English Edition
Dhivehi Edition

އަހަންނަކީ ކަށިނެތް ފިނިފެންމަލެކެވެ. މިހެން އަހަންނަށް ބުނެވޭނެ ކިތަންމެ ފަހަރެއް ވެސް މިހާރު ހަޔާތުން އަތުވެއްޖެއެވެ. މައްސަލައަކީ އަހަންނަށް ނޫނެކޭ ބުނަން ނޭނގޭ ކަމެވެ. ނުކެރޭކަމެވެ. އަމުދުން މައިންބަފައިންގެ ކުރިމަތީގައވެ. އަހަރެން އަރަބިއްޔާގައި ކިޔަވާ ނިމުމުން މައިންބަފައިން ބޭނުންވީ އަހަރެން މީހަކާ ދެވުމަށެވެ. ވަޒީފާއަކަށް ފޮނުވާކަށް ގަބޫލެއް ނުވިއެވެ. އަންހެން ކުއްޖެއް ވީމައެވެ. ވަޒީފާތަކަށް ދިއުމުން އުޅުން ގޯސްވެދާނެތީއެވެ. ބޯހަރުވެ ބަސްނާހަފާނެތީއެވެ. “އަންހެނުންގެ މަގާމަކީ ގޭގެ ހަތަރުފާނުން އެތެރެ.” ބައްޕަ ބުނުއްވިއެވެ. “ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރެވޭނީ ދަރިން މަންމަ ގާތު ތިބީމަ.” ބައްޕައަކީ ހެޔޮލަފާ އަޅުވެރި ތަންދޮރު ދަންނަ މީހެއްކަމަށް އަހަރެން އަބަދުވެސް ގަބޫލު ކުރަމެވެ. ބައްޕަ އަހަންނަށް ދެރަގޮތަކަށް ކަމެއް ނުކުރައްވާނެއެވެ. އަހަންނަކަށް ނޫނޭކޭ ބުނާކަށް ނުކެރުނެވެ. ބައްޕަ އެބުނުއްވީ ރަނގަޅު އެއްޗެއް ނޫނެކޭ އަހަރެން ބުނާކަށް ނެތީމެވެ. މައްސަލައަކީ އަހަރެން އަދި މީހަކާ އިންނަން ބޭނުން ނޫންކަމެވެ. އަމުދުން ދަރިޔަކު ހޯދަން ބޭނުން ނޫން ކަމެވެ. މިހާ އަވަހަށެވެ. އެކަމަކު ބައްޕަގެ ކުރިމަތީގައި ނޫނެކޭ ބުނާކަށް ވެސް ނުކެރުނެވެ. ބައްޕަ މީހަކު ގެނަސްފިއެވެ. އެއީ ބައްޕަ ދަންނަ މީހެކެވެ. ބައްޕަ އުޅުއްވާ ފިހާރައިގައި އުޅޭ މީހެކެވެ. އިސްކޮޅުން ކުރަކަސް ހުތުރެއް ނޫނެވެ. އުމުރުން ތިރީހާ ކާރިވެފައިވާ މީހެކެވެ. ހިސާބަކަށް އިސްތަށިގަނޑު ތުނިވާން ފަށާފައިވީ ނަމަވެސް ނިތްކުރިމަތީ ހުންނަ އައިނުން އެކަން ފޮރުވިފައިވެއެވެ. ބައްޕަ ބުނުއްވި ގޮތުން އޭނައަކީ އަވަދިނެތި މަސައްކަތުގައި އުޅޭ ހީވާގި މީހެކެވެ. އަހަރެން ބުނާނީ ކީކޭހެއްޔެވެ؟ ބައްޕަ ބުނުއްވި ކަމެއް ކުރުން ނޫން ގޮތެއް އަހަންނަށް އޮންނާނެ ހެއްޔެވެ؟ ފެށުނީއްސުރެންވެސް އަހަރެން މީ ކިޔަމަންތެރިކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ބައްޕަމެން އެއްފަހަރުވެސް އަހަރެން ހިތްއެދޭ މީހަކު ހުރިތޯއެއް ނާހައެވެ. އެހި ނަމަވެސް ބުނަންވެސް ނުކެރުނީއެވެ. އެއީ އަހަރެން އަރަބިއްޔާގައި އުޅުނު އިރު އެއް ކްލާހެއްގައި އުޅުނު ކުއްޖެކެވެ. އޭރު ދެމީހުންވެސް އަދި ކުޑައެވެ. އެކަމަކު އެކުއްޖާއަށް ވަނީ އަހަރެންގެ ހިތް ދެވިފައެވެ. އަހަރުމެން ދެމީހުންގެ ގުޅުމަކީ ހިތުގެ ވަރަށް ފުނުގައި އޮތް ގުޅުމެކެވެ. އެހެނަސް އަހަރުމެންނަކަށް ފާޅުގައި ބައްދަލުވެ އެ ޝުއޫރު ފާޅު ކުރެވިފައެއް ނުވެއެވެ. އެންމެ ކުޑަމިނުން ފޯނުކޮށް ވާހަކަ ދައްކާލެވިފައެއް ވެސް ނުވެއެވެ. އެކަމަކު ދެމީހުން ވަނީ އެކަކު އަނެކަކަށްޓަކައި ފިދާވެފައެވެ. ބައްޕަމެން އިސާހިތަކު އަހަރެންނާ އަދުނާނުގެ ކާވެނި ކުރުވާ ދީފިއެވެ. އަދުނާނަކީ މަޖާ މިޒާޖެއްގެ ވެރިއެކެވެ. އެހެންކަމާއެކު އޭނާގެ ފަރާތުން މާކަބޮޑު ހިތްހަމަ ނުޖެހުންތަކެއް އުފުލާކަށް ނުޖައްސައެވެ. އަހަރުމެން އުޅެމުން ދިޔައީ އޭނާ ކުއްޔަށް ހިފާފައި ހުންނަ ފުލެޓެއްގެ ކޮޓަރިއެއްގައެވެ. އެއީ ދެކޮޓަރީގެ ތަނެކެވެ. އަނެއް ކޮޓަރީގައި އުޅެނީ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ އައިސް އުޅެނީ މަދު ފަހަރަކު ކަމުން އެފުލެޓުގައި މުޅިންވެސް އުޅެނީ އަދުނާނާއި އަހަރެން އެކަންޏެވެ. އަދުނާނު އަހަންނަށް ނިކަން ހެވެވެ. އަހަރެން ބޭނުންހާ އެއްޗެއް ގެނަސްދީ އަހަރެންގެ ހިތް އުފާ ކޮށްދޭން މަސައްކަތް ކުރެއެވެ. އަހަރެން ގޮވައިގެން ބޭރަށް ގޮސްހަދައެވެ. އޭނާގެ ރައްޓެހިންނަށް އަހަރެން ތައާރަފު ކޮށްދީ ރައްޓެހި ކުރުވައެވެ. ބޭރުން ފެންނަ އިރު އަހަރުމެންނަކީ އުފާވެރި ދިރިއުޅުމެއް އުޅެމުންގެންދާ ދެމަފިރިއެއް ކަމުގައި ފެނުނު ނަމަވެސް އަހަރެންގެ ހިތަކާ އަދުނާނަކާ ނުވެއެވެ. ނިދަނީ އެއް އެނދެއްގައި ނަމަވެސް މަދުފަހަރަކު ނޫނީ ދެމަފިރީންގެ ގޮތުގައި ގުޅުމެއް ނުބޭއްވެއެވެ. އެއީ އަހަރެން އެންމެ އެދޭ ގޮތް ވެސް މެއެވެ. އެއީ އަހަރެންނަށް ހިތުގެ އަޑީން އަދުނާނު ދެކެ ލޯބި ނުވެވޭތީ ކަމަށް ވެސް ވެދާނެއެވެ. އަމުދުން އަދުނާނުގެ ދަރިޔަކު ބޭނުންނުވާތީ ކަމަށްވެސް ވެދާނެއެވެ. އަދުނާނު ގެޔަށް އަންނަ އިރު އަހަރެން ގޭގައި އުޅެނިކޮށް އޭނާއަށް ހެވެވެ. ފިހާރަ ލައްޕާފައި ގިނަރޭރޭ އޭނާ ގެޔަށް އަންނާނީ ވަރަށް ލަސްވާފަހުންނެވެ. މަދު ފަހަރަކު ނޫނީ ގެޔަކުން ނުވެސް ނުކާނެއެވެ. ގިނަ ރޭރޭ އޭނާ އަންނަ އިރު އަހަރެން އޮންނާނީ ނިދާފައިވެސް މެއެވެ. މިހެން ކަންތައް ހުރި ނަމަވެސް އަދުނާނުގެ ރައްޓެހިންގެ ގާތުގައި އަހަންނަށް ވަރަށް ތާރީފު ކުރާނެއެވެ. އަހަންނަކީ ވަރަށް ގެވެހި ކިޔަމަންތެރި ވަފާތެރި އަންހެނެކޭ ވެސް ބުނާނެއެވެ. އެއީ އަހަރެން އޭނާއަށް ކާން ހަދައިދީ ސައި ހަދައި ދޭތީ ކަމަށްވެސް ވެދާނެއެވެ. އެއްޗެހި ދޮވެ އިސްތިރި ކޮށް މިބާވަތުގެ ހުރިހާ ކަމެއް ބަރާބަރަށް ކޮށްދޭތީ ކަމަށް ވެސް ވެދާނެއެވެ. އޭނާއާއެކު ބޭރަށް ނުކުމެލާ ސައިކަލުގައި ބުރުޖަހައިލާ ގާޑިޔާ ދޮށަށް ގޮސް ކުރުނބާ ބޮއިލާ މިކަހަލަ ހުރިހާ ކަމެއްގައި އަހަރެން އަދުނާނަށް އެއްބާރުލުން ދޭތީ ކަމަށްވެސް ވެދާނެއެވެ. އަހަރެން ދުވާލުގެ ވަގުތުގައި އުޅެނީ މައިފުނަ ގޭގައެވެ. ކޮއްކޮމެންނާއެކު ސަކަރާތް ޖަހައި މަޖާކުރާށެވެ. އެހެންކަމުން ގޭ މީހުންނަށް ފެންނާނީ އަހަރެންގެ ދިރިއުޅުން ވަރަށްވެސް އުފާވެރި ކަމަށެވެ. އެމީހުން އެންމެ އުންމީދު ކުރަނީ އަހަންނަށް ދަރިޔަކު ލިބޭނެ ދުވަހަކަށެވެ. އެކަމަކު އަހަރެން ދަރިޔަކު ބޭނުންވަނީ ލޯތްބާއެކު ލިބޭނެ ނަމައެވެ. ދުވަސްތައް ފާއިތުވެ ދިޔަ ނަމަވެސް އަހަރެން އަދުނާނު ދެކެ ހަމަ އެއްގޮތަކަށް ލޯތްބެއް ނުވިއެވެ. ކިތަންމެ ވަރަކަށް ލޯބިވާން އުޅުނަސް އަހަރެންނަށް ހަމަ ފޫހިވެވެނީއެވެ. މިވާގޮތެއް އަހަރެންގެ ނަފްސާ ސުވާލުކޮށްވެސް އޮޅުމެއް ނުފިލިއެވެ. އަހަރެން އަދުނާނު ނޫން މީހަކާއެކު އެކަހަލަ ގާތްކަމެއް ބޭއްވީވެސް