مأمون عبدالقيوم
/بركات ތެރި رمضان މަސް ފާއިތުވަމުން ގޮސް މިހާރު އަޅުގަނޑުމެން ވޭތުކުރަމުން މިގެންދަނީ، އެމަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތަކެވެ. އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ﷲ سبحانه وتعالى ކީރިތި قرآن ބާވައިލައްވަން ފެށްޓެވީ، رمضان މަހުގެ ފަހުދިހައިގެ ރޭތަކުގެތެރެއިން ރެއެއްގައިކަމަށް ގިނަ علم ވެރިން ވިދާޅުވެފައިވެއެވެ.
ކީރިތި قرآن ބާވައިލައްވަން ފެށްޓެވި ރެޔަކީ، ليلة القدر ވިލޭރޭކަމަށާއި އެރެޔަކީ، އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު ރެއެއް ކަމަށް القدر سورة ގައި وحى ކުރައްވާފައި ވެއެވެ. رمضان މަހުގެ ދުވަސްތައް إنسان ންނަށްޓަކައި ލައްވާފައިވާ ގޮތް بيان ކުރައްވައި ކީރިތި ރަސޫލާ حديث ކުރެއްވިއެވެ. [ أَوَّلُهُ رَحْمَةٌ ، وَ اَوسَطُهُ مَغْفِرَةٌ ، وآخِرُهُ عِتْقٌ مِنَ النّارِ] މާނައީ: [އެމަހުގެ ފުރަތަމަ ދިހައިގައިވަނީ رحمة ތެވެ. މެދުދިހައިގައިވަނީ ފާފަފުއްސެވުމެވެ. ފަހު ދިހައިގައިވަނީ، ނަރަކައިން މުއްތިކުރެއްވުމެވެ.]
މިމަހުގެ ފަހު ދިހައިގެ ދުވަސް ތަކާއި ރޭތައް އެންމެ ފުރިހަމަ ގޮތުގައި ލިބި ގަތުމަށް މަސައްކަތް ކުރަންވީ ގޮތް މާތް ރަސޫލާގެ ބަސްފުޅު ތަކުންނާއި عمل ފުޅުތަކުން ދައްކަވާފައި ވެއެވެ. އެކަލޭގެފާނު، ފަހު ދިހައިގެ ތެރޭގައި، ވަރަށް خاصّ ގޮތެއްގައި ހެޔޮ ކަންތައް ކުރެއްވުމުގައި ދެމިހުންނެވިއެވެ. ގިނަގިނައިން قرآن ކިޔަވައި ވިދާޅުވިއެވެ. ގިނަގިނައިން صدقات ދެއްވައި، ނިކަމެތީންނަށް އެހީވެ ވަޑައިގެންނެވިއެވެ. ރޭ އަޅުކަން ކުރެއްވުން ގިނަ ކުރެއްވިއެވެ. اعتكاف ކުރެއްވިއެވެ. އަދި އެކަލޭގެފާނުންގެ އަހުލުބައިތުން ހެޔޮކަންތައް ކުރެއްވުމަށް ބާރު އެޅުއްވިއެވެ.
އެހެންކަމުން، ކީތިރި ރަސޫލާ ނަމޫނާއެއް ކަމުގައި ބަލައިގެން، އެކަލޭގެފާނު ދައްކަވާ ފައިވާ މަގަށް އަޅުގަނޑުމެންގެ عمل ތައް ސީދާ ކޮށްފިނަމަ، އަޅުގަނޑުމެންނަކީ، މާތްﷲގެ ރުއްސެވުމާއި ގިނަގުނަ رحمة ލިބެނިވި ބަޔަކަށްވާނެ ކަމާމެދު ޝައްކެއް ނެތެވެ.