English Edition
Dhivehi Edition

މީޑިއާތައް ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ގުޅޭގޮތުން ނޫސް މަޖައްލާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަން، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

“މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން” ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ފަށާފައިވާއިރު، ނޫސްވެރިންގެ ހިޔާލު ހޯދުމުގެ މަޝްވަރާ ބައްދަލުވުން ހޯމަ ދުވަހުގެ ހެނދުނު 11 ޖަހާއިރު ބާއްވަން އެ ކޮމިޓީން ވަނީ ނިންމައިފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވޭނީ ކޮންމެ މީޑިއާއެއްގެ ފަރާތުން އެންމެ ނޫސްވެރިއެއް ކަމަށް ވެސް، މަޖިލީހުގެ އިދާރާއިން ކުރި އިއުލާނުގައިވެއެވެ. ބައްދަލުވުމަށް ހާޒިރުވުމަށް ރަޖިސްޓްރޭޝަން ފޯމެއް ފުރަންޖެހެއެވެ. ރަޖިސްޓްރޭޝަން ފޯމު ފުރުމުގެ ސުންގަޑިއަކީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10 އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލާ ގުޅޭގޮތުން މީޑިއާ އާ ބައްދަލުކުރަން ނިންމާފައި މި ވަނީ ބިލު ބޭރުކުރުމަށް ގޮވާލައި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ. ނޫސްވެރިންގެ ކަންބޮޑުވުމަކީ ނޫސްވެރިންނާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމާއި، މީޑިއާއަށް ހަރުކަށި ފިޔަވަޅު އަޅައި، ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރުމަށް މަގުފަހިވާ ގޮތަށް ބިލުގައި މާއްދާތައް ހިމަނާފައިވުމުންނެވެ.

އެ ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ބިލުން ރައީސަށް ލިބިދޭ ބާރުތައް ވެސް ދޫކޮށްލައްވަން ވެސް ވަނީ ނިންމަވައިފަ އެވެ.

ރައީސް ވަނީ މީޑިއާ ކޮންޓްރޯލް ކުރަން ޝައުގެއް ނެތް ކަމަށާއި އެ މަނިކުފާނަށް ބާރުތައް ނުލިބޭ ގޮތަށް ބިލު ފާސްކުރަން ޕީއެންސީގެ މެންބަރުންނަށް އަންގަވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.