އެސްއެމްއީ ޑިޖިޓަލްއިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ފައިނޭންސަށް ބަދަލުކުރުމަށް ހާއްސަ އޯޕަންޑޭއެއް މިމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމައިފިއެވެ.
މި ހަރަކާތް ކުރިއަށްދާނީ ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗުގައި ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ. މި އޯޕަންޑޭގެ މައިގަނޑު މަގުސަދަކީ ކޮންވެންޝަނަލް ލޯނުތައް ޝަރީއާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށް ވަގުތުން ބަދަލުކުރުމުގެ އިންތިޒާމު ފަހިކޮށްދިނުމެވެ. އަދި މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ އޮފާތައް ފޮނުވާފައެވެ.
މި ހަރަކާތުގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ޓީމުގެ އެހީތެރިކަމާއެކު، ކަސްޓަމަރުންނަށް ލިބިފައިވާ އޮފާތައް ބަލައި މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އޮފާ ގަބޫލުކުރާ ފަރާތްތަކަށް އާ އެއްބަސްވުމުގައި ސޮއިކޮށް، ރީފައިނޭންސް ކުރުމުގެ މަރުހަލާ އެ ދުވަހު ނިންމާލެވޭނެއެވެ. މިކަމަށް އަންނައިރު އައިޑެންޓިފިކޭޝަން ކަށަވަރުކުރުމަށް އައިޑީ ކާޑު ގެންނަންޖެހޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ލޯނުތައް އިސްލާމިކް ފައިނޭންސަށް ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުންޏެވެ. އޭގެ ތެރޭގައި އިސްލާމީ އުސޫލުން އާ ފެސިލިޓީއެއް އެކުލަވާލުމާއި، ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބި، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން ހިމެނެއެވެ.
މީގެއިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އާ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް 6 މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅުކުރުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ ސަބަބުން ކުރިމަގުގައި އިތުރު ފައިނޭންސިން ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މި ބަދަލަކީ އެސްއެމްއީ ޑިޖިޓަލްއަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.