English Edition
Dhivehi Edition

މިއަހަރުގެ ގައުމީ ދުވަސް ރަސްމީކޮށް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ހއ. އުތީމުގައި ރަސްމިއްޔާތުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

އުތީމުގައި މިއަހަރު ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ، މިއަހަރުގެ ޖެނުއަރީމަހުގެ 28ވަނަ ދުވަހު އުތީމަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އުތީމު ކައުންސިލާއި ރަށު ރައްޔިތުން ގުޅިގެން މި ރަސްމިއްޔާތު ކުލަގަދަކޮށް އެރަށުގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ފަށައިފައިވާއިރު އެކަމަށް ޚާއްސަ ބަޖެޓެއް ސަރުކާރުން ކަނޑައަޅުއްވާ، ޖުލައިމަހުގެ 5 ވަނަ ދުވަހު އެކަމުގެ ޢަމަލީ މަސައްކަތްތައް ރަށުގައި ވަނީ ފަށާފައެވެ.

އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، މިކަމަށް ބޭނުންވާ ބަޖެޓު ސަރުކާރުން ހަމަޖެއްސެވުމާގުޅިގެން، އެކަމުގެ މަޢުލޫމާތުތައް ރައްޔިތުންނާ ޙިއްސާކޮށް، މި ހުރިހާ މަސައްކަތްތައްވެސް ކުރިއަށްގެންދަނީ ރަށުގެ ހުރިހާ ރައްޔިތުން ގުޅިގެންކަމަށެވެ. އެގޮތުން ކައުންސިލުން ގޮވާލި ގޮވާލުމަށް އިޖާބަދީ، ރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދާކަމަށެވެ.

މި މަސައްކަތަށް ޚާއްސަ ޓާސްކް ފޯހެއް ރަށުގައި އެކުލަވާލާފައިވާއިރު މި ޓާސްކް ފޯހުގައި ހިމެނެނީ ކައުންސިލާ، ރަށުގެ މުވައްސަސާތަކާ އަދި ކްލަބް ޖަމިއްޔާތަކެވެ. މި ޓާސްކްފޯހުގެ މަސައްކަތަކީ ޤައުމީދުވަހާ ގުޅުވައިގެން ކުރިއަށްގެންދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކަންކަމުގައި ގޮތް ނިންމުމެވެ.

ގައުމީ ދުވަސް ފާހަގަ ކުރަނީ ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތްދަށުގައި 15 އަހަރާއި ހަ މަސް ދުވަސް ވަން ދެން އޮތުމަށް ފަހު މިނިވަން ކޮށްދެއްވި ދުވަހާއި ގުޅުވައިގެންނެވެ. އެ ދުވަސް ނިސްބަތްވަނީ އުތީމަށް އުފަންވެވަޑައިގެންނެވި އައްސުލްޠާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް (ބޮޑުތަކުރުފާނު) އަށެވެ. އުތީމުގައި ތައްޔާރުކޮށްފައިވާ އުތީމު ގަނޑުވަރުން މި ދުވަހާއި ގުޅުންހުރި ތާރީޚީ ވާހަކަތަކާއި ކަންތައްތައް ދައްކުވައިދެއެވެ.

ބޮޑުތަކުރުފާނު 11 އަހަރާއި ހަ މަސްދުވަހު ރާއްޖޭގައި ރަސްކަން ކުރެއްވުމަށްފަހު، އަވަހާރަވީ ހިޖުރައިން 1 ރަމަޟާން 993 ގައެވެ. އެއީ 18 އޮގަސްޓް 1585މ ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ ބިހުރޯޒް ކަމަނާ މިސްކިތުގެ ގޯތި ތެރޭގައެވެ. ރާއްޖޭގައި ގައުމީ ދުވަސް ފާހަގަ ކުރަނީ މި ތާރީޚާއި ދިމާކޮށެވެ.

ގައުމީ ދުވަސް ރާއްޖޭގައި ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ.