English Edition
Dhivehi Edition

މިއަހަރުގެ ރިޔާސީ އިންތިޙާބަށް ވާދަ ކުރައްވާނެ ކަމަށް ޢިއުލާން ކުރައްވާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެންޕޭން ޙަރަކާތް ތަކުގެ ތެރެއިން “ޖަޒީރާ ރާއްޖެ އައްޑޫސިޓީ- މާލެ” ގެ ނަމުގައި ރޭ ޖަގަހައެއް ހުުޅުވައިފި އެވެ.

ހ. ތަނޑި ރަތްމާގޭގައި ހުޅުވި ޖަގަހަ ހުޅުއްވައި ދެއްވީ ޤާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައީބް އަލްއުސްތާދު ހުސްނު ސުޢޫދެވެ. ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި އެމްޑީޕީގެ މެމްބަރުންނާއި އެމްޑީޕީގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އަދި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރުކަން ކުރެއްވި އަމީންފައިސަލް ވެސް ބައިވެރި ވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުސްނުސުއޫދު ވިދާޅުވީ އެމްޑީޕީއިން މިހާރު އެމްޑީޕީއިން ހުއްޓުމެއް ނެތި ފަށާފައިވަނީ ވަރަށްވެސް ބޮޑު މަސައްކަތެއްކަމަށެވެ. އެ މަސައްކަތަކީ މިހާރުގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލްކުރުން ކަމަށާއި އެކަމުގައި މައިގަނޑު ތިން ސަބަބެއް ވާކަމަށެވެ. އެތިންސަބަބަކީ އަނިޔާވެރިކަން ނައްތާލުމާއި އަދުލު އިންސާފް ގެއްލިފައި އޮތުމާއި އިންތިހާޔަށް ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެފައިވާތި މިކަންކަން ހުއްޓުވުމެވެ.

ރޭގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަކީ ހިސޯރު ކޮށްފައިވާ މުއައްސަސާތަކުން ބާއްވާ ރިޔާސީ އިންތިޙާބެއް ކަމަށާއި މިނިވަންކަމުގެ ނަމުގައި ޢުލާމުން ތިބި މިނިވަން މުއައްސަސާތަކެއްގެ ދަށުން އިންތިހާބް ބާއްވަން ޖެހުމުން އެތައްބައިވަރު ދަތިތަކާއި ގޮންޖެހުން ކުރިމަތި ވެފައި ވާކަމަށެވެ.

ނަޝީދު އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރިނަމަވެސް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ބަންދުވެފަ އި ވީނަމަ ވެސް އެމަނިކުފަނު ދަނީ ހުއްޓުމެއްނެތި ކެމްޕޭންގެ ހަރަކާތް ތައް ކުރިޔަށް ގެންދަވަމުންނެވެ.