English Edition
Dhivehi Edition

ޒުވާން ދުވަސްވަރު ބުރަ މަސައްކަތްކޮށް ދަރިން ރަގަޅު ގޮތުގައި ތަރުބިއްޔަތުކޮށް، ބަލައި ބޮޑުކުރުމަށްފަހު މައިންބަފައިން ހަމަބުރަ މަސައްކަތް ކުރަމުން ދަނީ އުމުރުން ދުވަސްވެ ގައިބާރުދެރަވާ ދުވަހު ލިބޭނެ ހިތްހަމަޖެހުމާއި އުފަލަށް ބަރޯސާވެތިބެގެންނެވެ. ތިމާގެ އާއިލާއަށްޓަކައި އުމުރުގެ ބޮޑުބައި ހޭދަކުރުމަށްފަހު މުސްކުޅިވާ ދުވަހު އަރާމާ އުފަލުގައި ހޭދަކޮށްލުމަކީ ކޮންމެ މީހެއްގެވެސް އުއްމީދުކަން ޔަގީނެވެ.

މި އުއްމީދުތަކާއެކު ސ.ހުޅުދޫ ކުރިކީލަގޭ މުހައްމަދު ރަޝީދު(62)ވެސް މަސައްކަތްކުރަމުން ދިޔައީ އޭނާގެ އާއިލާއަށް ފާގަތި އުފާވެރި މުސްތަގްބަލެއް ހޯދައިދިނުމުގެ ބޭނުމުގައެވެ. ހުޅުދޫގައި ދިރިއުޅެމުން ދިޔަނަމަވެސް ކޮންމެ ދުވަހު ކަނޑު ހުރަސްކޮށް ގަމަށް ދަތުރުކޮށް، ގަމުގައި ވަޒިފާ އަދާކުރަމުންދިޔައީ އެއްވެސް ވަރުބަލިކަމެއް ނެތިއެވެ.40 އަހަރުވީ ކައިވެންޏަށް ލިބިފައިވާ 5 ކުދިން ބޮޑެތިވެ އަމިއްލަ ފައިމައްޗަށް ތެދުވުމާއެކު މުހައްމަދު ރަޝީދަށް ހަމަޖެހުމެއް ލިބިގެން ދިޔަނަމަވެސް އެ ހަމަޖެހުން ދެމި އޮތީ ދާދި މަދު ދުވަސްކޮޅަކަށެވެ. ކުއްލިއަކަށް ބޮލުގައި ރިއްސާ ،ހޮޑުލެވިގެން ހިތަދޫ ހޮސްޕިޓަލްގައި އެޑްމެޓްކޮށް ފަރުވާ ދިނުމަށްފަހު ހާލު ދެރަވެ އިތުރު ފަރުވާއަށް މާލެ ފޮނުވާލި މުހައްމަދު ރަޝިދުގެ ހަޔާތް ބަދަލުވެގެން ދިޔައީ އޭނަގެ ދެކިޑްނީވެސް ހަލާކުވެފައިވާ ކަމުގެ ހިތާމަވެރި ޚަބަރާއެކުގައެވެ.

“ސާކްސަމިޓްގެ ދުވަސްވަރު އަޅުގަނޑު ގަމުގައި މަސައްކަތްކުރަމުން ދިޔައީ ވަރަށް ބުރަކޮށް. ދެން ބުރާސްފަތި ދުވަހު މަސައްކަތް ނިންމާފަ ހުޅުދުއަށް ދިޔައީ. ރޭގަނޑު މަސް ހިފަންވެސް ދިޔައިން. އެއްވެސް ބައްޔެއް ކަމެއްވެސް އޭރަކު ނުވޭ. ހުކުރު ދުވަހުގެ ރޭ ނިދާފަ އޮއްވާ ވަރަށް ގަދައަށް ބޮލުގައި ރިއްސަން ފެށީ. ދެން ވަގުތުން ރަށުގެ ސިއްޙީ މަރުކަޒަށް ގެންދިޔައީ. ސިއްޙި މަރުކަޒުން ވަގުތުން ފޮނުވާލީ ހިތަދޫއަށް.ހިތަދޫ އަށް ދެއްކުމުން އެމީހުން ވަގުތުން މާލެ ފޮނުވާލީ.” 14 އަހަރު ދުވަސްވަންދެން އެއާޕޯޓްގައި މަސައްކަތްކޮށްފައިވާ މުހައްމަދު ރަޝީދް ބުންޏެވެ. އައިޖީއެމްއެޗްގައި ފަރުވާ ހޯދަމުން ދިޔަ އިރު ހޮސްޕިޓަލުން ފިސްޓިއުލާ ލައްވައިގެން ފަރުވާ ކުރިއަށް ގެންދަން ނިންމާފައިވަނިކޮށް ދަންނަ ރަހްމަތްތެރިންގެ ލަފައާއެކު އިންޑިއާއަށް ދިޔައީ ރަގަޅު ފަރުވާ އެއް ހޯދުމުގެ ބޭނުމުގައެވެ