ނޫނެވެ. އަހަރެން ހިތަށް އަރައެވެ. ލޯބިނުވެ އިނދެގެން އުޅޭ އެހެން މީހުންނަށް ވެސް ކުރެވޭނީ އަހަންނަށް މިކުރެވޭ ކަހަލަ އިހްސާސްތަކެއް ބާއެވެ. މިކަންތަކާ އަހަރެން ކިތަންމެ ވިސްނިޔަސް މިވާ ގޮތްތަކެއް ބަދަލެއް ނުކުރެވެއެވެ. އަހަރެން އަދުނާނަކަށް އަހަރެންގެ ހިތުގެ އިހްސާސްތަކެއް ނާންގަމެވެ. އަހަރެން އުޅެމުން ދިޔައީ ވަރަށް އުފަލުން އުޅޭކަން ބޭރުފުށުން ދައްކަމުންނެވެ. އަހަންނަކީ ރީތި ކުއްޖެއްކަމަކަށް އަހަރެން ނުދެކެމެވެ. އަހަރެން އަދުނާނާ ބަލާއިރު ތަންކޮޅެއް އިސްކޮޅުން ދިގެވެ. އެއީ އަހަރެންގެ ފަތިހަށި ކަމުން ހީވާގޮތް ކަމަށްވެސް ވެދާނެއެވެ. ކިޔަވަން އުޅުނު އިރު ފިރިހެން ކުދިން ރީއްޗޭ ރީއްޗޭ ކިޔައި ހެދިއެވެ. އެކަމަކަށް އަހަރެން ސަމާލުކަމެއް ނުދެމެވެ. އަހަރެން ރީތިވާކަށް އެއް އިރެއްގާވެސް ނޫޅެމެވެ. މޭކަޕެއްކޮށް އެކަހަލަ ކަމެއް މައިންބަފައިން ވިޔަކަ ނުދޭނެއެވެ. އަހަރެން ހުންނަނީ ވަރަށް ކުޑައިރުއްސުރެން ނިވާކަން ބޮޑު ހެދުންތައް އަޅުވައިފައެވެ. ވިޔަސް މަގުމަތިން ފިރިހެނުންގެ ބެލުންތައް އަހަންނަށް އަމާޒުވާކަން އަބަދުވެސް އަހަންނަށް އެނގެއެވެ. ރަގީބު ރިސޯޓުން އަންނަ ރޭރޭ އަހަރެން އެކަނި އުޅޭ ވަގުތެއް ނަމަ ވަރަކަށް ބަލާނެއެވެ. ހީވާނީ އަހަރެންގެ އެތެރެހަށި ފޫ އަޅުވައިލާހެންނެވެ. އަހަރެން މިވާހަކަ އަދުނާނު ގާތުގައި ވެސް ބުނީމެވެ. އެހެންނަމަވެސް އޭނާ ޖަހައިލީ ހިނިގަނޑެވެ. “ރީތި ކުދިންނާ ދިމާއަށް ފިރިހެނުން ނުބަލާނެ ގޮތެއް ވެސް ނުހެދޭނެ.” އޭނާ ބުންޏެވެ. ރަގީބުއާއި އަދުނާނަކީ ބަޑީންނެވެ. އޭނާ ގޭގައި އުޅޭނަމަ އަދުނާނު ގިނައިރު އިންނާނީ އޭނާގެ ކޮޓަރީގައެވެ. ދެމީހުން ތިބޭނީ ކޮމްޕިއުޓަރުން ކޮންމެވެސް ގޭމެއް ކުޅޭށެވެ. ނުވަތަ ފިލްމެއް ބަލާށެވެ. އަހަރެމެންގެ ކޮޓަރީގައިވެސް ލެޕްޓޮޕެއް ހުރެއެވެ. އެކަމަކު އަހަރެން އޭގެ ބޭނުމެއް ނުކުރަމެވެ. އަހަރެންނަކީ ޗެޓް ކުރާ މީހެއް ނޫންވީމައެވެ. އަދުނާނު އަހަރެންނަށް