English Edition
Dhivehi Edition

“މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ” ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ.

އެ ބިލާ މެދު ކަންބޮޑުވުންފާޅުކޮށް ނޫސްވެރިން މުޒާހަރާކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ބިލް ފާސްކުރީ 60 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުގެ ތަޅުމުގައި ތިއްބެވި މެމްބަރުންގެ ތެރެއިން ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

މި ބިލު ފާސްކޮށްފައިވަނީ ވަކި ވަކި ނޫސްވެރިން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު އެއް އަހަރު ދުވަހުގެ ކުރީގެ މައްސަލަތައް ބެލޭ ގޮތަށް އޮތް މާއްދާތައް އުނިކޮށް، އިސްލާހުތަކަކާ އެކުގައެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރެވެ. މި ބިލާ ގުޅިގެން ބައެއް ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވުމުން ސަރުކާރުން އެކަންކަމަށް ރިއާޔަތްކޮށް އިސްލާހުތައް ހުށަހެޅުއްވިއެވެ.

މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމުގެ މާއްދާގައި މިހާރު ބުނެފައިވާ ގޮތުގައި އެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ، އާންމުންގެ ކިބައިން މާފަށް އެދުމާ އެކު ކޮމިޝަނުން އަންގާ ވަގުތެއްގައި ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ކުށުގެ އިސްލާހު އާންމުކުރުމަށް ނުވަތަ ކޮށްފައިވާ ކަމެއް އަނބުރާ ގެންދިއުމަށް ބަޔާނެއް އާންމުކޮށް އަންގަން ޖެހެއެވެ. މީގެ އިތުރުން މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ތެދު ނޫން މައުލޫމާތެއް ހާމަކޮށްފި ނަމަ، އެ މައުލޫމާތެއް އެއީ ތެދު ނޫން މައުލޫމާތެއްކަން އެންގުމާ އެކު ވީހާވެސް އަވަހަކަށް އެ ކަމަށް މާފަށް އެދެން ޖެހެއެވެ. އަދި އެފަދަ މައުލޫމާތު އިސްލާހުކުރާ ކަން ނުވަތަ އެކަމަށް މާފަށް އެދޭކަން އެފަދަ މައުލޫމާތެއް ހާމަކުރި ފަރާތަކުން އާންމުކޮށް އެނގޭ ގޮތަށް ހާމަކުރަންވެސް ޖެހެއެވެ.

އެގޮތަށް އަމަލުނުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި ނޫސްވެރިންނަށް އެ ފަރާތްތަކުން ހާމަކުރި ތެދު ނޫން މައުލޫމާތު ރަނގަޅުކުރުމަށް ނުވަތަ އެކަމަށް މާފަށް އެދުމަށް އެންގުމުގެ ބާރު މި ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބެއެވެ. އަދި ކޮމިޝަނުން އަންގާ އެންގުމާ އެއްގޮތަށް އަމަލުނުކުރާ ނަމަ ފިޔަވަޅު އެޅުމުގެ ބާރުވެސް ކޮމިޝަނަށް އޮވެއެވެ.

ބިލު ފާސްކުރަން ޖަލްސާ ފެށުމާ އެކު އެމްޑީޕީ މެންބަރުން ވަނީ އިހުތިޖާޖުކުރަން ފަށާފައެވެ. އެހެންވެ، އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުންގެ ނަން އިއްވާ ތަޅުމުން ވަނީ ނެރެފައެވެ.

ބިލަށް އިސްލާހުތަކެއް ގެނައި ނަމަވެސް ނޫސްވެރިން އިހުތިޖާޖުކުރަނީ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެއެވެ. އެ ގޮތުން، ނޫސްވެރިން ވަނީ ބިލު ބޭރުކޮށްލަން ގޮވާލާފައެވެ. އަދި، ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގުނުކުރައްވަން ނޫސްވެރިން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލަމުންނެވެ.