English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ބޯމަތި ވެއްޖެއެވެ. ކެންޑިޑޭޓުންގެ ވައުދުތަކުގެ އަޑު ގަދަވެއްޖެއެވެ. އައްޑޫސިޓީ ހިތަދޫ މެދުދާއިރާއަށް ކުރިމަތި ލައްވައިފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ޖަމްޝީދާ މުހައްމަދު (މާހު) ގެ އަޑުވެސް މަޑެއް ނޫނެވެ. ޖަމްޝީދާ ވިދާޅުވީ އިންތިޚާބަށްފަހުވެސް ޚިދުމަތް ދިނުމުގައި ވަކި މީހަކަށް، ވަކި ކުލައަކަށް، ވަކި ޕާޓީއަކަށް ނުބައްލަވާނެ ކަމަށެވެ. އައްޑޫ ސިޓގެ ތަރައްގީއަށް ކުރަންޖެހުނު ކޮންމެ ކަމެއްގައި އިސްވެ އިންނަވާނެ ކަމަށެވެ. ތަރައްގީގެ ކޮންމެ މަސައްކަތަކާގެން ކުރިއަށް ވަޑައިގަންނަވަނީ އިޚުލާސްތެރި ކަމާއެކު ކަމުގައި ވިދާޅުވިއެވެ. ޖަމްޝީދާ ވިދާޅުވީ އޭނާއަށް ވޯޓުދޭންޖެހޭ މައިގަނޑު ސަބަބަކީ ދާއިރާ ތަރައްގީ ކުރާނެތީއެވެ. “އަޅުގަނޑަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރާ މީހެއް. މި އައްޑޫ ސިޓީއަށް ތަރައްގީއެއް ގެނެވުނަސް ގެނެވޭނީ ޖަމްޝީދާއަށް ވޯޓުދީގެން،” ވޯޓު ދޭންޖެހޭ ސަބަބު އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް ލާމަރުކަޒީ ނިޒާމް ތައާރަފްވެ އައްޑޫ ސިޓީ ކައުންސިލަށް ލިބިގެންދިޔަ ބާރުގެ ދަށުން ސިޓީގެ ތަރައްގީއަށް މަސައްކަތް ކުރެވުނު ކަމަށެވެ. އެހެންނަމަވެސް އެބާރު މިހާރު ކައުންސިލަށް ނެތެވެ. “އެހެންކަމުން އެބާރު އަލުން ހޯދުމަށްޓަކައިވެސް ޖަމްޝީދާއަށް ވޯޓު ދޭންޖެހޭ. އަދި އަޅުގަނޑަކީ އަންހެނަކަށްވެފައި އަންހެނުންގެ ކުރިއެރުމަށް ނިހާޔަތަށް މަސައްކަތް ކުރާ މިހާކަށް މި އަންހެންމީހާވާނެ. އެހެންވީމާ ދާއިރާގެ ރައްޔިތުންގެ ވޯޓުން އަޅުގަނޑު ކައުންސިލަށް އިންތިޚާބު ކުރަން އެބަޖެހޭ،” އޭނާ ވިދާޅުވިއެވެ. ޖަމްޝީދާއަކީ މިހާރުވެސް އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ އެވެ. ރައީސާއަކަށް އިންނަވައިގެން އެއްވެސް ކުލައަކަށް ޕާޓީއަކަށް ބަލައިގެން މަސައްކަތް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. “އަންހެނުން ބިނާކުރުމުގައި އެއްވެސް ތަފާތުކަމެއް ނޯންނާނެ ގެންގުޅެފައެއް. ސިޓީގައި ތިބި އަންހެންވެރިން އެކި ދާއިރާއިން ތަރައްގީ ކުރަން އެބަޖެހޭ. އެހެންވީމާ ސިޓީ ކައުންސިލަށް އަންހެނަކު އަންނަން އެބަޖެހޭ. އެއީ އަޅުގަނޑު. އަޅުގަނޑަށް ކައުންސިލަށް ވަދެވޭނީ މެދު ދާއިރާގެ ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވައިގެން،” އޭނާ ވިދާޅުވިއެވެ. ޖަމްޝީދާގެ އުންމީދުތައް ގިނައެވެ. ސިޓީގެ ތަރައްގީއަށް ކުރަން ބޭނުންވާ ކަންކަން ކަރުދާހަށް އޮއްސާލުމަށްޓަކައި އޭނާ ތައްޔާރެވެ. ފާއިތުވި 3 އަހަރު އައްޑޫއަށް ނުލިބުނު ތަރައްގީ ހޯދައިދިނުމަށް ސިޓީކައުންސިލް މެދުވެރިކޮށް މަސައްކަތް ކުރަން އޭނާ އިންނެވީ ކެތްމަދުވެފައެވެ. ޖަމްޝީދާ އަމިއްލައަށް ގަބޫލު ކުރައްވާ ގޮތުގައި އޭނާއަކީ ހިތަދޫ މެދުދާއިރާއަށް ކުރިމަތި ލައްވައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ކެންޑިޑޭޓެވެ. ކައުންސިލަށް އިންތިޚާބު ވެއްޖެ ކަމަށްވާނަމަ “ކެރިންގެން ސާބިތުކަމާއެކީ…..” ޚިދުމަތް ކޮށްދެއްވުމަކީ އޭނާގެ މޮޓޯއެވެ.