ރާއްޖޭގެ ރައްކައުތެރިކަމާއި އަމާންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމަކަށް ދިވެހި ސިފައިންނާއި ފުލުހުން ޖާގައެއް ނުދެއްވާނެ ކަމަށް ހޯމްމިނިސްޓަރ އަޒުލީން އަހުމަދު ވިދާޅުވެއްޖެއެވެ. މީޑިއާއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިދުވަސްވަރަކީ މާލޭގައި މަރާމާރީއާއި ތޫނު އެއްޗެހިން މީހުންނަށް ހަމަލާދެމުންދާ ދުވަސްވަރެއް ކަމަށެވެ. އެފަދަ ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނާއި ސިފައިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް އަޒުލީން ވިދާޅުވިއެވެ. މީހުންމެރުން ފަދަ ލާއިންސާނީ އަމަލުތައް ހިންގުމަށްފަހު ފިލައި ތިބޭ މީހުން ހޯދުމަށް ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކުން ކުރާ މަސައްކަތަކަށް އާންމުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެފަދަ އަމަލު ހިންގުމަށްފަހު އެމީހުން ފިލައިތިބޭ ތަންތަން އެނގޭ މީހުން އެކަންކަން ސިއްރު ކުރުމުގެ ބަދަލުގައި އެކަން ކަމާބެހޭ ފަރާތްތަކާ ހިއްސާ ކުރުމަކީ މަސައްކަތަށް ލިބޭނެ ވަރަށްބޮޑު އެއްބާރުލުމެއް ކަމަށްވެސް ވިދާޅުވިއެވެ. މީހުންނަށް ތޫނުއެއްޗެހިން ހަމަލާ ދިނުމާއި މާރާމާރީ ހިންގުން ފަދަ ކަންކަން ހުއްޓުވޭނީ އާންމުންނާއި ސިޔާސީ ފަރާތްތަކާއި އަދި ސަރުކާރުގެ މުއައްސަސާތައްވެސް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށްއޮތް ތަނުގައި އެހުރިހާ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ހޯމްމިނިސްޓަރ ވިދާޅުވިއެވެ.