English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ އަވަށުގެ 19 ބިމެއް ދޫކުރުމަށް އެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

އޮގަސްޓް މަހުގެ 9 ވަނަ ދުވަހު އައްޑޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މި ބިންތަށް ދޫކުރަން ހަމަޖެހިފައި ވަނީ ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރީގެ މަސައްކަތްތައް ކުރުމަށް އިތުރުން، ކެފޭ ރެސްޓޯރެންޓާއި، ގާ އެޅުމުގެ މަސައްކަތުގެ އިތުރުން، ހެވީ/ލައިޓް އިންޑަސްޓްރިއަލް ބޭނުމަށެވެ.

އަދި މި ފުރުސަތު ހުޅުވާލައިފައި ވަނީ ބިން ކުއްޔަށް ހިފަން ޝައުގުވެރިވެ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަޝިޕްތަކަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

އެގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 1،500 އަކަފޫޓުން ފެށިގެން 6،493 އަކަފޫޓުގެ ބިންތަކެއް ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 300 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު، ބީލަމުގައި ރަޖިސްޓްރީ ވުމުގެ މުއްދަތު އިއްޔެ ފެށިގެން މި މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ރަޖިސްޓްރީ ވުމަށް ހުޅުވާލާފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ހަމައަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މައުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް އެ އިދާރާއިން މެއިލް ކުރާނެއެވެ.

ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައި އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

މި ބިންތައް ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި ބިންތަކުގެ ޗާޓުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދޭކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.