ފޭސްބުކް އެކައުންޓެއް ހުޅުވައިވެސް ދިނެވެ. އަހަރެން އެއަކަށްވެސް ނުވަންނަމެވެ. އަހަރެން ޓީވީ ބަލާހިތެއް ވެސް ނުވެވެ. އަހަރެންގެ ގޭގައި އަހަރެން ކުޑައިރު ޓީވީއެއް ހުރިނަމަވެސް އެހުޅުވާނީ ޚަބަރުގަޑީގައި އެކަންޏެވެ. މިހާރު އަހަރެން ޚަބަރެއްވެސް ނުބަލަމެވެ. ބަލާހިތްވާ ކަހަލަ ޚަބަރެއް ނުވެސް ހުރެއެވެ. އަދުނާނު އަހާނެއެވެ. “ޒިލްނާ ދެން ހަމަ ފޫއްސެއްވެސް ނުވޭތަ؟” “ފޫހިވޭ.” އަހަރެން ބުނަމެވެ.” ކިތަންމެ ވަރަކަށް ވެސް ވޭ.” އެކަމަކު އަހަރެން މިބުނާ އެއްޗެއްގެ މާނައެއް އޭނާއަކަށް ނޭނގޭނެއެވެ. އެއީ އަވިގަދަ ދުވަހެކެވެ. އަހަރެން ހުރީ ބަދިގޭ ތެރޭގައި ސޭންޑްވިޗެއް ހަދާށެވެ. އޭރު ދިހައެއް ޖަހަން ކައިރިވެއްޖެއެވެ. އަދުނާނު ބުނެފައި އޮންނަނީ ރަގީބު ރަށުގައި އުޅޭނަމަ އޭނާއަށް ހެނދުނު ސައި ހަދައި ދިނުމަށެވެ. ރަގީބު މުޅިރޭގަނޑު އުޅޭނީ ހޭލައެވެ. ގިނަ ދުވަސްދުވަހު ތެދުވާނީވެސް މެންދުރުން އަނބުރާ ފަހުންނެވެ. އެހެންކަމުން އަދި އެއަކީ އޭނާއަށް އެއްޗެއް ތައްޔާރުކޮށްދޭން ލަސް ގަޑިއެއް ވެސް ނޫނެވެ. އަހަރެން އެކަމުގައި އުޅެނިކޮށް ރަގީބު ޖަހައިއުޅޭ ޖޯވަން ސެންޓުގެ ވަސް އަހަރެންގެ ނޭފަތުގައި ޖެހިއްޖެއެވެ. އެއީ އަހަންނަން ނިކަން އުނދަގޫވާ ވަހެއްވެސް މެއެވެ. އަދި އެއެއްވެސް ނޫނެވެ. އޭނާގެ ނޭވާގެ ހޫނުކަން އަހަރެންގެ ކަނދުރާގައި ބީހޭހެންވެސް ހީވެއްޖެއެވެ. އަހަރެން އެނބުރިލާން އުޅުނުވަގުތު އޭނާގެ ގައިގައި އަހަރެން ޖެހިފައިވާކަން އިހުސާސްވިއެވެ. ހަމަ ކުއްލިއަކަށް އަހަރެން ބިންމަތިން ކެނޑިގެން ދިޔައެވެ. އޭރު އަހަރެންނަށް އޮވެވުނީ ރަގީބުގެ ކޮނޑުމަތީގައެވެ. އޭނާގެ ބާރުގަދަ އަތުގެ ތެރޭގައެވެ. އަހަރެންގެ އަނގައިން ހަޅޭކެއް ނުކުތެވެ. އެކަމަކު އެއަޑު ވަށައިގެން އިވޭ ޓީވީތަކާއި އެހެނިހެން އަޑުފަށްގަނޑަށް ވުރެން ގަދައެއް ނުވިއެވެ. އޭނާ އަހަރެން ކޮނޑަށް ލައިގެން ގޮސް އޭނާގެ ކޮޓަރިތެރެއަށް ގެންގޮސްފިއެވެ. -ނުނިމޭ-