English Edition
Dhivehi Edition

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަންގެ މެންބަރު ކަމުން އަބްދުﷲ މުނާޒު އިސްތިއުފާ ދެއްވައިފި އެވެ.
ޢަބްދުﷲ މުނާޒް އެ މަޤާމުން އިސްތިޢުފާ ދެއްވީ އިއްޔެގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މުނާޒަކީ ސިފައިންގޭގައި ކުރިން ވަރަށް ގިނަ އަހަރުތަކަކު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ފަސްޓް ލެފްޓިނެންޓެއްގެ މަގާމުގައި ހުންނަވަނިކޮށް މުނާޒް ވަނީ ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރައްވާފައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސްގެ ސުޕްރިންޓެންޑެންޓް އޮފް ޕެނިޓެންޝަރީގެ މަގާމަށްވެސް އޭނާ އައްޔަން ކުރެއްވެވިއެވެ.

މައުލުމާތު ލިބޭ ގޮތުގައި ކޮމިޝަންގެ މެންބަރު ކަމުން މުނާޒު އިސްތިއުފާ ދެއްވީ ކޮމިޝަނާ އޮފް ޕޮރިޒަންސްގެ މަގާމަށް މުނާޒު އައްޔަންކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެންނެވެ. ނަމަވެސް މިކަން އަދި ރައީސް އޮފީހުން ޔަގީންކޮށްދީފައެއް ނުވެ އެވެ.

މުނާޒް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ މިހާރު ބަލަމުން އަންނަ މައްސަލަތަކުގެ ލިސްޓެއް އަންނަ ބުރާސްފަތި ދުވަހު އިއުލާނުކުރާނެ ކަމަށް ކޮމިޝަނުން ވިދާޅުވެފައި ވަނިކޮށެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އުފައްދަވާފައިވާ ކޮމިޝަންގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާއި، އާދަމް އިބްރާހީމާއި، ފަރީޝާ އަބްދުﷲގެ އިތުރުން މިސްބާހު އައްބާސް އެވެ.