English Edition
Dhivehi Edition
ޗެސް އެސޯސިއޭޝަންގެ ރައީސް ނޫހު

ޗެސް އެސޯސިއޭޝަނުގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ކުރެވޭ ތުހުމަތުތައް އެ އެސޯސިއޭޝަނުގެ ރައީސް ނޫހު އަލީ އިންކާރުކޮށްފިއެވެ. ނޫހު ބުނީ އެސޯސިއޭޝަނުގެ އެކައުންޓުން އޭނާގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރީ ރާއްޖޭގައި ޑޮލަރު ލިބުން ދަތިވުމުން، ޔޫރޯ ގަތުމަށް ކަމަށެވެ.

ބޭންކް ސްޓޭޓްމަންޓުން ދައްކާ ގޮތުގައި، ސަރުކާރުން އެސޯސިއޭޝަނަށް ދިން 1.5 މިލިއަން ރުފިޔާގެ ތެރެއިން 1.46 މިލިއަން ރުފިޔާ ވަނީ ނޫހާއި އޭނާގެ ދަރިފުޅުގެ އެކައުންޓަށް ޖަމާކޮށްފައެވެ. މިއީ ސަރުކާރުން ޗެސް ކުރިއެރުވުމަށް ދިން ފައިސާގެ ގާތްގަނޑަކަށް 96 ޕަސަންޓެވެ. މި މައްލަސަ ކޮމިޝަނާ އޮފް ސްޕޯޓްސްގެ އޮފީހުން ބުނީ މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މިކަމާ ގުޅިގެން ނޫހު ބުނީ އެ އެކައުންޓުތަކަށް ފައިސާ ފޮނުވީ އެކިއެކި ދަތުރުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމަށެވެ. އަދި ބޭރު ފައިސާ ލިބުން ދަތިވުމުން، އެތުލީޓުންގެ ބެލެނިވެރިން އެދިގެން ޔޫރޯ ގަތުމަށް އެގޮތަށް އަމަލުކުރީ ކަމަށް އޭނާ ބުންޏެވެ. ވަކިވަކިން ކޮންމެ މީހަކު ފައިސާ ގަންނަނަމަ ހަރަދު ބޮޑުވާނެތީ، މިއީ ހަރަދު ކުޑަކުރަން ކުރި ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.

ނޫހު އިތުރަށް ބުނީ މިއީ އެހެން ކުޅިވަރު އެސޯސިއޭޝަންތަކުން ވެސް ކަންކުރާ ގޮތް ކަމަށެވެ. ނަމަވެސް އެސޯސިއޭޝަނުގެ ބޭންކް ސްޓޭޓްމަންޓް ކުލަބުތަކާ ހިއްސާކުރުމަކީ އުސޫލާ ހިލާފު ކަމެއް ކަމަށް ބުނެ އޭނާ ވަނީ އެކަން ކުށްވެރިކޮށްފައެވެ. އޭނާ ބުނީ އެކްސްކޯ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަތައް ބޭރުވާތީ އެކަމާ ކަންބޮޑުވާ ކަމަށް ބުންޏެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން ޗެސް އެސޯސިއޭޝަނުގެ އެކްސްކޯއިން ވަނީ ނޫހު އިދާރީ މަސައްކަތްތަކުން އެކަހެރިކޮށްފައެވެ. އެހެންނަމަވެސް ނޫހު ބުނީ އެކްސްކޯއަށް އެފަދަ ފިޔަވަޅެއް ނޭޅޭނެ ކަމަށާއި، އެއީ ގަވާއިދާ ހިލާފު ނިންމުމެއް ކަމަށް ބުންޏެވެ. އޭނާ އަދިވެސް ދަނީ ފައިސާއަށް ހިޔާނާތްތެރި ނުވާ ކަމަށް ބުނަމުންނެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތަލާލް ބުނީ މި މައްސަލަ ބަލަމުންދަނީ ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް މިހާތަނަށް ނޫހު ފައިސާއަށް ހިޔާނާތްތެރިވިކަން ރަސްމީ އެއްވެސް އިދާރާއަކުން ސާބިތުކޮށްދީފައެއް ނުވެއެވެ. މި މައްސަލައިގައި ފިނޭންސް މިނިސްޓްރީން ދީފައިވާ ފައިސާ ބޭނުންކޮށްފައިވާ ގޮތް އޮފީހުން ބުނީ ވަރަށް ގާތުން ބަލާނެ ކަމަށެވެ.

ޗެސް އެސޯސިއޭޝަނުގެ ރައީސް ކަމަށް ނޫހު އިންތިހާބުވީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާ ހުރީ އެ އެސޯސިއޭޝަނުގެ ޓްރެޝަރާގެ މަގާމުގައެވެ. މިހާރު ފެންމަތިވެފައިވާ މައްސަލައަކީ ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ހިނގާފައިވާ މުއާމަލާތްތަކެއް ކަމަށް ބޭންކް ސްޓޭޓްމަންޓްތަކުން ދައްކައެވެ.