ދެ އަހަރު ދުވަސްވަންދެން ފިސްޓިއުލާ ނުލައްވާ ކޮންމެ އަހަރަކު އިންޑިއާގައި ފަރުވާ ހޯދުމުންދިޔައިރު ކިޑްނީ ވަނީ އެއްކޮށް ފެއިލްވެފައެވެ. “3 ވަނަ އަހަރު ޑޮކްޓަރަށް ދެއްކުމުން ލަފާ ދެއްވީ ފިސްޓިއުލާ ލައްވަން.ކުއްލިއަކަށް ޑައިލަސިސް ހަދަންޖެހުނަސް ހެދެން އޮތީ ލައްވައިގެން ކަމަށް އެމީހުން ދިޔައީ ބުނަމުން” އެހެން ނަމަވެސް އެ ފަހަރު ފިސްޓިއުލާ ނުލެއްވިގެން އުޅެނިކޮށް މާ ބޮޑަށް ބަލިވެ ވަގުތުން އިންޑިއާގެ ކޮސްމޯ ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫއަށް ލާން ޖެހުނު ކަމަށާއި ވަގުތުން ފިސްޓިއުލާ ލައްވާ ޑައިލެސިސް ހަދަން ޖެހުނުކަމަށް މުހައްމަދު ރަޝީދު ބުންޏެވެ.

އެ ދުވަހުން ފެށިގެން ޑައިލެސިސް ހަދަމުންދާތާ މިހާރު ފަސް އަހަރުވެފައިވާއިރު ކުރިން މާލޭގައި ޑައިލެސިސް ހަދަމުން އައި މުހައްމަދު ރަޝީދަށް އައްޑޫއިން ޑައިލެސިސް ގެ ހިދުމަތް ލިބިގެން ދިއުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ކޮންމެ ހަފްތާއަކު 3 ދުވަހު ޑައިލެސިސް ހަދަން ޖެހޭއިރު ހުޅުދޫ އިން ހިތަދޫއަށް ދިއުމަށްޓަކައި ކުރަން ޖެހޭ ދަތުރުގެ ބުރަކަމާއެކު މުހައްމަދު ރަޝީދް އާއި އޭނަގެ އަނބިމީހާވަނީ ދިރިއުޅުން ފޭދޫއަށް ބަދަލުކޮށްފައެވެ.

އެއް ކިޑްނީ މުޅިން ފެއިލްވެފައިވާ އިރު އަނެއް ކިޑްނީގެ ކުޑަ ޕަސަންޓެއް ސަލާމަތުން އިން ކަމަށާއި ކިޑްނީއެއް ލިބިއްޖެނަމަ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން ވަނީ ދެއްވާފައެވެ.

“ވަރަށްފަހުންވެސް ޑޮކްޓަރުވަނީ ކިޑްނީއެއް ލިބިއްޖެއްޔާ ރަގަޅުވާނެކަމުގެ ޔަގީންކަން ދެއްވާފަ. އެމީހުން އެބަ އޮތް ލިޔުމެއްވެސް ދީފަ. މީހާރުވެސް ކިޑްނީ އެއް ހޯދަން ވަރަށް މަސައްކަތްކޮށްފިން. އަޅުގަނޑު އުއްމީދުކުރަނީ އަދިވެސް ކިޑްނީއެއް ލިބޭނެ ކަމަށް. އަޅުގަނޑު އުއްމީދު ކަނޑައެއް ނުލަން އަދިވެސް. ﷲ ގެ ރަހްމަތްފުޅުން އަދިވެސް ފުރިހަމަ ސިއްހަތެއް ދެއްވާތޯ ދުޢާކުރަނީ” އަނބިމީހާއެކު މިހާރު ދިރިއުޅެމުންދާ މުހައްމަދު ރަޝީދު ބުންޏެވެ.

މުހައްމަދު ރަޝީދުގެ މި އުއްމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި މި ވަގުތު އޭނާ ވަނީ ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީތެރިކަމަށް ނުހަނު ބޭނުންވެފައެވެ .އެހީތެރިކަން ފޯރުކޮށް ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 7608342 މި ނަންބަރަށް ގުޅައިގެން ކުރިއަށް ދިއުމަށް ވަނީ އެދިފައެވެ. އަދި ފައިސާގެ އެހީ ދެއްވަން ބޭނުން ފުޅުވާ ފަރާތްތަކުން މުހައްމަދު ރަޝީދުގެ ބީއެމްއެލް އެކައުންޓް 7702303614101 އަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި މުހައްމަދު ރަޝީދަށް ކިޑްނީއެއް ހޯދައި ދިނުމުގައިވެސް ތިޔަ އެންމެހައި ފަރާތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ. އެހީވެވެން ނެތް ފަރާތްތަކުން މުހައްމަދު ރަޝީދަށްޓަކައި ހެޔޮ ދުއާކޮށް ދެއްވާށެވެ. ހަމަ ޔަގީނުންވެސް ﷲގެ މަގުގައި ހޭދަކުރާ އެއްޗަކީ ގެއްލިގެން ދާނެ އެއްޗެއް ނޫނެވެ.