ފުލުހުންނަށް ޕްރޮމޯޝަން(މަޤާމުގެ ކުރިއެރުން) ދިނުމަށް މިހާރު އަމަލު ކުރަމުންދާ ޤަވައިދުގައި ހިމަނާފައިވާ ޝަރުތުތަކުގެ އިތުރަށް ބައެއް އެހެން ޝަރުތުތައް ހިމަނައި އާ ޤަވައިދަކަށް އަމަލު ކުރަން ނިންމައިފިއެވެ.
ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާޢިއު ކުރައްވާފައިވާ އާ ޤަވައިދުގައި ބުނާ ގޮތުން، ހުރިހާ ރޭންކެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދިނުމަށް މިހާރު ކަނޑައަޅާފައިވާ ޤަވައިދުގައި ހިމަނާފައިވާ ކަންތައްތަކުގެ އިތުރުން އެންމެފަހުން އެ ފުލުހަކު ސުޕަވައިޒުކުރި ތިން ސުޕަވައިޒަރުން، އެ ފުލުހެއްގެ މަސައްކަތުގެ އަޚުލާޤަށާއި، ސީނިއަރ ފުލުހެއްގެ ގައިގައި ހުންނަންޖެހޭ އަސާސީ ސިފަތައް ހުރި މިންވަރާއި، ފުލުހުންގެ ޚިދުމަތުގައި ކޮށްފައިވާ ބޮޑެތި ޚާއްޞަ މަސައްކަތްތަކަށާއި ހޯދާފައިވާ ކާމިޔާބީޔައް ފާހަގަކޮށް ރިޕޯރޓެއް އެކުލަވައިލާން ޖެހޭނެއެވެ.
އަލަށް ގެނައި އިސްލާހްގައި ބުނާ ގޮތުން ޕްރޮމޯޝަން ދިނުމުގައި މިހާރު ބަލާ ޝަރުތުތައް ހަމަވުމުގެ އިތުރުން ސްޕަވައިޒަރުން އެކުލަވާ ރިޕޯޓަށް ބޯޑުންރިޢާޔަތް ކުރަންވާނެއެވެ.
އަލަށް ގެނައި މިއިސްލާހްގައި އިތުރަށް ބުނެފައި ވަނީ ޝަރުތުތަކުގެ އިތުރުން ފުލުހުން ހިންގާ ބައެއް ލީޑާޝިޕް ޕްރޮގްރާމްތައް ފުރިހަމަ ކޮށްފައިވުން ޕްރޮމޯޝަން ލިބުމުގެ ޝަރުތެއްގެ ގޮތުގައި ބެލެވޭނެ ކަމަށެއެވެ.
ފުލުހުންނަށް މަޤާމުގެ ކުރިއެރުން ދިނުމުގައި އަލަށް ގެނެވުނު އިސްލާހަށް އަމަލުކުރަން ފަށަނީ 1 އޭޕްރީލް 2018އިން ފެށިގެންނެވެ.