކުންތެރިންނަށް ވުމެއް ނޫނެވެ. އޭނާއަށް މުހިންމީ ދަރިންނަކީ އިސްލާމްދީނަށް ލޯބިކުރާ، އަޚުލާގު ރަނގަޅު، ކިޔަވައިގެންތިބި ކުދިންނަށްވުމެވެ.
ދެންއޮތީ ޖުވޭގެ އެވޯޑްތަކުގެ ވާހަކައެވެ. ޖުވޭގެ ޚިދުމަތްތައް ފާހަގަކޮށް ތާފާތު އެވޯޑްތަކާއި އިނާމްތަކެއް އޭނާއަށްވަނީ ލިބިފައެވެ. 2014 ވަނަ އަހަރު ފާހަގަކުރި ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހު ސަރުކާރުންވަނީ “ރެހެންދި އެވޯޑު” ޖުވޭ ހާސިލް ކުރިއެވެ. އައްޑޫ ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީން ދެއްވި ކަނބައިދި އެވޯޑު ހާސިލް ކުރިއެވެ. ވިމެންސް އޮންބޯޑުން ދެއްވާ ބެސްޓް މެނޭޖަރގެ އެވޯޑާއި، ލީޑިން ވުމަން އެވޯޑުވެސް ހާސިލް ކުރިއެވެ. ރައީސުލް ޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ދެފަހަރު ހޯދިއެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި، ސިންގަޕޫރުގެ އިންސްޓިޓިއުޓަކުން ދެއްވާ މާސްޓަރ ޝެފް އެވޯޑްވެސް ހާސިލް ކުރިއެވެ.
މި އެވޯޑް ލިސްޓް މިހިސާބަށް ކުރުކޮށްލީ ގަސްތުގައެވެ. އެވޯޑުތަކަށް ވިސްނާލުމުންވެސް ޖުވޭގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މިފަދަ އެވޯޑުތަކެއް ހާސިލް ކުރެއްވޭނީ ލައްކަ ބުރަ މަސައްކަތްތަކެއް ކުރައްވައިގެންތާއެވެ.
އަވަދިނެތިކޮށް އުޅެމުން ހޮބީއެއްގެ ގޮތުގައި ކަސްރަތު ކުރެއެވެ. މިޔުޒިކް ކޮންމެވެސް ވަރަށް ކުޅެއެވެ. އޭނާ މިހާރުގެންދަނީ ވޮއިސް ޓްރޭނިން ހަދަމުންނެވެ. އަދި ޕިޔާނޯ ކުޅެންވެސް އޭނާ ދަނީ ދަސްކުރަމުންނެވެ.
އެހާ އަވަދިނެތިކޮށް އުޅޭ މީހަކު އާއިލާއަށް ނުވަތަ ފެމިލީއަށް ދޭން ވަގުތު ހޯދަނީ ކޮންތާކުން ހެއްޔެވެ؟ ހަމަ ގައިމުވެސް އެއީ ވިއްކާ އެއްޗެއް ނޫނެވެ.
ޖުވޭގެ ޖަވާބު ވަރަށް ކުރުވެފައި ސާދާއެވެ. “ހަޔާތުގައި އެއްކަމެއް މެނޭޖުކުރެވޭ މީހާއަށް ދެންހުރި ހުރިހާ ކަމެއް މެނޭޖު ކުރެވޭނެ. ދުވަހަކުވެސް ނޯންނާނެ ފިރިމީހާއާއި ދަރިންނަށް ކޮށްދޭންޖެހޭ އެއްވެސް ކަމަކަށް އިހުމާލުވެފައެއް. ކުދިންގެ ސްކޫލް ބައްދަލުވުމެއްވެސް ނުގޮސް ދޫކޮށްފައެއް ނޯންނާނެ. ދެން ޖުވޭއަކީ އަމިއްލައަށް މަސައްކަތްކުރާ މީހެއް. އެމަސައްކަތް މިކުރަނީ ގޭގައި އިންދެގެން. އެހެންވީމާ ފިރިމީހާގެ ކަންކަންވެސް ވަރަށް ރަނގަޅަށް ހަމަޖައްސައިދެވޭތޯ ވަރަށް މަސައްކަތްކުރަން. ފިރިމީހާއަށްވެސް ނޯންނާނެ ވަގުތު ނުދެވިގެން ޝަކުވާ ކުރުމުގެ ފުރުސަތެއް،” ޖުވޭ ބުންޏެވެ.
ޖުވޭ ބުނީ ގިނަފަހަރަށް ބޭރަށްވެސް ދަނީ ފިރިމީހާއާ އެކުގައި ކަމަށެވެ. “ފިރިމީހާއާ ވަކިން އެއްމަސް ވަންދެންވެސް ދުވަހަކުވެސް ނުހުންނާނެ އުޅެފައެއް. ގައުމުން ބޭރަށްދިޔަސް ދެމީހުންއެކީގައި ގިނައިންގޮސްފައި ހުންނާނީ،” ޖުވޭ ބުންޏެވެ.
ޖުވޭއަކީ ރައްޓެހި، ރަހުމަތްތެރިންނަށްވެސް ރަނގަޅަށް ކަންތައް ކޮށްދޭ އެކުވެރިއެކެވެ. ރައްޓެއްސަކު ކަމަކު ބުނެފި ކަމަށްވާނަމަ އެކަމަކަށް ނޫނެކޭ ބުނުމަކީ އޭނާއަށް އެންމެ އުނދަގުވާ އެއްކަމެވެ. ޖުވޭ ބުނިގޮތުންނަމަ އެއްވެސް މީހަކުދެކެ ދުވަހަކުވެސް ރުޅިއެއް ނާދެވެއެވެ. މީހަކު ޖުވޭއާމެދު ދެރަކޮށް ކަމެއްކުރިޔަސް އެވަގުތު އެއްޗެހި ތަކެއް ހިތަށްއެރިޔަސް އިރުކޮޅަކުން އެކަމެއް ހަނދާންނެތި މީހާ ހަމައަކަށް އެޅޭ ކަމަށްވެސް ބުންޏެވެ.
ޖުވޭއަށް ކޮންމެ ކަމެއް ތަޖުރިބާކުރަން ޖެހުނަސް އޭނާގެ ވަރަށް ޚާއްސަ މެސެޖެއް އެބައޮތެވެ. އެއީ ނޫނެކޭ ބުނަންޖެހޭ ތަންތާގައި ނޫނެކޭ ބުނަންކެރުމެވެ. ކޮންމެ ކަމަކަށް އާއެނކޭ ބުނެފި ކަމަށްވާނަމަ ބައެއްފަހަރު ހިތަށްވެސް ނާރާގޮތަށް ކަންތައްތައް ދިމާވެދާނެ ކަމަށް އޭނާ ބުންޏެވެ. “އެހެންވީމާ އާދަކުރަންވީ ހަމައެކަނީ އާއެނކޭ ބުނާކަށްނޫން. ނޫނެކޭ ބުނަންވެސް ދަސްކުރަން އެބަޖެހޭ،” ޖުވޭ ބުންޏެވެ.