English Edition
Dhivehi Edition

ލޮލުގެ ސިއްހީ ހިދުމަތަކީ މުޅި މުޖުތަމައުއަށް ފަސޭހަކަމާއެކު ލިބިގަނެވޭނެ ހިދުމަތަކަށް ހެދުމަށާއި، ދުޅަހެޔޮ ލޮލުގެ ސިއްހަތަށް ހޭލުންތެރިކުރުމަށް އައިކެއަރ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކެއަރ ސޮސައިޓީގެ ބައިވެރިންނަށް ލޮލުގެ ފެނުން ޗެކްކޮށްދިނުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގައިފިއެވެ.

ކެއަރ ސޮސައިޓީން އަހަރީކޮށް ބާއްވާ ހެލްތު ސްކްރީނިން އިވެންޓަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެ ސޮސައިޓީގެ އިމާރާތުގައި ކުރިއަށް ގެންދިޔަ މި ހިލޭ ސްކްރީނިން ޕްރޮގްރާމްގައި، ތަފާތު ގޮތްގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 50 ބައިވެރިން ބައިވެރިވިކަމަށް އައިކެއަރ އިން ވަނީ ބުނެފައެވެ.

އައިކެއަރ އިން ބުނީ މި ޕްރޮގްރާމްގެ މަގްސަދަކީ ލޮލުގެ ފެނުމާ ގުޅޭ މައްސަލަތައް ކުރީބައިގައި ދެނެގަނެ، ލޮލުގެ ސިއްހަތު ރަނގަޅަށް ބެހެއްޓޭނެ ގޮތްތަކާ ބެހޭ ލަފާ ދިނުން ކަމަށެވެ. އައިކެއަރގެ އޮޕްޓޮމެޓްރިސްޓުންގެ ޓީމުން ބައިވެރިންގެ ލޮލުގެ ފެނުމުގެ އަސާސީ ޓެސްޓުތައް ހަދައި، އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް ލަފާ ދީފައިވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން އައިކެއަރ އިން ބުނީ މުޖުތަމައުތަކަށް ވާސިލްވެ، ލޮލުގެ ސްކްރީނިންގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ ކުންފުނީގެ އިޖްތިމާއީ ޒިންމާ (ސީއެސްއާރް) ގެ މުހިންމު ބައެއް ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ގޮތެއްގައި ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ފޯރުކޮށްދިނުމާއި، ބޭނުންވާ ވަގުތު އެކަށީގެންވާ ލަފަޔާއި އިރުޝާދު ދިނުމުގައި އެ ކުންފުނިން ދެމިތިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ގަވާއިދުން ލޮލުގެ ޗެކަޕް ހެދުމުގެ މުހިންމުކަން މުޖުތަމައުތަކަށް ފޯރުކޮށްދިނުމަކީ، އައިކެއަރގެ ސީއެސްއާރް ހަރަކާތްތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.